Roadha Mihaaru
އިސްތިއުފާއަށް ގޮވިޔަސް ފަހަތަކަށް ނުޖެހޭނަން: ނަހުލާ

އިސްތިއުފާއަށް ގޮވިޔަސް ފަހަތަކަށް ނުޖެހޭނަން، ވިލިމާލެ އަށް ހެޔޮ ބަދަލުތަކެއް ގެންނާނަން: ނަހުލާ

10 އޯގަސްޓް 2021

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ގާތް "ހަތަރު މީހަކު" އިސްތިއުފާ އަށް ގޮވި ނަމަވެސް އެ ކަމަށް އިޖާބަ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެ އަވަށަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްގެ ގާތް "ހަތަރު މީހަކު" އިސްތިއުފާ އަށް ގޮވި ނަމަވެސް އެ ކަމަށް އިޖާބަ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެ އަވަށަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ނަހުލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ވިލިމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަހުލާގެ އެ ރައްދު އައީ މާލޭގެ ލޭންޑް ޔޫސް ޕްލޭންއާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް ސިޓީ ކައުންސިލުން ވިލިމާލޭގައި ރޭ ބޭއްވި ލައިވް އިވެންޓުގައި ވާހަކަ ދެއްކި ހަތަރު މީހަކު އޭނާގެ އިސްތިއުފާ އަށް ގޮވުމުންނެވެ.

ނަހުލާ ތުހުމަތުކުރެއްވި ގޮތުގައި އެ ހަތަރު މީހުން ނަހުލާގެ އިސްތިއުފާ އަށް ގޮވީ، އަލަށް އުފައްދަން މަސައްކަތް ކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް މެމްބަރު އުޝާމްގެ ސަބަބުންނެވެ.

ނަހުލާ ވިދާޅުވި ގޮތުގައި އިސްތިއުފާ އަށް ގޮވި ހަތަރު މީހުން ދައްކާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އެއީ ވިލިމާލޭގައި ނޫޅޭ މީހުންނަށް އޮޅުވައިލުމަށް ދެއްކި ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެ އެވެ.

އޭނާ އެ އިޝާރާތް ކުރެއްވީ ސީދާ ކޮން ވާހަކަތަކަކަށް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އުޝާމާއި އެ ހަތަރު މީހުންނަކީ ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ނަހުލާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް މަސައްކަތް ކުރި ބައެއް ކަމަށް ނަހުލާ ތުހުމަތު ކުރެއްވި އެވެ.

ނަހުލާ ވަނީ މަޖިލީހުގައި ވިލިމާލެއާ ގުޅޭ އެއްވެސް ވާހަކައެއް މިއަދާ ހަމައަށް ވެސް އުޝާމް ނުދައްކަވާ ކަން ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެފަ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި މިއަދާ ހަމައަށް ވެސް މެންބަރު އުޝާމް ވިލިމާލޭގެ އެއްވެސް ވާހަކައެއް ދައްކާފައި ނުވާއިރު އެކަމާ ސުވާލު ނުކުރައްވާތީ ހައިރާނެއް ނުވޭ،" ނަހުލާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަސްލަހަތު އަޅުގަނޑު އަބަދުވެސް އިސްކުރާނެ. މެންބަރު އުޝާމްގެ ހަތަރު ބޭފުޅަކު އިސްތިއުފާ އަށް ގޮވައިގެން ފަހަތަކަށް ނުޖެހޭނަން -- ނަހުލާ

ތަފާތު ބޮޑު ނަތީޖާއަކުން ވިލިމާލޭ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވީ ގިނަ ބައެއްގެ ބުރަ މަސައްކަތުން ކަމަށާއި އެ އަވަށުގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އަބަދުވެސް ވިލިމާލެ އަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ނަހުލާގެ ބަޔާނުގައި ދެއްވި އެވެ.