Roadha Mihaaru
އިންޖީނުގެ ކައިރީ އުޅޭ މީހުންނަށް ގޯތި ދޭން ހުށަހަޅަނީ

ސްޓެލްކޯ ސަރަހައްދުގައި އުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ގޯތި ދޭން ކައުންސިލުން ސަރުކާރަށް ހުށަހަޅަނީ

25 އޯގަސްޓް 2021

ސްޓެލްކޯގެ އިންޖީނުގޭ ސަރަހައްދުގައި އުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ގޯތި ދިނުމަށް ސަރުކާރަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްޓެލްކޯގެ އިންޖީނުގޭ ސަރަހައްދުގައި އުޅޭ މީހުންނަށް އެހެން ސަރަހައްދަކުން ގޯތި ދިނުމަށް ސަރުކާރަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އެ ކައުންސިލުން ބޭއްވި ނިއުސް ކޮންފަރެންސްގައި، މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސްޓެލްކޯ އިންޖީނުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިރިނޫޅެވޭ ވަރު ވެފައިވާ ކަމަށެވެ. އެހެންވެ، އެހެން ހިސާބަކަށް އެ މީހުންގެ ގޯތި ބަދަލުކޮށްދިނުމަށް ކައުންސިލުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، ކައުންސިލުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށް ފަހު، އެ މީހުންނަށް ރައްކާތެރި އެހެން ހިސާބަކުން ގޯތި ހަމަޖައްސައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދެން ނިންމައިފަ އެވެ. އަންނަ ހަފުތާގައި ރަސްމީކޮށް ލިޔުން ފޮނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އިތުރު ޖަނަރޭޓަރުތައް ބަހައްޓައި ބޮޑުކުރަމުން ގޮސް، އިންޖީނުގެ އާއްމުން ދިރިއުޅޭ ސަރަހައްދާ 15 ފޫޓު ކައިރިވެފައިވާ ކަމަށެވެ. އެ ރައްޔިތުން އުނދަގޫތައް ތަހައްމަލުކުރާތާ 13 އަހަރުވެފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރައްޔިތުން ދިރިއުޅޭ ސަރަހައްދާ އެހާ ކައިރީގައި އިންޖީނުގެ ހިންގާތީ ވަރަށް ބޮޑެތި ގެއްލުންތައް ވޭ. ހަގީގަތުގައި އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހާލަތު އަޅުގަނޑު ސިފަކުރަނީ އެއީ ޓޯޗާއެއް ކަމަށް. އެ ހާލަތުގައި ރައްޔިތުން ދިރިއުޅެމުން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.

މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް، ކުޑަކުދިންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ވަގުތީގޮތުން ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ މާލެއަށް ކަރަންޓު ބޭނުންވާ ވަރު އިތުރުވަމުންދާތީ ކަރަންޓު ނުކެނޑި ހިފެހެއްޓުމަށެވެ. ނަމަވެސް، އެ ޖަނަރޭޓަރުތަކުގެ ސަބަބުން އުނދަގޫތަކާ ކުރިމަތިވާ ކަމަށް ބުނެ އެޗްއާރުސީއެމާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނެސްފައި ވެ އެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. މުއިއްޒު ވިދާޅުވީ ގޯތި ބަދަލުކުރުމަށް ކައުންސިލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

"މި ދެންނެވި އާއިލާތަކުގެ ހައްގުގައި ސިޓީ ކައުންސިލުން މި ނިންމި ނިންމުމަކީ އެ އާއިލާތަކުން އެދިފައިވާ ގޮތަށް، އެ އާއިލާތަކަށް މިހާރުން މިހާރަށް އެހެން ތަނަކުން ގޯތިދޭން ޖެހޭކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ސްޓެލްކޯ އިން ބުނެފައި ވަނީ މާލޭގައި ބަހައްޓާފައިވާ އިންޖީނުތަކުގެ ސަބަބުން އާއްމުންނަށް ދަތިވާ ކަމުގެ ޝަކުވާތައް ކުރަމުން ދިޔަ ނަމަވެސް އެ ކަމަށް އެ ކުންފުނިން ހައްލު ހޯދާފައިވާ ކަމަށެވެ.

ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ ކުންފުނިން ގްރިޑް ޕްރޮޖެކްޓް ފެށީ އިންޖީނުތަކުގެ ސަބަބުން އާއްމުނަށް ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އަދި އިންޖީނުގެ މިހާރު ހުރި ވަރަށް ވުރެ އިތުރު ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.