Roadha Mihaaru
ބާލިން އަށް ހަމަލާ ދިން މީހާ އިޓަލީގައި މަރާލައިފި

ބާލިން އަށް ހަމަލާ ދިން ކަމަށް ބެލެވޭ މީހާ އިޓަލީގައި މަރާލައިފި

23 ޑިސެމްބަރ 2016

މިލާން (ޑިސެމްބަރު 23) - ޖަރުމަނުގެ ކްރިސްމަސް މާރުކޭޓަަކަށް ވެއްދި ލޮރީން ޖައްސާ 12 މީހުން މަރާލި ކަމަށް ބެލެވޭ އަނީސް އަމްރީ މިލާނުގައި ފުލުހުން ބަޑިޖަހާ މަރާލައިފި ކަމަށް އިޓަލީގެ ދާހިލީ ވަޒީރު މާކޯ މިނިއްޓީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މިލާން (ޑިސެމްބަރު 23) - ޖަރުމަނުގެ ކްރިސްމަސް މާރުކޭޓަަކަށް ވެއްދި ލޮރީން ޖައްސާ 12 މީހުން މަރާލި ކަމަށް ބެލެވޭ އަނީސް އަމްރީ މިލާނުގައި ފުލުހުން ބަޑިޖަހާ މަރާލައިފި ކަމަށް އިޓަލީގެ ދާހިލީ ވަޒީރު މާކޯ މިނިއްޓީ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިލާނުގައި ފުލުހުން ޕެޓްރޯލް ކުރުމުގައި އައިޑީ ކާޓު ކޮބައިތޯ ސުވާލު ކުރުމާ އެކު އެމީހާ ބަޑި ޖެހީ ކަމަށެވެ. މި ހަމަލާގައި ޒަހަމްވި ފުލުސް މީހާގެ ހާލު ސީރިއަސް ނޫން ކަމަށް އިޓަލީގެ މީޑިއާތަކުން ބުނެ އެވެ. އިޓަލީ ފުލުހުން ބަޑިޖަހާ މަރާލި މީހާގެ އިނގިލީގެ ނިޝާން އަމްރީއާ ދިމާވާ ކަމަށް ވެސް އިޓަލީ ފުލުހުން ބުނެ އެވެ. ޖަރުމަނުގެ އޮފިޝަލުން ބުނީ މާރުކޭޓަށް ވެއްދި ލޮރީގައި ހުރި އިނގިލީގެ ނިޝާން އަމްރީއާ ދިމާވާ ކަމަށެވެ.

އިޓަލީގެ ނިއުސް އެޖެންސީ އަންސާ އިން ބުނީ އަނީސް އަމްރީ ފްރާންސުން ޓިއުރިން އަށް ރޭލުގައި ދަތުރު ކުރުމަށް ފަހު އެހެން ރޭލެއްގައި މިލާނަށް ދަތުރުކޮށްފައިވާ ކަމަށެވެ.

ޓިއުނީޝިއާގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމްރީ ވަނީ ތަފާތު ކުށްތަކުގައި އިޓަލީގައި 2011 ވަނަ އަހަރު ޖަލަށްލައިފަ އެވެ. އޭނާ ޖަލުން ދޫކޮށްލުމަށް ފަހު ވަނީ ގައުމުން ބޭރުވުމަށް އަންގައިފަ އެވެ. އޭނާ ފަހުން ޖަރުމަނަށް ގޮސް މި އަހަރުގެ އެޕްރީލް މަހު ވަނީ ހިމާޔަތް ހޯދަން ހުށަހަޅައިފަ އެވެ.

އަމްރީ ހޯދަން މަގުފަހިވާ ފަދަ މައުލޫމާތެއް ދިން މީހަކަށް 104،000 ޑޮލަރު ޖަރުމަނުގެ ފެޑެރަލް ޕްރޮސެކިއުޓަރުން ވަނީ ހުށަހަޅައިފަ އެވެ.