Roadha Mihaaru
ގެދޮރުގެ މައްސަލަ ކައުންސިލަށް ހައްލުކުރެވޭނެ: މުއިއްޒު

ޕްލޭނެއް އެބައޮތް، ބޯހިޔާވަހިކަމުގެ މައްސަލަ ކައުންސިލަށް ހައްލު ކުރެވޭނެ: މުއިއްޒު

07 މާޗް 2021

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ޕްލޭނަކާއި ތަޖުރިބާ އެބަހުރި ކަމަށާއި އެއީ ސިޓީ ކައުންސިލަށް ވެސް ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މާލެ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ޕްލޭނަކާއި ތަޖުރިބާ އެބަހުރި ކަމަށާއި އެއީ ސިޓީ ކައުންސިލަށް ވެސް ހައްލު ކުރެވޭނެ މައްސަލައެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހިންގާ "މީ މަގޭ ރާއްޖެ" ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މާލޭގައި ކުރިޔަށް ގެންދެވެން ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ވިލިމާލެ އަދި ހުޅުމާލެ ކައިރީ ހުރި އެހެން ފަޅުފަޅުގައި ހިންގޭނެ މަަޝްރޫއުތަކުގެ ޓެކްނިކަލް މައުލޫމާތާއި އެކަން ކުރާނެ ގޮތުގެ ތަޖުރިބާ އެބަހުރި ކަމަށެވެ. އަދި އެފަދަ މީހެއްގެ ހައިސިއްޔަތުން އިންތިހާބަށް ނުކުތީ އެ މައްސަލަ ހައްލު ކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ޕްލޭންތައް ސަރުކާރަށް ހުށަހަޅައިގެން ރައްޔިތުންނަށްޓަކައި އެކަން ކާމިޔާބު ކުރައްވާނެ ކަމަށާއި މާލޭ ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހާސިލްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ މާލެ ސިޓީގައި. އެންމެ ގިނަ ރައްޔިތުން ތޮއްޖެހިފައި އޮތީ މިތަނުގައި ކަމަށްވާތީ ރައްޔިތުންނަށް، މާލެ ރަށްވެހިންނަށް މި މައްސަލަ ހައްލުކޮށްދޭން ސިޓީ ކައުންސިލުން އުޅެން ޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭނީ ރައްޔިތުންގެ ވިސްނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ގުޅިފަޅާއި މާލެ ކައިރި އެހެން ފަޅުތަކަކީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އޮތް ތަނެއް ކަމުގައި އެންމެން ބުނަމުންދާއިރު އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މާލޭގައި ހައްލުކުރަން ޖެހޭ އެހެންކަންކަން ވެސް އެބަހުރި ކަމަށާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގައި ވެސް މާލެ ސިޓީ ކައުންސިލްގެ ދައުރެއް އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ޒުވާނުންނަށް އާމްދަނީ ހޯދައިދެވޭނެ ވަސީލަތް މާލެ ސިޓީ ކައުންސިލުން ފަހިކޮށްދޭން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އާމްދަނީ ހޯދައިދެވޭނެ ވަސީލަތްތައް މާލެ ސިޓީ ކައުންސިލަށް ހޯދައިދެވެން އެބަހުރި. މީގެ ކުރީގައި މިކަންކަމަށް ވިސްނާފައި ނެތުމަކީ އެއީ ނުވާނެ ކަމެއް ގޮތުގައި ގަބޫލު ކުރަން ޖެހޭނެ ސަބަބެއް ނެތް،" މުއިއްޒު ވިދާޅުވި އެވެ. "އެކަން ކުރުމުގެ ޕްލޭނާއި އެކަން ކުރުމުގެ ވިސްނުން އަޅުގަނޑާއި އަޅުގަނޑާއެކީގައި މާލެ ސިޓީއަށް ނުކުމެތިބި ކެންޑިޑޭޓުންގެ އެބައޮތް، އެކަން ހާސިލްކޮށްދޭނަން،"

މުއިއްޒު ވިދާޅުވީ ސަރުކާރުގައި އެފަދަ މަސައްކަތް ކުރާ ވުޒާރާގައި ހަ އަހަރު ދުވަހު ހިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް ލިބުނުއިރު މިފަދަ އެތައް ތަޖުރިބާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން އެގޮތުން 127 ރަށެއްގައި ބަނދަރު ހެދމުގެ މަސައްކަތް ކުރި ކަމަށާއި 97 ކިލޯމީޓަރުގެ މަގު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދިި 16 ރަށެއްގައި ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ. މާލެ އާއި އަތޮޅު ތެރޭގައި އެތަށް ހާސް ހައުސިން ޔުނިޓްތައް ވެސް އަޅާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ކައުންސިލްގެ ލެވަލްގައި މި ކަމަށް މަސައްކަތް ނުފަށައިފި ނަމަ ދެން ކޮން ދިމާލަކުންތޯ މިކަން ކުރާނީ. އެހެންވީމަ އޭޕްރިލް 10 ގައި ފާހަގަ ޖަހާއިރު ރުކަށް ފާހަގަ ޖަހާ،" މުއިއްޒު ވިދާޅުވި އެވެ.