10 މެއި 2022
ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ފެބުރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، ސަރުކާރު ވައްޓާލުމުގެ ފަހަތުގައި ހުންނެވި އެންމެ އިސް މޭސްތިރިއަކީ އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް އޭރު ރައީސަކަށް ހުންނެވި އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ، އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު ކަނޑައަޅާފައިވާ 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް ވެސް ކަނޑައެޅި އެވެ. އެ އަމުރާއެކު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅަކީ މައުމޫނެވެ.
ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން، އެއްބަފާ ކޮއްކޯފުޅު ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ހައްޔަރުކުރި މައުމޫން ފުލުހުންގެ ލޯންޗެއްގައި ދޫނިދު އަށް ގެންދަނީ.---ފައިލް ފޮޓޯ: މިހާރު
އޭގެ ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު ޔާމީން ހިއްސާކުރެއްވީ ޕީޕީއެމްގެ ފަރާތުން މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ކަމަށް ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ވިލިމާލޭގައި މިއަދު ހަވީރު ބޭއްވި ހަރަކާތުގަ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޕީޕީއެމުން ވާދަކުރައްވާ ފާތިމަތު ނާޒިމާގެ ކެމްޕެއިން ހަރަކާތަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ވިލިމާލެއަށް ވަޑައިގަތުމުން ސަޕޯޓަރުން މަރުހަބާ ދަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޔާމީން ވިދާޅުވީ، އެކި މައްސަލަތަކާ ގުޅިގެން ސަރުކާރު ޖަވާބުދާރީ ކުރުމަށް އިދިކޮޅުން މަގުމައްޗަށް ނުކުތުމުން އެކަމަށް ހުރަސް އަޅަމުން ދަނީ ސިފައިންނާއި ފުލުހުން ނެރެގެން ކަމަށެވެ. ވަޒީފާގެ ދަހިވެތިކަމުގައި ސިފައިންގެ އިސްވެރިން އެ ތަނަށް އަލަށް ވަންނަން ކުދިން ނެރެ އެ ހިންގަމުންދާ ކަންކަން ޔާމީން ކުށްވެރި ކުރެއްވި އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ޖެނަރަލް ޝަމާލާއި އެހެން ޖެނެރަލުންނަށް. އަބަދަކު މަގާމަކު ނުތިބެވޭނެ. އަނެއްކާ ވެސް މިވާ ގޮތަކީ ގާތް މީހަކާ ދޭތެރޭގައި ފިޔަވަޅު އެޅީމާ އަޅުގަނޑުހާ ގޯސް މީހަކު ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިހާރުގެ ޗީޕް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނަރަލް އަބްދުﷲ ޝަމާލަކީ އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށާއި އެކަމަކު ހާލަތު ބަދަލުވެއްޖެ ނަމަ ޝަމާލާ މެދު ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް ކަމަށެެވެ.
ޝަމާލަކީ އާއިލީ ބޭފުޅެއް ކަމަށް ވިދާޅުވެ ދެން ޔާމީން ފެއްޓެވީ މައުމޫނުގެ ވާހަކަފުޅެވެ. އެ މަނިކުފާނު ވިދާޅުވީ، މައުމޫނު ހައްޔަރުކުރީ ކުށެއް ނުކުރައްވައި ހުންނަވަނިކޮށް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން [މައުމޫން ހައްޔަރު ކުރެއްވީ]. ދައުލަތުގެ ހައްގަކަށް އަރައިގަނެ، ސްޕްރީމް ކޯޓުގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތްކުރި މީހުންގެ ތެރޭގައި އެންމެ އިސް މޭސްތެރިއަކަށް ހުންނެވި ހުންނެވުމާ އެކީ ދައުލަތަށް މަޖުބޫރުވީ،" މިހާރުގެ އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި، އެ ނިންމުން ނިންމަވަން މަޖުބޫރުވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެ ގޮތަށް ކަނޑައެޅުމުންނެވެ. ދައުލަތުގެ ވަޒީރުންނާއި އެމްއެންޑީއެފްގެ ޗީފް އަދި ވައިސް ޗީފް ވެސް އިންނަވާ އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް މައުމޫން ހައްޔަރުކުރީ ކަމަށް ޔާމީން ވިދާޅުވި އެވެ.
