27 އެޕްރީލް 2022
ޕޮލެންޑާއި ބަލްގޭރިއާ އަށް ގުދުރަތީ ގޭސް ފޮނުވުމަށް ރަޝިޔާ އިން އަޅާފައިވާ ގޭސް ހޮޅި މެދުވެރިކޮށް އެ ދެ ގައުމަށް ގޭސް ފޮނުވުން ރަޝިޔާ އިން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.
ޕޮލެންޑާއި ބަލްގޭރިއާ އަށް ގުދުރަތީ ގޭސް ފޮނުވުމަށް ރަޝިޔާ އިން އަޅާފައިވާ ގޭސް ހޮޅި މެދުވެރިކޮށް އެ ދެ ގައުމަށް ގޭސް ފޮނުވުން ރަޝިޔާ އިން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.
ޕޮލެންޑް ސަރުކާރުގެ ގޭސް ކުންފުނިން ބުނި ގޮތުގައި ރަޝިޔާގެ ގައުމީ ގޭސް ކުންފުނި، ގޭޒްޕްރޮމް އިން ޕޮލެންޑަށް ގޭސް ފޮނުވުން ހުއްޓައިލަން ނިންމީ، ރަޝިޔާ އިން އެންގި ގޮތަށް، ރަޝިޔާގެ ފައިސާ އިން ގޭހުގެ އަގު އަދާކުރުމަށް ޕޮލެންޑް ސަރުކާރުން ދެކޮޅު ހެދުމުންނެވެ. މިއަދުން ފެށިގެން ގޭސް ފޮނުވުން ހުއްޓައިލިކަން ގޭޒްޕްރޮމް އިން ރަސްމީކޮށް ޕޮލެންޑް ސަރުކާރަށް އެންގީ އިއްޔެ އެވެ.
ވިލާތުގެ ބައެއް ގައުމުތަކަށް ގޭސް ފޮނުވުން ހުއްޓައިލަން ރަޝިޔާ އިން ނިންމި ޚަބަރު ހުޅަނގުގެ ނޫސްތަކުގައި ޝާއިއުކުރުމާ އެކު، އެމެރިކާގައި އިއްޔެ އިން ފެށިގެން ވަނީ ގޭހުގެ އަގު ތިން ޕަސެންޓަށް އުފުލިފަ އެވެ.
ބަލްގޭރިއާގެ ހަކަތައާ ބެހޭ ވަޒީރު އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ ގައުމަށް ރަޝިޔާ އިން ފޮނުވަމުން އައި ގުދުރަތީ ގޭސް، މިއަދުން ފެށިގެން ނުފޮނުވާނެ ކަން، ރަޝިޔާގެ ގޭޒްޕްރޮމް އިން އިއްޔެ ވަނީ ރަސްމީކޮށް އަންގައިފަ އެވެ. އޭނާ ވިދާޅުވީ ރަޝިޔާގެ ގޭހަށް ރުބެލް އިން އަގު އަދާކުރަން ޖެހުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް އެއްބަސްވެއްޖެ ނަމަ ބަލްގޭރިއާ އަށް ވަރަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާނެ ކަމަށެވެ.
ހަކަތައާ ބެހޭ ވަޒީރުގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރަޝިޔާ އިން ބަލްގޭރިއާ އަށް ފޮނުވަމުން އައި ގޭހަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މިހާތަނަށް އައީ ދައްކަމުންނެވެ. ނަމަވެސް ރުބެލް އިން އަގު ދެއްކުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން، ރަޝިޔާ އަށް ދަތިކުރުމަށް ވިލާތުގެ ގައުމުތަކުން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ރަޝިޔާގެ ބޭންކުތަކާ އެކުގައި ވިޔަފާރީގެ މުއާމަލާތު ނުކުރުމާއި، ރަޝިޔާ އިން ތެޔޮ ގަތުން ހުއްޓައިލުން ހިމެނެ އެވެ.
ދަތިކުރުމަށް އެޅި ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާ އިން ނިންމީ، އެ ގައުމުން ވިލާތުގެ ގައުމުތަކަށް ވިއްކަމުން އަންނަ ތެލާއި ގޭހަށް، ޑޮލަރާއި ޔޫރޯގެ ބަދަލުގައި ރަޝިޔާގެ ފައިސާ ރުބެލް އިން އަގު އަދާކުރުމަށެވެ. ނަމަވެސް، އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން، ވިލާތުގެ ގައުމުތަކުން ރަޝިޔާގެ މި ނިންމުން ގަބޫލެއް ނުކުރެ އެވެ.
ރަޝިޔާގެ ގޭސް ލިބުން ދަތިވެދާނެ ކަމަށް ވިސްނައިގެން، ބަލްގޭރިއާ ސަރުކާރުން ވަނީ ރަޝިޔާގެ ގޭހުގެ ބަދަލުގައި، ގޭސް ލިބޭނެ އެހެން އިންތިޒާމުތަކެއް ހަމަޖައްސައިފަ އެވެ. އެއީ ކޮން އިންތިޒާމުތަކެއް ކަން ބަލްގޭރިއާ ސަރުކާރުން ނުބުނި ނަމަވެސް، މިހާލަތުގައި ގޭހުގެ އަގުތައް މައްޗަށް ނުދާނެ ކަމަށާއި ގޭސް ވިއްކުން ކޮންޓްރޯލް ވެސް ނުކުރާނެ ކަމަށް ބަލްގޭރިއާ ސަރުކާރުން ބުނެ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޕޮލެންޑަށް އެތެރެކުރި ގުދުރަތީ ގޭހުގެ 53 ޕަސެންޓް އެތެރެ ކޮށްފައިވަނީ ރަޝިޔާގެ ގޭޒްޕްރޮމް ކުންފުނިންނެވެ. އަދި ބަލްގޭރިއާ އަށް އެތެރެކުރާ ގުދުރަތީ ގޭހުގެ 90 ޕަސެންޓަކީ ރަޝިޔާގައި އުފައްދާ ގޭހެވެ.
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާގެ ގޭހަށް ރުބެލް އިން އަގު ދައްކަން އަންގައިފި
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފެއިލްވެއްޖެ
ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަނީ
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ދަތިކުރުން ހުއްޓައިލީމަ ނޫނީ ގޭހެއް ނުލިބޭނެ: ރަޝިޔާ
ގޭހަށް ޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ޔޫރަޕުން: ރަޝިޔާ