Roadha Mihaaru
އެއްވެސް މީހަކަށް ބިރެއް ނުދައްކަން: ނަހުލާ

އެއްވެސް މީހަކަށް ބިރެއް ނުދައްކަން: ނަހުލާ

15 ޖުލައި 2021

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ނަހުލާ އަލީގެ އެންގެވުމަށް ކައުންސިލުގެ އެހެން މެމްބަރުންތަކަކަށް ބަޔަކު ބިރުދެއްކި ކަމަށް ބުނާ ވާހަކަ އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

މަރިޔަމް ޝަހުދާ މަރިޔަމް ޝަހުދާ

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ނަހުލާ އަލީގެ އެންގެވުމަށް ކައުންސިލުގެ އެހެން މެމްބަރުންތަކަކަށް ބަޔަކު ބިރުދެއްކި ކަމަށް ބުނާ ވާހަކަ އޭނާ މިއަދު ދޮގު ކުރައްވައިފި އެވެ.

ނަހުލާ އަށް ކުރާ ތުހުމަތުތައް ދޮގު ކުރެއްވިއިރު، ކައުންސިލަރުންތަކެއް ވިލިމާލެ އަށް ވަޑައިގެންނެވި ދުވަހެއްގައި، އޭނާ ވިދާޅުވެގެން ކަމަށް ބުނެ އެ ކައުންސިލަރުންނަށް ހަމަލަދޭން އުޅުނު ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

މިކަމާ ގުޅިގެން ނަހުލާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލަރުންތަކެއް ވިލިމާލެ އަށް ވަޑައިގެންނެވި ދުވަހު އޭނާ ހުންނެވީ ސަލާމުގައިކަން ރިކޯޑްތަކުން ފެންނާނެ ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާއާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ހިއްސާ ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލާ އިން ތަކެއް ވަޑައިގަންނަވާ ކަމެއް އަދި ކަމާ ގުޅޭ މައުލޫމާތެއް މޭޔާ އަޅުގަނޑާ ހިއްސާ ކުރައްވާފައެއް ނުވޭ. އެހެން ކަމުން ވަޑައިގެންނެވީ ކޮން ބޭފުޅުންނެއް ކަމެއް އަދި ކައުންސިލާއިންތަކެއް ވަޑައިގަންނަވާ ކަން ވެސް އެނގިފައެއް ނުވޭ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެހެން މީހަކު މެދުވެރިކޮށް ވެސް އެއްވެެސް މީހަކަށް ބިރު ދައްކައިފައެއް ނުވާނެ އެވެ. އަދި ވިލިމާލެ ދާއިރާގެ މީހަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޕީޕީއެމް ކައުންސިލަރަކަށް ވިއަސް މޭޔާއާ ކައުންސިލާއަކާ ގުޅޭ ގޮތުން މީޑިއާއަކަށް ކަމާބެހޭ އެއްވެސް މައުލޫމާތެއް މި ވަގުތު ހިއްސާ ކުރަން ބޭނުން ނުވޭ،" ނަހުލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި އެއްވެސް މުއައްސަސާއަކަށް ހާޒިރުކޮށްފި ނަމަ ޖަވާބުދާރީ ވާނެ ކަމަށެވެ. އޭގެ ފަހުން މީޑިއާއާ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވެގެން ކައުންސިލަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނާ ދުވަހު ވިލިމާލެ އަށް ވަޑައިގަތީ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހީމް އަބޫބަކުރާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އާމިނަތު ޔުމްނާ އަދި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ނާސިރެވެ.

ކައުންސިލަރު ޔުމްނާ "މިހާރު" އަށް ވިދާޅުވީ، ވިލިމާލެ އަށް ކުރެއްވި ދަތުރުގައި ކައުންސިލަރުންނަށް ހަމަލާދޭން ދިޔަ ކުއްޖާ ބުނެފައި ވަނީ އޭނާ އެ ޖަރީމާ ހިންގަން އުޅުނީ ނަހުލާ ފޮނުވައިގެން ކަމަށެވެ. ނަމަވެސް އެއީ ނަހުލާ ފޮނުވައިގެން ދިޔަ ބައެއް ކަމެއް ވެސް އަދި މި މައްސަލައިގައި ނަހުލާ ބޮލުގައި ތުހުމަތު އެޅުވޭ ފަދަ ހެއްކެއް ވެސް ނެތް ކަމަށް ޔުމްނާ ވިދާޅުވި އެވެ.

މި މައްސަލަ އެލްޖީއޭ އަށް ފޮނުވަން ނިންމާފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ.