Roadha Mihaaru
ރާއްޖޭގައި ކުއްތާއެއް ގެންގުޅޭތީ ފެންނަ ވީޑިއޯއެއް

ރާއްޖޭގައި ކުއްތާއެއް ގެންގުޅޭތީ ފެންނަ ވީޑިއޯއެއް

28 އެޕްރީލް 2022

ރާއްޖޭގެ ފަޅުރަށަކަށް ކުއްތާއެއް ބާލައިގެން ގެންގުޅޭތީ ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ފަޅުރަށަކަށް ކުއްތާއެއް ބާލައިގެން ގެންގުޅޭތީ ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ކުއްތާ އަކީ، ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން، ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެތެރެކުރުން މަނާ ޖަނަވާރެކެވެ. ރާއްޖެއަށް އަންނަ ބޭރުގެ އުޅަނދުތަކުގައި ގެންގުޅޭ ކުއްތާ އަދި މަނާ ކެޓަގަރީއަށް ފެތޭ ޖަނަވާރު ވެސް ރާއްޖެއަށް ބޭލުމަކީ މަނާ ކަމެކެވެ.

ޓިކްޓޮކްގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ މުށި ކުލައިގެ ކުއްތާއެއް ފަޅު ރަށެއްގެ އަތިރިމަތީގައި ގެންގުޅެ އެސޮރު މޫދަށް އެރުވާ މަންޒަރެވެ.

ދިވެއްސެއް ކަމަށް ބެލެވޭ ފިރިހެނަކު ކުއްތާއާ އެކު ރަށުގެ އަތިރިމަތީ އުޅޭ ތަނާއި އެސޮރު މޫދަށް އެރުވާތީ ވެސް ވީޑިއޯއިން ފެނެ އެވެ. ރާއްޖެއަށް އައި ބޭރުގެ އުޅަނދަކުން ބާލައިގެން އުޅުނު ކަމަށް ބެލެވޭ ކުއްތާއާ އެކު ބޭރު މީހަކު ވެސް އުޅެ އެވެ.

ޓިކްޓޮކްގައި ވީޑިއޯ އާންމުކުރި "ޖެން ޑާލިން" އޭގެ ކެޕްޝަންގައި، "ވަން އޮފް ދަ ބެސްޓް ޑޭސް އިން މޯލްޑިވްސް" އޭ ޖަހާފައިވެ އެވެ. އަދި އެއާ އެކު ބޭނުންކޮށްފައިވާ ހޭޝްޓެގްތަކުން އެނގޭ ގޮތުގައި ކުއްތާ ބާލައިގެން ގެންގުޅެފައި ވަނީ ސޭންޑް ބޭންކެއްގަ އެވެ.

ވީޑިއޯ އަށް އަރާ ލިޔުންތަކުގައި ވެސް، ކުއްތާ އަކީ ރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ކަމާއި މިގޮތަށް ރާއްޖޭގައި ކުއްތާއެއް ގެންގުޅެވުމަކީ އާދަޔާ ހިލާފް ކޫލް ކަމެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވެ އެވެ. ޓިކްޓޮކްގައި ވީޑިއޯ އާންމުކުރި މީހާ އަކީ، ޓިކްޓޮކް ޕްރޮފައިލުން ފެންނަ ގޮތުގައި ރާއްޖޭގައި އުޅޭ ކެނެޑާ މީހެކެވެ.

ހާއްސަ ހުއްދައާ އެކު ރާއްޖެއަށް ކުއްތާ އެތެރެކުރެވުނަސް މިއީ ހުއްދަ ހޯދައިގެން ގެނެސްގެން އުޅުނު އެއްޗެއް ކަމެއް ނޭނގެ އެވެ.

ގާނޫނުގައި އޮންނަ ގޮތުން ކުއްތާ އެތެރެ ކުރެވޭނީ ލިޔުމަކުން ޑިފެންސް މިނިސްޓްރީގެ ހުއްދަ ލިބިގެން އަދި އެ މިނިސްޓްރީން ކަނޑައަޅާ ގަވާއިދާ އެއްގޮތަށެވެ.

ރާއްޖެ އެތެރެކުން މަނާ އެއްޗެއް ގާނުނާ ހިލާފަށް އެތެރެކޮށްފިނަމަ ނުވަތަ އުފައްދައިފި ނަމަ ހަ މަހާއި ދެ އަހަރުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 5،000ރ - 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރެވޭނެ އެވެ.