Roadha Mihaaru
ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

ބޯ ވާރޭގެ ސަބަބުން ފެންބޮޑުވެ މުމްބާއީ ހުއްޓުމަކަށް

06 ޖުލައި 2022

އިންޑިއާގެ މާލީ ވެރިރަށުގެ ގޮތުގައި ބަލާ މުމްބާއީ އަށް ބޯކޮށް ވާރޭ ވެހި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫ އަރައި، މުޅި ސަހަރު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އިންޑިއާގެ މާލީ ވެރިރަށުގެ ގޮތުގައި ބަލާ މުމްބާއީ އަށް ބޯކޮށް ވާރޭ ވެހި ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫ އަރައި، މުޅި ސަހަރު ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުމުގެ މި ދުވަސްވަރު މުމްބާއީ އަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް، މިހާރު ކުރަމުން ދަނީ އާދަޔާ ޚިލާފު ގަދަ ވިއްސާރައެއް ކަމަށް އެ ސަހަރުގައި ދިރިއުޅޭ އާންމުން ބުނެ އެވެ. މުމްބާއީ އަށް މެދު ނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، މުޅި ސަހަރުގެ ބޮޑު ބައެއްގައި ކަކޫތާފެނަށް ފެން ބޮޑުވެފައި ވާތީ، އެއްގަމު ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފަ އެވެ.

ކުރިއަށް އޮތް ފަސް ދުވަހު ވެސް ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން މިހާރު ވަނީ މުމްބާއީ އަށާއި އެ ސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކަށް އޮރެންޖު ސަމާލު ނެރެފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އެހީތެރިވާ ޓީމުތައް މިހާރު ވަނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

މުމްބާއީ ވެސް ހިމެނޭ މަހާރާޝްތުރާ ސްޓޭޓަށް، ބޯކޮށް ވާރޭ ވެހުމަކީ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރަށް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. މި ދުވަސްވަރު ރަނގަޅަށް ވާރޭ ވެހުމަކީ، އެ ސަރަހައްދުގައި ދަނޑުވެރިކަމުން ބަނޑުފުރާނަ މުއްތިކުރާ ދަނޑުވެރިންގެ ވަރަށް ބޮޑު އުންމީދެއް ނަމަވެސް، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭ ވެހުމުން ދަނޑުވެރިންނަށް ވެސް ލިބެނީ ގެއްލުމެވެ.

މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މިހާރަކަށް އައިސް އެ ސަރަހައްދަށް ވާރޭ ވެހެމުން ދަނީ، މީގެ ކުރިން އާންމު ގޮތެއްގައި އެ ސަރަހައްދަށް ވާރޭ ވެހޭ ގޮތާ މުޅިން ތަފާތު ގޮތަކަށެވެ. ދުރާލައި ލަފާ ނުކުރެވޭ މިންވަރަށް ކުއްލި ކުއްލިއަށް މޫސުން ބަދަލުވުމާއި، އާދަޔާ ޚިލާފަށް ބޯކޮށް މާ ގިނައިރު ވަންދެން ވާރޭ ވެހުމަކީ، މި ފަހަކަށް އައިސް މެދުވެރިވާ ކަންތައް ކަމަށް އެ މީހުން ބުނެ އެވެ.

ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ ވަރަށް ގިނަ މީހުންނަކީ، ދުވަހު މުސާރަ އަށް މުމްބާއީގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނެވެ. އެހެންކަމުން، އިންޑިއާގެ މާލީ އަދި ސިނާއީ ހަރަކާތްތަކުގެ މައި ބަދައިގެ ގޮތުގައި ބެލެވޭ މުމްބާއީގައި ފެންބޮޑުވުމާ ގުޅިގެން، އެތައް ބަޔަކު މިހާރު ތިބީ އާމްދަނީ ހޯދޭނެ ގޮތެއް ނެތިފަ އެވެ.