Roadha Mihaaru
ސްޓެލްކޯ ކައިރިން ބަންދުކުރި މަގު ނުހުޅުވުމުން ކޯޓަށް

ސްޓެލްކޯ ކައިރިން ބަންދުކުރި މަގުތައް ނުހުޅުވުމުން ކޯޓަށް ދަނީ

25 އޯގަސްޓް 2021

ސްޓެލްކޯ ހެޑް އޮފީސް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން ދިން މުއްދަތުގައި އެކަން ކޮށްފައިނުވާތީ އެ ތަންތަން ހުޅުވަން ގާނޫނީގޮތުން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްޓެލްކޯ ހެޑް އޮފީސް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން ދިން މުއްދަތުގައި އެކަން ކޮށްފައިނުވާތީ އެ ތަންތަން ހުޅުވަން ގާނޫނީގޮތުން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ކައުންސިލްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މޭޔަރު ވިދާޅުވީ އެކި މަސައްކަތްތަކަށް ބަންދުކޮށްފައިވާ މަގުތައް ހުޅުވައިދިނުމަށް މި މަހުގެ 8 ވަނަ ދުވަހު ސްޓެލްކޯއަށް އަންގައި އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ ތަންތަން ހުޅުވައިފިނަމަ މާލެއަށް ކަރަންޓު ދިނުމަށް ހުރަސްތަކާ ކުރިމަތިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވިޔަސް އެއީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ގޯޅިތައް ދިނީކީ ޖަނަރޭޓަރު ބަހައްޓާކަށް ނޫން. އަދި އެތަންތަން ދާއިމީކޮށް ބަންދުކުރާކަށް ނޫން. އޭރުގައި އެދުނު ބައެއް ކަންކަމަށް ވަގުތީގޮތުން ދިން ގޯޅިތަކެއް ނުވަތަ މަގުތަކެއް އެއީ. ނަމަވެސް އެތަންތަން ދާއިމީކޮށް ހިފައި، ބަންދުކޮށްފައި ހުރި ހުރުން އެއީ އެއްގޮތަކަށް ވެސް ކުރެވިގެންވާނެ ކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.

"އެހެންވީމަ، ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ ގޯޅިތައް ހުޅުވުމަށްޓަކައި އަޅަން ކައުންސިލުން ނިންމީ. އޭގެ ތެރޭގައި ކޯޓަށް ދިއުން ވެސް ހިމެނޭގޮތަށް އެ ގޯޅިތަކާއި މަގުތައް ހުޅުވުމަށް ގާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެން ނިންމީ،"

ސިޓީ ކައުންސިލުން ހުޅުވާލަން އެންގީ ސްޓެލްކޯގެ ހެޑު އޮފީހާ ޖެހިގެން ބަންދުކޮށްފައިވާ ގޯޅި އާއި އެ އޮފީހާއި ކުޑަކުދިންގެ ބަގީޗާ ފަހަތަށް އޮންނަ ގޯޅިއާ ގުޅިފައިވާ ފެންމީރު ހިނގުމެވެ. އަދި ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ދޮންއަދަރާދަ ހިނގުމުގެ ބައި ވެސް ހުޅުވައިލަން ވަނީ އަންގައިފަ އެވެ.

ސްޓެލްކޯގެ އިތުރުން އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް ކައިރިން ބަންދުކޮށްފައިވާ ސަރަހައްދު ހުޅުވާލުމަށް ވެސް ސިޓީ ކައުންސިލުން އެންގި އެވެ. އެއީ، އާސަހަރާ ކައިިރިން ބަންދުކޮށްފައި އޮންނަ ފަޅުމަތީ މަގުގެ ސަރަހައްދާއި ނިކަގަސް ހިނގުމުގެ ބަންދުކޮށްފައި ހުރި ބައިތަކެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "މިހާރު" އަށް ކުރިން ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުވަން އަންގާފައިވަނީ އެ ކުންފުނިން ތެޔޮ ރައްކާކުރާ ސަރަހައްދު ކަމަށެވެ. އެއީ އެމްއެންޑީއެފްގެ މަޝްވަރާއާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހަދާފައިވާ ތަނަކަށްވުމުން އެތަން ނަގަން ދަތިވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.

ނަމަވެސް ސިޓީ ކައުންސިލުން އަދި ނިންމާފައިވަނީ ސްޓެލްކޯއިން ބަންދުކޮށްފައިވާ މަގުތައް ހުޅުވުމަށް ގާނޫނީ ގޮތުން ފިޔަވަޅުތައް އަޅާށެވެ. އެމްޑަބްލިއުއެސްސީއާ ގުޅޭގޮތުން ފަހުން ގޮތެއް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.