24 މާޗް 2022
ރަޝިޔާގެ ރަހްމަތްތެރި ނޫން ގައުމުތައް ރަޝިޔާ އިން ގަންނަ ތެލަށް މީގެ ފަހުން އަގު ދައްކަންޖެހޭނީ ރުބެލް އިން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ނިންމަވައިފި އެވެ.
ރަޝިޔާގެ ރަހްމަތްތެރި ނޫން ގައުމުތައް ރަޝިޔާ އިން ގަންނަ ތެލަށް މީގެ ފަހުން އަގު ދައްކަންޖެހޭނީ ރުބެލް އިން ކަމަށް އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ނިންމަވައިފި އެވެ.
ރައީސް ޕުޓިންގެ މި ނިންމެވުމުގެ ސަބަބުން، ވިލާތުގެ ގައުމުތަކުގައި ހަކަތައިގެ ބާވަތްތައް ލިބުން ދަތިވެދާނެ ކަމުގެ ބިރު އުފެދުމާ ގުޅިގެން، ވިލާތުގެ ގައުމުތަކުގައި އިއްޔެ އިން ފެށިގެންވަނީ ގޭހުގެ އަގުތައް އުފުލެން ފަށައިފަ އެވެ. ރަޝިޔާއަކީ ގުދުރަތީ ގޭސް އެންމެ ގިނަ އަދަދަކަށް ދުނިޔޭގެ ބާޒާރަށް ނެރޭ ގައުމަށް ވާއިރު، ވިލާތުގެ ގައުމުތަކުގައި އެންމެ ގިނައިން ބޭނުންކުރަނީ ރަޝިޔާ އިން އެކްސްޕޯޓްކުރާ ގުދުރަތީ ގޭހެވެ.
އޭގެ އިތުރުން ވިލާތުގެ ގައުމުތަކުގެ އިގްތިސާދީ ސިނާއަތްތަކަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ވެސް ގިނައިން ބޭނުންކުރަނީ ރަޝިޔާ އިން އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކާއި ގޭހުގެ ބާވަތްތަކެވެ. ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ހަނގުރާމަ ފެށުމާ ގުޅިގެން، އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމުގެ ގޮތުން، އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ، ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓައިލުމަށް ނިންމައިފަ އެވެ. ވިލާތުގެ ގައުމުތަކުން އެކަމާ މެދު މިހާތަނަށް ވަކި ގޮތެއް ނުނިންމަ އެވެ.
ރަހްމަތްތެރި ނޫން ގައުމުތައް ކަމަށް ރަޝިޔާ އިން ކަނޑައަޅާފައިވާ ގައުމުތަކުގެ އަދަދަކީ 49 އެވެ. އޭގެ ތެރޭގައި، އެމެރިކާ، ކެނެޑާ، އޮސްޓްރޭލިޔާ، އޮސްޓްރިއާ، ބެލްޖިއަމް، ބަލްގޭރިއާ، ކްރޮއޭޝިޔާ، ސައިޕްރަސް، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، ނެދަލޭންޑް، ނިއު ޒީލޭންޑް، ނޯވޭ، ޕޯޗުގަލް، ދެކުނު ކޮރެއާ އަދި އިނގިރޭސި ވިލާތް ހިމެނެ އެވެ. މި ލިސްޓުގައި މެދުއިރުމަތީގެ އެއްވެސް ގައުމެއް އަދި އިސްލާމީ ގައުމެއް ވެސް ހިމަނާފައެއް ނެތެވެ.
އެމެރިކާގެ ފިއްތުންތަކާ އެކު ވިލާތުގެ ގައުމުތަކުން ވެސް، ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައިފި ނަމަ، އެ ގައުމުތަކަށް ވެސް އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ އެވެ. އެ ގެއްލުން ފޫބެއްދުމުގެ ގޮތުން، ދުނިޔޭގެ ބާޒާރަށް އިތުރު ތެލާއި ގޭސް ނެރުމަށް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ މެދުއިރުމަތީގެ އަރަބި ގައުމުތަކަށް ބާރުއަޅަމުންނެވެ.