"...މީގެ ހަގީގަތް އެނގިވަޑައިނުގަންނަވާތީ އަޅުގަނޑު މިއަދު މި ދަންނަވާލަނީ. އެއީ އަޅުގަނޑުގެ ނިންމުމެއް ނޫން... އެ މައްސަލަ ހުށަހެޅުއްވީ ވެސް އަޅުގަނޑެއް ނޫން. މައުމޫނު ޖަލަށް ލާން ނިންމީ އެ ކޮމިޓީން،" ޔާމީން ވިދާޅުވި އެވެ.
ފެބްރުއަރީ 19، 2015 ގައި ބޭއްވި ޕީޕީއެމް-އެމްޑީއޭގެ ރެލީއެއްގައި ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެ ބޭފުޅުން ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެކަން ހިނގައިދިޔަ ގޮތް ހިއްސާކުރެއްވުމަށް ފަހު ޔާމީން ވިދާޅުވީ، ގާތް މީހެއް ކަމަށް ވިޔަސް މުޅި ދައުލަތުގެ ހައްގަކަށް އަރައިގަންނަ ހިސާބުން އެ ވަގުތު ދައުލަތް ހިންގަން ހުންނަ ބޭފުޅަކު ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އަޅުއްވަން ޖެހޭ ކަމަށެވެ.
"އެހެންވީމާ ޖެނަރަލް ޝަމާލަށް ވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ގާނޫނާ ހިލާފު ގަރާރެއް ނެރެގެން ގާނޫނާ ހިލާފަށް ކުރާ އަމުރުތައް ތަންފީޒު ކުރަން ފުލުހުންނާއި ސިފައިން މަސައްކަތް ނުކުރައްވަން. އަބަދަކު އެއްގޮތަކަށް ހާލަތެއް ނޯންނާނެ،" އިންޒާރެއް ދެއްވަމުން ޔާމީން ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން ހިންގާ ހަރަކާތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް އިޝާރާތް ކުރައްވަމުން ޔާމީން ވިދާޅުވީ، ގަރާރެއްގެ ތެރެއިން ރައީސަށް ގާނޫނު ނުހެއްދެވޭނެ ކަމަށެވެ. އެކަމަކު ހިޔާލުފާޅުކުރުމުގެ ހައްގު މަޖިލީހުގެ ތެރެއިން އެމްޑީޕީ އަށް ހަނިކުރެވިދާނެ ކަމަށާއި އެ ގޮތަށް ނިންމައިފި ނަމަ ހިތް ނުރުހުނަސް އަމަލުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން ބޭނުން ނަމަ މަޖިލީހުން ކެރިގެން ހަތަރު ބައިކުޅަ ތިން ބައިގެ އަގުލަބިއްޔަތުން އެމްޑީޕީން ނިންމަންވީ. އޭރުން ހިތް ނުރުހުނަސް އެ ކަމަށް ތަބާވާނަން. އެއީ ގާނޫނުއަސާސީގައި އެ ކަން ކުރަން އޮންނަ ގޮތް ކަމަށް ވާތީ،" ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ރައީސް ނެރުއްވި ގަރާރަކީ ގާނޫނީ ބާރެއް އޮތް ގަރާރެއް ނޫން ކަމަށާއި އެ އަށް އަމަލުކުރަން ނުޖެހޭނެ ކަަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވިދާޅުވީ މަލިކު ވެސް ދިވެހިންގެ އަތުން އިންޑިއާ އިން ފޭރިގަތީ ކަމަށެވެ.
މައުމޫންގެ ހެއްކާ ގުޅޭ ޓްވީޓް ޑިލީޓް ކުރައްވައިފި
ސިއްރު ހެކި ބަހަކީ އޮންނަ އެއްޗެއް ނޫން: މައުމޫން
އިންތިހާބުގެ މައްސަލައަށް ތަދައްޚުލްވުމުގެ ފުރުސަތު ދީފި
ސުޕްރީމް ކޯޓަށް ރައީސް އަޒުލް ކުރެވިދާނެތަ؟
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ޔާމީންގެ ކެންޑިޑެސީ މައްސަލަ ކޯޓުން ބަލައިގެންފި
ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަ ވެސް ބަލައެއްނުގަތް
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް