Roadha Mihaaru
ބައިޑެންގެ ކުއްތާ ދަތްއަޅާތީ ގަނޑުވަރުން ބޭރުކޮށްފި

ބައިޑެންގެ ކުއްތާ ދަތްއަޅާތީ ގަނޑުވަރުން ބޭރުކޮށްފި

05 އޮކްޓޯބަރ 2023

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ ކުއްތާ، ކޮމާންޑަރު، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބޭރުކޮށްފައިވާ ކަމަށް އެ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ ކުއްތާ، ކޮމާންޑަރު، އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބޭރުކޮށްފައިވާ ކަމަށް އެ ގަނޑުވަރުން އިއްޔެ ބުނެފި އެވެ.

ރައީސް ބައިޑެންއާ އެކު ރިއާސީ ގަނޑުވަރުގައި އުޅެމުން އަންނަ ކޮމާންޑަރު ގަނޑުވަރުން މި ބޭރުކުރީ، އެ ގަނޑުވަރުގެ ބައެއް މުވައްޒަފުންނާއި ރައީސް ބައިޑެންގެ ބައެއް ހަށިފާރަވެރިންގެ ގައިގައި، އެ ކުއްތާ ދަތްއެޅުމުގެ ހާދިސާތައް ތަކުރާރުވާން ފެށުމުންނެވެ. ބައިޑެންގެ އަނބިކަނބަލުން ބިލް ބައިޑެންގެ ތަރުޖަމާނު އެލިޒަބަތު އެލެގްޒެންޑާ ވިދާޅުވި ގޮތުގައި ގަނޑުވަރުގެ މުވައްޒަފުންނާއި ހަށިފާރަވެރިންގެ ރައްކަލަށްޓަކައި، ކޮމާންޑަރު މިހާރު ވަނީ ގަނޑުވަރުން ބޭރުކޮށްފަ އެވެ.

ނަމަވެސް އެ ކުއްތާ ގެންދިޔައީ ކޮން ތަނަކަށް ކަމެއް އަދި އެއީ ވަގުތީ ގޮތުން އެޅި ފިޔަވަޅެއް ކަމެއް ތަރުޖަމާނު ވިދާޅެއްނުވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ބައިޑެން އާއި އަނބިކަނބަލުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެ ބޭފުޅުންގެ ރައްކާތެރިކަމަށްޓަކައި ތިބޭ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށެވެ.

ވައިޓް ހައުސްގެ ތެރެއިން ކޮމާންޑަރު އެންމެ ފަހުން އާންމުންނަށް ފެނިފައިވަނީ، ރައީސް ބައިޑަން ދިރިއުޅުއްވާ ބައިގެ ބެލްކަނީގައި އޮއްވަ އެވެ. ކޮމާންޑަރު ވައިޓް ހައުސް އިން ބޭރުކުރިކަން ރިއާސީ ގަނޑުވަރުން މި އިއުލާން ކުރީ، އެ ގަނޑުވަރުގެ ޕްރެސް ސެކްރެޓަރީ ކެރީން ޖޭން-ޕިއާގެ ގައިގައި ވެސް އެ ކުއްތާ ދަތްއެޅި ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

ރައީސް ބައިޑެންގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސީކްރެޓް ސާވިސް އިން ބުނެފައިވާ ގޮތުގައި އެ އިދާރާގެ 11 އޮފިސަރެއްގެ ގައިގައި، ރައީސްގެ ކުއްތާ ދަތްއަޅާފައިވެ އެވެ. ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ބުނެފައިވާ ގޮތުގައި ވައިޓް ހައުސްގެ ސަލާމަތީ ކަންތައް ބަލަހައްޓާ އޮފިސަރެއްގެ ގައިގައި، ކޮމާންޑަރު ދަތް އެޅުމުގެ ސަބަބުން އެ އޮފިސަރަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

ރައީސް ބައިޑެން އާއި އަނބިކަނބަލުންނާ އެކުގައި ދެ ކުއްތާ އާއި ބުޅަލެއް ވެސް ވައިޓް ހައުސްގައި ގެންގުޅެ އެވެ.