Roadha Mihaaru
ސަފާރީތަކަށް ފީ ބޮޑުކުރުމަކީ ތަފާތުކުރުން: އެންބީއޭއެމް

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމަކީ ތަފާތުކުރުން: ބޯޓިން އެސޯސިއޭޝަން

11 އެޕްރީލް 2022

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމަކީ ތަފާތުކުރުން ކަމަށާއި އެ ރަށު ސިޓީ ކައުންސިލްގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމަކީ ތަފާތުކުރުން ކަމަށާއި އެ ރަށު ސިޓީ ކައުންސިލްގެ ނިންމުމާ މެދު ކަންބޮޑުވާ ކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ބުނެފި އެވެ.

އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން، ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމާފައިވާތީ، މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.

އެންބީއޭއެމްގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) "މިހާރު" އަށް ވިދާޅުވީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމުމާ ގުޅިގެން ޖެނުއަރީ މަހު އެ ކައުންސިލާ އެ އެސޯސިއޭޝަނުން ބައްދަލުކުރި ކަމަށެވެ. އެ ނިންމުމަށް އަމަލުކުރަން ފަށާނީ ކަމާބެހޭ އެހެން ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެ ބައްދަލުވުމުގައި ކައުންސިލުން ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އޭގެ ފަހުން އެއްވެސް މަޝްވަރާކުރުމެއް ނެތި، ކައުންސިލުން ކުއްލިއަކަށް ބޮޑު އަގެއް ނަގަން އެ ނިންމީ،" އިއްސެ ވިދާޅުވި އެވެ.

"އެއީ ވަރަށް ދެރަކޮށް ނިންމި ނިންމުމެއް."

އިއްސެ ވިދާޅުވި ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކުގެ ހާބަރުތަކުން ފީ ނަގަނީ ވަކި ވައްތަރެއްގެ އުޅަނދަށް ބަލައިގެން ނޫން ކަމަށާއި އެ އަގު ބިނާވަނީ އުޅަނދެއްގެ ކުޑަބޮޑު މިނާއި ބަނދަރުގައި އޮންނަ ވަގުތަށް ކަމަށެވެ. އެހެންވެ، ސިޓީ ކައުންސިލުން ހަމައެކަނި ސަފާރީތަކުން ވަކި އަދަދަކަށް ފީ ނަގަން ނިންމުމަކީ ތަފާތުކުރުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ފުވައްމުލަކު ބޭރުގައި އޮތް ސަފާރީއެއް: އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އައްމާދު

ފުވައްމުލަކު ބޭރުގައި އޮތް ސަފާރީއެއް: އެ ރަށުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: އައްމާދު

"ފުވައްމުލަކު ބަނދަރަށް ވަދޭ ސަފާރީތަކަށް ވުރެ ވެސް މާ ބޮޑެތި ބޯޓުފަހަރު. އެއިން ނަގާ ޖާގަ މާ ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ފީއެއް ނަގަން ޖެހޭނެ ކަމަށް. އެކަމަކު އެ އަގަކީ ވަރަށް ބޮޑު އަދަދެއް."

އޭނާ ވިދާޅުވީ، އެއީ ލާމަރުކަޒީ ގާނޫނުން ކައުންސިލަށް ލިބިފައިވާ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށާއި ސަފާރީ ދުއްވާ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އައްސަވާއި ކައުންސިލްގެ އެ ނިންމުން ބަދަލުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށު ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް އޮވެ އެވެ.