Roadha Mihaaru

ޓެރަރިސްޓު ހަމަލާތަކެއްގެ އިންޒާރަށް މުމްބާއީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

މުމްބާއީގައި ޓެރަރިސްޓު ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އެ ސިޓީގެ ޓްރެފިކް ފުލުހުންގެ ވަޓްސްއެޕް ނަންބަރަކަށް ފޮނުވި މެސެޖަކާ އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

މުމްބާއީއަށް ޓެރަރިސްޓު ހަމަލާތަކެއްގެ އިންޒާރު ދީފި

މުމްބާއީގައި ޓެރަރިސްޓު ހަމަލާތަކެއް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އެ ސިޓީގެ ޓްރެފިކް ފުލުހުންގެ ވަޓްސްއެޕް ނަންބަރަކަށް ފޮނުވި މެސެޖަކާ އެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ފުލުހުން ބުނީ އަމިއްލައަށް މަރުވެގެން ހަމަލާދޭން ތައްޔާރުވެގެން ތިބި މީހުންނާ އެކު 34 ވެހިކަލެއް ހަމަލާއަށް ތައްޔާރުވެފައިވާ ކަމަށް ބުނެ އިންޒާރުގެ މެސެޖެއް ލިބިފައިވާ ކަމަށެވެ.

މި އިންޒާރު ދީފައި މި ވަނީ ހިންދޫންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ އަނަންތު ޗަޓޫރުތީ ކުރިއަށް ދަނިކޮށެވެ. މިހާރު ކުރިއަށްދަނީ މި ފެސްޓިވަލް ނިންމާލުމަށް އޮންނަ ބޮޑެތި އެއްވުންތަކުގެ ތައްޔާރީތަކެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ޓްރެފިކް ފުލުހުންނާ ހަވާލާދީ ބުނީ އިންޒާރުގެ މެސެޖު ލިބުނީ އިއްޔެ ކަމަށެވެ.

ޕީޓީއައި އިން ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ ބުނީ ކްރައިމް ބްރާންޗާއި އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) އާއި ކަމާ ގުޅުން ހުރި އެހެން އިދާރާތަކަށް މި މައުލޫމާތު މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.

މިއީ "ލަޝްކަރޭ ޖިހާދީ" ގެ އިންޒާރެއް ކަމަށާއި މި ހަމަލާއަށް ޕާކިސްތާނުން 14 ޓެރަރިސްޓަކު އިންޑިއާއަށް އެތެރެވެފައިވާ ކަމަށް ވެސް މީޑިއާގައި އެ ޖަމާއަތުގެ މެސެޖެއް ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ. އޭގައިވާ ގޮތުން ހަމަލާ ދިނުމަށް 400 ކިލޯގްރާމްގެ އާރްޑީއެކްސް ބޭނުންކުރާނެ އެވެ.

ފުލުހުން ބުނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށާއި ވަކިން ހާއްސަކޮށް، މުހިންމު ތަންތަނުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށެވެ.