Roadha Mihaaru
ބޮޑު ކާމިޔާބެއް: މާލޭގެ މޭޔަރުކަން މުއިއްޒަށް

ބޮޑު ކާމިޔާބެއް: މާލޭގެ މޭޔަރުކަން ބޮޑުތަފާތަކުން މުއިއްޒަށް

10 އެޕްރީލް 2021

ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމު ކަށަވަރު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެ މަގާމު ކަށަވަރު ކުރައްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މުއިއްޒާ އެންމެ ކައިރިން ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރާ، މުއިއްޒު އާ ދޭތެރޭ ނަތީޖާގެ ވަރަށް ބޮޑު ފަހަރެއް ހުރި ކަމަށެވެ.

"މިހާރު" އަށް، މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން މުއިއްޒު އަށް މިހާތަނަށް 9300 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތް އިރު އަނަސް އަށް ލިބިވަޑައިގަތީ 5500 އަށް ވުރެ ގިނަ ވޯޓެވެ. ދެން ހުރީ ބައެއް ރިސޯޓްތަކުގެ ވޯޓު ފޮށިތަކާއި ބައެއް ރަށްރަށުގައި ހުރި ވޯޓު ފޮށިތަކެވެ. އެއީ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އަދަދެއް ނޫނެވެ.

މިއީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބުކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި މާލޭގެ މޭޔަރުކަން، ޕީޕީއެމްގެ ބޭފުޅަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޭޔަރު ކަމަކީ އިންތިހާބު ކުރާ މަގާމެއް ނޫނަސް، އެ މަގާމު މުޅިން ވެސް އަދާކުރެއްވީ އެމްޑީޕީގެ ބޭފުޅުންނެވެ.

މުއިއްޒު ހޮވި އެ މަގާމަށް ހޮވި ވަޑައިގަތުމަކީ، ސިޔާސީ ބައެއް ފަރާތްތަކުން ސިފަ ކުރާ ގޮތުގައި އެމްޑީޕީ އަށް ލިބުނު ވަރަށް ލަދުވެތި ނަތީޖާ އެކެވެ. އަދި އެއީ، ސިޔާސީ ގޮތުން ވަރަށް ބޮޑަށް މަރުވެފައިވާ އިދިކޮޅު ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށް ވެސް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ޑރ. މުއިއްޒަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އިސްކޮށް ހުންނަވައިގެން މާލެ އާއި ރަށްރަށުގައި ވަނީ ވަރަށް ގިނަ މަޝްރޫއުތައް ހިންގަވައިފަ އެވެ.

ކުރިން ހީކުރި ގޮތާ ހިލާފަށް މާލޭ ކައުންސިލްގެ ބައެއް އެހެން ގޮނޑިތައް ވެސް ޕީޕީއެމްގެ ކެންޑިޑޭޓުން އަންނަނީ ކާމިޔާބު ކުރައްވަމުންނެވެ. މުއިއްޒާ އެކު ޕީޕީއެމްގެ ތިން ކެންޑިޑޭޓަކު މާލޭ ސިޓީ ކައުންސިލްގެ ގޮނޑި ވަނީ ކަށަވަރު ކުރައްވައިފަ އެވެ. މީގެ އިތުރުން ހުޅުމާލޭގެ ގޮނޑި ޕީޕީއެމުން ކަށަވަރު ކުރި އިރު، ވިލިމާލޭ ގޮނޑި ވެސް ކާމިޔާބު ކުރުން ގާތީ ޕީޕީއެމް އެވެ.

މުއިއްޒު "މިހާރު" އަށް ކުރިން ވިދާޅުވީ މި އިންތިހާބުގައި ރައްްޔިތުން ނިންމާނީ ރަނގަޅަށް ކަަމަށް އުއްމީދު ކުރައްވާ ކަަމަށެވެ. އަދި މަގާމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވެސް ވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރުކަމަށް ހޮވައިފިނަމަ ސަރުކާރާ ގުޅިގެން މަސައްކަތް ކުރިޔަސް މާލޭގެ ރައްޔިތުން އެދޭ ކަންކަމަށް އަބަދު ވެސް އިސްކަން ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން މަޝްވަރާ ކުރައްވައި، އެ ކަންކަން ސަރުކާރުގެ ތެރެއިން ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.