Roadha Mihaaru
ސިޓީ ކައުންސިލުން އަމަލުކުރާގޮތުން ނަހުލާގެ ކަންބޮޑުވުން

ސިޓީ ކައުންސިލުން އަމަލުކުރާ ގޮތާ މެދު ވިލިމާލޭ ކައުންސިލަރުގެ ކަންބޮޑުވުން

04 މާޗް 2023

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ކައުންސިލްގެ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ކައުންސިލްގެ ބައެއް ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ނަހުލާ ރޭ ނެރުއްވި ބަޔާނެއްގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވެސް ވިލިމާލެއާ ބެހޭގޮތުން އަމާޒުވި ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު އޭނާ އަށް ކައުންސިލުން ދީފައި ނުވާ ކަމަށެވެ.

އެ ބަޔާނުގައިވަނި އާންމުން ބައެއް ސުވާލުތައް ކުރި ވަގުތު މައިކުގެ އަޑު ކަނޑާލާފައިވާ ކަމަށާއި އަދި ބައެއް ސުވާލުތަކަށް ހަގީގަތާ ހިލާފަށް ކައުންސިލުން ޖަވާބު ދިން ކަމަށެވެ. ބައެއް ކަންކަން ކައުންސިލްގެ ޖަލްސާއަށް ގެނައުމެއް ނެތި ކައުންސިލުން ނިންމަމުންދާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

އެ ބަޔާނުގައިވާ ގޮތުން ރެޑްވޭވަށް ވިލިމާލޭ އިން ބިމެއް ދޭން އެއްބަސްވުމެއް ހަދާފައިވާ ކަމަށް މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވިޔަސް، އެކަން އެގޮތަށް ނިންމުމުގައި އޭނާގެ ބައިވެރިވުމެއް ނެތެވެ. އެ ކަމުގައި ކައުންސިލްގެ މަޝްވަރާއަ ށް މިހާތަނަށް އައިސްފައިނުވާ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"މިފަދަ އެއްބަސްވުމެއް އޮތްކަމުގައިވާ ނަމަ އެކަން ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އެނގެން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމުން އޭނާ ވަކިކުރުމަށް ފަހު، ސިޓީ ކައުންސިލްގެ ވިލިމާލޭ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އޭނާ އަށް އެންގުމެއް ނެތި އަދި ބިޑް ކުރުމާއި އިއުލާން ކުރުމެއް ނެތި ކޮމިޓީން ކަންކަން ނިންމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

ނަހުލާ މިދިޔަ އަހަރު ޕީޕީއެމުން ވަކިކުރީ އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް، އެ ޕާޓީގެ ކެންޑިޑޭޓުންނަށް އެންޓި ކެމްޕެއިން ކުރި ކަމަށް ތުހުމަތުކޮށެވެ. ޕާޓީން ވަކިކުރުމުގެ ކުރިން ވެސް އޭނާ އެ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރި އެވެ.