Roadha Mihaaru
ބައިޑެންގެ ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި

ޖޯ ބައިޑެންގެ ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި

15 މާޗް 2021

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އޮޅުކޮށްގެން ގެންގުޅުއްވާ ދެ ކުއްތާގެ ތެރެއިން އެކަތި ވައިޓް ހައުސްގެ މުވައްޒަފުންތަކެއްގެ ގައިގައި ދަތް އެޅި ހާދިސާއަކަށް ފަހު ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އޮޅުކޮށްގެން ގެންގުޅުއްވާ ދެ ކުއްތާގެ ތެރެއިން އެކަތި ވައިޓް ހައުސްގެ މުވައްޒަފުންތަކެއްގެ ގައިގައި ދަތް އެޅި ހާދިސާއަކަށް ފަހު ކުއްތާތައް ވައިޓް ހައުސް އިން ބޭރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ އެ ހާދިސާއާ ގުޅިގެން މީގެ ހަފުތާއެއްހާ ދުވަސްކުރިން، ދެ ކުއްތާ ކަމަށްވާ ޗޭމްޕް އާއި މޭޖާ ޑެލަވެއާގެ ވިލިމިންޓަންގައި ހުންނަ ބައިޑެންގެ އާއިލީ ގެއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކުއްތާތައް ވައިޓް ހައުސް އަށް ގެންދިޔައީ ޖެނުއަރީ މަހުގެ 20 ގައި ބައިޑެން ހުވާ ކުރެއްވިތާ ހަތަރު ދުވަސް ފަހުންނެވެ.

އިތުބާރު ހުރި ބަޔަކާ ހަވާލާދީ މީޑިއާތަކުން ބުނީ ވައިޓް ހައުސް އިން ބައިޑެންގެ ދެ ކުއްތާ ބޭރުކޮށްލަން ޖެހުނީ އޭގެ ތެރެއިން ތިން އަހަރުގެ މޭޖާ ފަހަކަށް އައިސް މާ ބޮޑަށް ހަލަނިވެ، ހަރުކަށިވެ، ވައްވައް ޖަހައި ވައިޓް ހައުސްގެ މުވައްޒަފެއްގެ އިތުރުން ސެކިއުރިޓީއެއްގެ ގައިގައި ދަތް އެޅުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ.

މޭޖާ އާއި ޗޭމްޕް އަކީ ބައިޑެން އާއި އަނބިކަނބަލުން ޖިލް ބައިޑެން ދަރިންހެން ވަރަށް ލޯބިން ގެންގުޅުއްވާ ދެ ކުއްތާ އެވެ. ޗޭމްޕް އަށް މިހާރު 13 އަހަރެވެ.

އެމެރިކާގެ ރައީސްކަން ކުރެއްވި ގިނަ ބޭފުޅުންނަކީ ވައިޓް ހައުސްގައި އޮޅު ކުއްތާ ގެންގުޅުއްވި ބޭފުޅުންނެވެ. ނަމަވެސް ބައިޑެންގެ ކުރިން ވެރިކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕަކީ ފާއިތުވި 100 އަހަރުގެ ތެރޭގައި ކުއްތާއަކާ ނުލައި ވަޑައިގެންނެވި ފުރަތަމަ ރައީސެވެ.

ބައިޑެން ކުއްތާތަކާ އެކު ވައިޓް ހައުސް އަށް ވަޑައިގަންނަވާތީ ނޮވެމްބަރު މަހުގެ ފަހުކޮޅު ޓްރަމްޕް ފާޑު ވެސް ވިދާޅުވެފައިވެ އެވެ. މޭޖާއާ އެކު ކުޅުއްވަނިކޮށް ބައިޑެން ވެއްޓިވަޑައިގެން ކަނާތު ފައިގެ ތަނބިކަށީގައި ރެނދުލައިގެން ފަރުވާ ހޯއްދެވި ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައި ވަނީ ވައިޓް ހައުސްގައި ދެން ވެރިކަން ކުރާނީ ކުއްތާ ކަމަށެވެ.