Roadha Mihaaru
ނަހުލާ ވިދާޅުވަނީ ޕީޕީއެމުން ސަސްޕެންޑް ނުކުރާ ކަމަށް

ނަހުލާ ވިދާޅުވަނީ ޕީޕީއެމްގެ އިންތިހާބުތަކުން އޭނާ ސަސްޕެންޑް ނުކުރާ ކަމަށް

27 ސެޕްޓެމްބަރ 2021

ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވި ކަމަށް ބުނެ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕީޕީއެމުން ދައްކާ ވާހަކަ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މިރޭ ދޮގު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވި ކަމަށް ބުނެ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވާ ކަމަށް ޕީޕީއެމުން ދައްކާ ވާހަކަ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ މިރޭ ދޮގު ކުރައްވައިފި އެވެ.

އޭނާ އެ ވާހަކަ ދޮގުކުރެއްވި ނަމަވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު މީޑިއާ އަށް ވިދާޅުވީ، ނަހުލާއާ މެދު މީގެ ދެ މަހެއްހާ ދުވަސް ކުރިން އެ ފިޔަވަޅު އަޅައިފައިވާ ކަމަށެވެ. އޭނާ ސަސްޕެންޑް ކުރީ ޕީޕީއެމްގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި 2024 ގެ ނިޔަލަށް ވާދަނުކުރެއްވޭ ގޮތަށް ކަމަށް ވެސް އެ ޕާޓީގެ އިސް އެހެން މެމްބަރަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ނަހުލާ ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފު ވެގެން އޭނާއާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ނޫސްތަކުގައި ރިޕޯޓު ކުރުމުމުން، އަބްދުއްރަހީމްގެ އަރިހުން މައުލޫމާތު ސާފު ކުރެއްވި ކަމަށެވެ. އަދި އަބްދުއްރަހީމްއާ ހަވާލާ ދެއްވައި ނަހުލާ ވިދާޅުވީ އެއީ ދޮގު ޚަބަރުތަކެއް ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި "މިހާރު" އިން އަބްދުއްރަހީމަށް ގުޅުމުން އޭނާ އެކަން ދޮގެއް ނުކުރައްވަ އެވެ. ވިދާޅުވީ، މީގެ ދެ މަހެއްހާ ދުވަސް ކުރިން ނަހުލާ އަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

ނަހުލާ ވިދާޅުވީ ސުލޫކީ މައްސަލައަކަށް ވަނީ ކޮން ކަމެއް ކަން ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަރަށް ސަރީހަކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މެމްބަރަކު ތިން އަހަރަށް ސަސްޕެންޑް ކުރަން އަސާސީ ގަވައިދުން ތަން ނުދޭ ކަމަށާއި އެންމެ ގިނަ ވެގެން އެ ފިޔަވަޅު އެޅޭނީ ހަ މަސް ދުވަހަށް ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޕީޕީއެމްގެ އަސާސީ ގަވައިދާ އަޅުގަނޑު ހިލާފް ވެފައެއް ނުވާނެ. އަޅުގަނޑު މި ދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން. މުޒާހަރާ އާއި ޖަލްސާތަކުގައި ވެސް ބައިވެރިވަމުން،" ނަހުލާ ވިދާޅުވި އެވެ.