Roadha Mihaaru
ފައިވާނާއި ބޫޓު އެއްކުރާ ހިޔަޅެއް

ފައިވާނާއި ބޫޓު އެއްކުރާ ހިޔަޅެއް

03 އޯގަސްޓް 2020

އިނގިރޭސިވިލާތުގެ މީހަކު އޮޅުކޮށްގެން ގެންގުޅޭ ބުލަޅެއް ގޮގްލް ހޮވައިގެން ގެއަށް ގެންނަ ވާހަކަ މީގެ ދުވަސްކޮޅެއް ނޫސްތަކަށް އެރި އެވެ. މި ފަހަރު އަނެއްކާ ވެސް މިއޮތީ ހަމަ މި ޒާތުގެ ވާހަކައެކެވެ. މިއީ ޖަރުމަނުގެ ހިޔަޅެއްގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުގެ މީހަކު އޮޅުކޮށްގެން ގެންގުޅޭ ބުލަޅެއް ގޮގްލް ހޮވައިގެން ގެއަށް ގެންނަ ވާހަކަ މީގެ ދުވަސްކޮޅެއް ނޫސްތަކަށް އެރި އެވެ. މި ފަހަރު އަނެއްކާ ވެސް މިއޮތީ ހަމަ މި ޒާތުގެ ވާހަކައެކެވެ. މިއީ ޖަރުމަނުގެ ހިޔަޅެއްގެ ވާހަކަ އެވެ.

މަކަރުވެރި ކަމަށް އަރައި ހުންނަ ޖަނަވަރާއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހިޔަޅަކު ކުރާ ކަމަކީ އޭތި ދިރިއުޅޭ ބާލިންގެ ޒެލެންޑޯފް ނެއިބަހުޑްގެ މީހުންގެ ފައިވާނާއި ބޫޓު ނެގުމެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ކޮންމެވެސް މީހެއްގެ ފައިވާނެއް ނުވަތަ ބޫޓެއް ގެއްލޭ މައްސަލަ ބޮޑުވެގެން އުޅެނިކޮށް މިދިޔަ ހަފުތާގައި މީހަކަށް ފެނުނީ ހިޔަޅެއް ފައިވާނެއް ޖަހައިގެން ދަނިކޮށެވެ. އޭތި ދާ ތަނެއް ފާރަލަމުން ގޮސް ބެލި އިރު، އެތަނުގައި އެ ނޫން އެއްޗެއް ނެތެވެ.

އެއްކޮށްފައި ހުރި އެއްޗެހި ގުނި އިރު 100 އަށް ވުރެ ގިނަ އެވެ. މި އެއްޗެހީގެ ފޮޓޯ ޖަރުމަނުގެ ނޫހެއް ކަމަށްވާ ޓެޖެސްޕީގެލްގެ އެޑިޓަރު ފެލިކްސް ހެކެންބްރޯ ޓްވިޓާގަިއ ވެސް ހިއްސާކޮށްފައިވެ އެވެ.

ހިޔަޅު ފައިވާނެއް ހިފައިގެން ދަނިކޮށް ފެނުނު މީހާ އެ ނޫހަށް ކިޔައިދިން ގޮތުގައި ފައިވާނާއި ބޫޓް ގެއްލޭތާ ދުވަސްތަކެއްވެފައި ވަނިކޮށް މިކަމެއް ކުރަނީ ހިޔަޅުކަން އެނގުމުން ވަރަށް ހައިރާންވި އެވެ. އަދި މަޖާ ކަމަކަށް ވެސްވި ކަމަށް ބުންޏެވެ.

"ނޫކުލައިގެ ދެ ފައިވާން ކިބަ ގެންދަނިކޮށް ދަނިކޮށް ފެނިގެން ފާރަލީ." އޭނާ ބުންޏެވެ. "ހިޔަޅު އެއްކޮށްފައި ހުރި އެއްޗެހީގެ އަދަދު ސަތޭކަ އަށް ވުރެ ގިނަ."

އޭނާ ބުނި ގޮތުގައި ބޮޑަށް ސުވާލު އުފެދުނީ މި އެއްޗެހި ނަގައިގެން ހިޔަޅުކުރަން އުޅޭ ކަމަކާ ދޭތެރޭގަ އެވެ. އެކަމަކު ފަހަރުގައި އެއީ ހިޔަޅުގެ "ހޮބީއަކަށް ވެސްވެދާނެ" ކަމަށް ބުންޏެވެ.