ރަޝިޔާ އަށް ދަތިކުރަން ހުޅަނގުން މަސައްކަތް ކުރާއިރު، ރަޝިޔާ އިން އަންނަނީ އޭގެ ރައްދުގައި ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވީ އެ ގައުމުގެ ތެލާއި ގޭސް ގަންނަން ބޭނުން ނަމަ، ރަޝިޔާގެ ފައިސާ ބޭނުންކޮށްގެން ގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
"އަހަރެމެންގެ ގޭސް ކަލޭމެން ބޭނުން ނަމަ، އަހަރެމެންގެ ފައިސާ ގަނޭ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިހާރު އެއްބަސްވެފައި އޮތް އަގަށާއި އެއްބަސްވެފައި އޮތް މިންވަރަށް، ރަޝިޔާ އިން ގުދުރަތީ ގޭސް ފޯރުކޮށްދޭނަން. ހަމައެކަނި ބަދަލު އަންނާނީ އޭގެ އަގު އަދާކުރަންޖެހޭ ފައިސާގެ ބާވަތަށް. އެކަން ބަދަލުވެގެން ދާނީ ރަޝިޔާގެ ރޫބެލް އަށް،" ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ އެކުގައި ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ރައީސް ޕުޓިން ވިދާޅުވި އެވެ.
ވިލާތުގެ އިއްތިހާދުގެ ހުރިހާ ގައުމުތަކުގައި ބޭނުންކުރާ ގޭހުގެ ގާތްގަނޑަކަށް 40 ޕަސެންޓަކީ ރަޝިޔާ އިން އެކްސްޕޯޓްކުރާ ގޭހެވެ. މި އަހަރުގެ ތެރޭގައި ވެސް ރަޝިޔާ އިން ވިލާތުގެ ގައުމުތަކަށް އެވްރެޖް ގޮތެއްގައި ދުވާލެއްގެ މައްޗަށް 880 މިލިއަން ޑޮލަރުގެ ގޭސް ވިއްކާފައިވެ އެވެ.
ޕުޓިން ވިދާޅުވީ ރަހްމަތްތެރި ނޫން ގައުމުތަކާ އެކުގައި ރަޝިޔާ އިން ކުރާ ގުދުރަތީ ގޭހުގެ ވިޔަފާރި، ރަޝިޔާގެ ފައިސާ އިން ކުރާ ގޮތަށް ބަދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރަށާއި މަރުކަޒީ ބޭންކަށް އޮންނާނީ އެއް ހަފުތާގެ މުއްދަތެވެ. އަދި ރަޝިޔާގެ ފައިސާ އިން އަގު އަދާކުރުމަށްޓަކައި، މިހާރު ސޮއިކޮށްފައި ހުރި އެއްބަސްވުންތަކަށް ބަދަލުތައް ގެނައުމަށް، ސަރުކާރުގެ ގޭސް ކުންފުނި ގޭޒްޕްރޮމް އަށް އަންގަވާނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
ގޭޒްޕްރޮމް އިން ބުނި ގޮތުގައި މި އަހަރުގެ ޖެނުއަރީ 27ގެ ނިޔަލަށް ނިމިފައި ހުރި ގޭހުގެ ވިޔަފާރީގެ މުއާމަލާތްތަކުގެ 58 ޕަސެންޓް މުއާމަލާތަށް އަގު ދައްކާފައި ހުރީ ޔޫރޯ އިންނެވެ. އެމެރިކާ ޑޮލަރުން އަގު އަދާކޮށްފައި ހުރީ ގާތްގަނޑަކަށް 39 ޕަސެންޓް މުއާމަލާތަށެވެ. އިނގިރޭސި ޕައުންޑުން އަގު އަދާކޮށްފައި ހުރީ އެންމެ ތިން ޕަސެންޓް މުއާމަލާތަށެވެ.
ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާ އަށް އިގްތިސާދީ ގޮތުން ދަތިކުރިޔަސް، އެ ގައުމުގެ ތެލާއި ގޭހުގެ ވިޔަފާރިއަށް ދަތިކުރުމަށް، ވިލާތުގެ ގައުމުތަކުން ދެކޮޅެވެ. އެކަމަށް ތާއީދުކުރަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުންނެވެ.
ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ފެއިލްވެއްޖެ
ރަޝިޔާ އިން ޕޮލެންޑާއި ބަލްގޭރިއާ އަށް ގޭސް ނުވިއްކާނެ
ޕުޓިން، އިގްތިސާދީ ހާއްސަ ފިޔަވަޅުތަކެއް އަޅުއްވައިފި
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ޔޫރަޕަށް ގޭސް ފޮނުވާ ހޮޅި ރަޝިޔާ އިން ބަންދުކޮށްފި
ދޫދިނުމަށް ފަހު، ރަޝިޔާގެ ތެޔޮ ވިލާތުގައި މަނާކޮށްފި
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ރަޝިޔާ އިން ޔޫރަޕަށް ހިލޭ ގޭހެއް ނުދޭނެ
ރަޝިޔާގެ ތެޔޮ މަނާކުރުމާ ހަންގެރީ ދެކޮޅު