Roadha Mihaaru
ވިލިމާލެއިން ސްޓެލްކޯއަށް އިތުރު ބިމެއް ދޭން ކައުންސިލުން ދެކޮޅު ހަދައިފި

ވިލިމާލެއިން ސްޓެލްކޯ އަށް އިތުރު ބިމެއް ދޭން ކައުންސިލުން ދެކޮޅު ހަދައިފި

20 ޖުލައި 2023

ވިލިމާލޭ އިންޖީނުގެއާ ޖެހިގެން އޮތް ބިމުގައި ސްޓެލްކޯގެ އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން ބިން ނުދޭން މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވިލިމާލޭ އިންޖީނުގެއާ ޖެހިގެން އޮތް ބިމުގައި ސްޓެލްކޯގެ އިތުރު ޓްރާންސްފޯމަރެއް ބަހައްޓަން ބިން ނުދޭން މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަަކައިި، ސްޓެލްކޯގެ ބިމާ އިންވެގެން ޓްރާންސްފޯމަރަށް ބޭނުންވާ 30 އަކަފޫޓުގެ ބިމެއް ދިނުމަށް އެދިފައިވާ ކަމަށެވެ.

"[ބިން] ނުދީފިއްޔާ އަންނާނެ މައްސަލައަކީ ބުނާނެ ވިލިނގިލިން ކަރަންޓު ކެނޑުނީ ކައުންސިލުން ބިން ނުދީގެންނޭ،" މައްސަލަ ހުށަހަޅުއްވަމުން މުއިއްޒު ވިދާޅުވި އެވެ.

މި މައްސަލައާ މެދު ކައުންސިލް މެންބަރުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމުން ބައެއް މެންބަރުން ވަނީ ސްޓެލްކޯއާ ދެކޮޅަށް ވަރަށް ގަދައަށް ވާހަކަ ދައްކަވައިފަ އެވެ.

ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވީ ވިލިމާލޭގައި އެހެން ބިންތަކުގައި ވެސް ޓްރާންސްފޯމަރު ބެހެއްޓޭނެ ކަމަށާއި ވީއިރު ސްޓްލެކޯގެ ބިމާ ޖެހިގެން އޮތް ބިން ހޯދަން އުޅުމުން އެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑަށް މީތި ފެންނަނީ މިހާރު [ސްޓެލްކޯ އަށް] ލިބިފައި އޮތް ބިމުން އަނެއްކާ ޖެހިގެން އޮތް ބިމުން އިތުރު ބައެއް އިތުރުކޮށްލައިގެން ޖާގަ ބޮޑުކޮށްލަން މަސައްކަތް ކުރައްވާ ތަން،" ނަހުލާ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ސައިފް ފާތިހު ވިދާޅުވީ މީގެ ކުރިން ޓްރާންސްފޯމަރު ބަހައްޓަން ދިން ބިންތައް ސްޓެލްކޯއިން ބޭނުންކޮށްފައިވާ ގޮތް ވެސް ބަލަން ޖެހޭ ކަމަށެވެ.

"އެ ތަންތަނުން އާމްދަނީ ހޯދަމުން އެ ދަނީ ސްޓެލްކޯއިން، އަޅުގަނޑުމެން މަދު ލާރިކޮޅަކަށް އަކަފޫޓަކަށް ދިނީމާ އެ މީހުން އެ ތަނުގައި ކޮމާޝަލް ބޭނުމެއް ކުރަނީ، އެ މީހުން އެ ތަނުގައި ސްކްރީން ބަހައްޓައިގެން،" ބައެއް ބިންތަކުގައި ލެޑް ޕެނަލް ހަރުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ މާލީ މަންފާ ހޯދުމަށް އެ ތަންތަން ބޭނުންކުރާ ނަމަ ސިޓީ ކައުންސިލުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކުރީ މިހާރު އިންޖީނުގެ ހިންގަމުން އަންނަ ބިމުގައި ޓްރާންސްފޯމަރު ބެހެއްޓުމަށް އެންގުމަށާއި އެ ތަނުގައި ނުބެހެއްޓޭނަމަ އިތުރަށް މަޝްވަރާ ކުރުމަށެވެ. އަދި، ސްޓްލެކޯއިން ކުރިއަށް އޮތް ތިން އަހަރަށް ބޭނުންވާ ޖާގައިގެ ޕްލޭނެއް ހޯދުމަށް ވެސް ނިންމާފައިވެ އެވެ.

ސްޓެލްކޯއިން ތިން ޓްރާންސްފޯމަރެއް ބަހައްޓަން އެދުނު ބިމެއް ނުދިން މައްސަލައެއް މީގެ ކުރިން ވެސް ޖެހުނެވެ.