Roadha Mihaaru
ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވައިލަން އަންގައިފި

ސްޓެލްކޯ، އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މަގުތައް/ގޯޅިތައް ހުޅުވަން ކައުންސިލުން އަންގައިފި

08 އޯގަސްޓް 2021

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސްތައް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން މާލޭ ސިޓީ ކައުންސިލުން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސްތައް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން މާލޭ ސިޓީ ކައުންސިލުން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާ ޖެހިގެން ބަންދުކޮށްފައިވާ ގޯޅި އާއި އެ އޮފީހާއި ކުޑަކުދިންގެ ބަގީޗާ ފަހަތަށް އޮންނަ އެ ގޯޅިއާ ގުޅިފައިވާ ފެންމީރު ހިންގުން ހުޅުވައިލަން ކައުންސިލުން މިއަދު އަންގާފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ދޮންއަދަރާދަ ހިނގުމުގެ ބައި ވެސް ހުޅުވައިލަން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން އެމްޑަބްލިއުއެސްސީން އާސަހަރާ ކައިިރިން ބަންދުކޮށްފައި އޮންނަ ފަޅުމަތީ މަގުގެ ސަހައްދާއި ނިކަގަސް ހިނގުމުގެ ބަންދުކޮށްފައި ހުރި ބައި ވެސް ހުޅުވައިލަން ސިޓީ ކައުންސިލުން އެންގި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި އެ މަގުތަކާއި ގޯޅިތައް ހުޅުވައިލަން ސްޓެލްކޯ އަށާއި އެމްޑަބްލިއުއެސްސީ މަސް ދުވަހުގެ މުއްދަތެއް ދޭން ޖެހުނީ އެއީ އާއްމުންނަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާ ސަރަހައްދުތައް ކަމަށް ވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާއާ ހެދި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓު --

ހަލާކުވެފައިވާ އުޅަނދުތަކާއި ނުދުއްވާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް މާލޭގެ މަގުތަކުން ނެގުމުގެ މަސައްކަތް ވެސް މާލޭ ސިޓީ ކައުންސިލުން މީގެ ހަފުތާއެއްހާ ދުވަސް ކުރުން ފެށި އެވެ. ނަމަވެސް، އެކަން ކުރިއަށް ގެންދަނީ އިންސާފުން ނޫން ކަމަށް ބުނެ ޝަކުވާ ލިބުމާ ގުޅިގެން ވަނީ ވެހިކަލްތައް ނެގުން ވަނީ މަޑުޖައްސާލައިފަ އެވެ.

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ބޭނުމަށް ބަންދު ކޮށްފައިވާ ގޯޅިތަކާއި މަގުތައް ހުޅުވައިލުމަށް މާލޭ ސިޓީ ކައުންސިލުން މުއްދަތެއް ދިން އިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯ އަށް ދޫކޮށްފައިވާ ބިމުގައި ހުރި ބައެއް ތަކެތި ސިޓީ ކައުންސިލުން ނަގައި އެ ކައުންސިލުން އެ ބޭނުންކުރާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.