Roadha Mihaaru
ބާލިންގެ މާކެޓަކަށް ލޮރީއެއް ވައްދާލާ 12 މީހުން މަރު

ބާލިންގެ ކްރިސްމަސް މާކެޓަކަށް ލޮރީއެއް ވައްދާލާ 12 މީހުން މަރާލައިފި

20 ޑިސެމްބަރ 2016

ބާލިން (ޑިސެމްބަރު 20) - ޖަރުމަނުގެ މެދުތެރޭގައި މީހުން ގިނަ ސަރަހައްދެއްގެ ކްރިސްމަސް މާރުކޭޓެއްގެ ތެރެއަށް ލޮރީއެއް ވައްދާލާ 12 މީހުން ރޭ މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބާލިން (ޑިސެމްބަރު 20) - ޖަރުމަނުގެ މެދުތެރޭގައި މީހުން ގިނަ ސަރަހައްދެއްގެ ކްރިސްމަސް މާރުކޭޓެއްގެ ތެރެއަށް ލޮރީއެއް ވައްދާލާ 12 މީހުން ރޭ މަރާލައިފި އެވެ.

ޖަރުމަނުގެ ދާޚިލީ ވަޒީރު ތޯމަސް ޑި މައިޒަރީ ވިދާޅުވީ މިއީ ގަސްދުގައި ދީފައިވާ ހަމަލާއެއް ކަމަށެވެ. ފުލުހުން ބުނީ ލޮރީގެ ޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. ލޮރީ ވައްދާލި މާރުކޭޓް ހުންނަނީ ބާލިންގެ އެންމެ ބޮޑު ޝޮޕިން ސްޓްރީޓާ ވެސް ކައިރީގަ އެވެ. މި ހަމަލާގައި ޒަޚަމްވެގެން 50 މީހުން ވަނީ ހޮސްޕިޓަލަށް ގެންދަން ޖެހިފަ އެވެ.

ސަލާމަތީ ފަރާތްތަކުން ބުނެފައި ވަނީ ލޮރީގެ ޑްރައިވަރަކީ އަފްޣާނިސްތާން ނުވަތަ ޕާކިސްތާނުން ފެބްރުއަރީ މަހު ޖަރުމަނަށް ގޮސް ހިމާޔަތް ހޯދާފައިވާ މީހެއް ކަމަށެވެ. މާރުކޭޓް ތެރެއަށް ވައްދާލި ލޮރީ ރަޖިސްޓްރީ ކޮށްފައި ވަނީ ޕޮލެންޑުގަ އެވެ. ފުލުހުން ބުނީ މިއީ ކޮންސްޓްރަކްޝަން ސައިޓަކުން ވަގަށް ނަގާފައިވާ ލޮރީއެއް ކަމަށް ބެލެވޭ ކަމަށެވެ. ލޮރީގެ ޕޮލެންޑުގެ ވެރި މީހާ ވަނީ ޑްރައިވަރު އިއްޔެ އިން ފެށިގެން ގެއްލިފައިވާކަން ޔަގީން ކޮށްދީފަ އެވެ.

ބާލިންގެ ކްރިސްމަސް މާރުކޭޓަކަށް ލޮރީ ވައްދާލި ސަރަހައްދު ޖަރުމަނުގެ ކަމާ ބެހޭ އޮފިޝަލުން އިންސްޕެކްޓް ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބާލިންގެ ކްރިސްމަސް މާރުކޭޓަކަށް ލޮރީ ވައްދާލި ސަރަހައްދު ޖަރުމަނުގެ ކަމާ ބެހޭ އޮފިޝަލުން އިންސްޕެކްޓް ކުރަނީ. --ފޮޓޯ:އޭއެފްޕީ

މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ޖަރުމަނުގެ ކަމާބެހޭ ފަރާތްތަކުން އަދި ނުނިންމަ އެވެ. ދާޚިލީ ވަޒީރު ވިދާޅުވީ މިއީ ކޮން ބާވަތެއްގެ ހަމަލާއެއްކަން ނިންމާނީ ތަހުގީގަށް ފަހު ކަމަށެވެ.

ދަގަނޑު އަރުވާ ބަރުކޮށްފައިވާ ލޮރީ މާރުކޭޓުގެ ތެރެއަށް ވަދެ މީހުން ގައިގައި ޖެއްސީ މާރުކޭޓުގައި އެންމެ މީހުން ގިނަ ވަގުތުގަ އެވެ. ލޮރީ ދުއްވި ސްޕީޑު ބާރުވުމުން އެ ތަނުގައި ހުރި ހަޓްތައް ވެސް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. ފުލުހުން ބުނީ މާރުކޭޓުގެ ތެރެއަށް 50-80 މީޓަރަށް ލޮރީ ވައްދާލި ކަމަށެވެ.

ހަމަލާ އިން ސަލާމަތްވި އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު ބުނީ އޭނާ ގައިގައި ނުޖެހި ދިޔައީ ކިރިޔާ ކަމަށެވެ. ބާމިންހަމަށް ނިސްބަތްވާ މީހާ ބުނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ކަމަށެވެ.

މި ބާވަތުގެ ހަމަލާއެއް ފްރާންސްގެ ނީސްގައި ވެސް ވަނީ ޖުލައި 14 ވަނަ ދުވަހު ދީފަ އެވެ. ފްރާންސްގެ ގައުމީ ދުވަސް ފާހަގަ ކުރަން އެތައް ބަޔަކު އެއްވެފައި ވަނިކޮށް ބާރު ސްޕީޑުގައި ދިޔަ ލޮރީއަކުން ޖައްސާ 86 މީހުން ވަނީ މަރާލައިފަ އެވެ. އެ ހާދިސާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ.