Roadha Mihaaru
ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ކުޑަކޮށްފި

ފުވައްމުލަކުގައި ސަފާރީތަކުން ދެ އަގެއް ނަގަން ކަނޑައަޅައި، ފީ ކުޑަކޮށްދީފި

11 އެޕްރީލް 2022

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމުން، ސަފާރީ ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، މިއަދު އަގުތައް ކުޑަކޮށްދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ 500 ޑޮލަރު (7،710ރ.) އަށް ބޮޑުކުރުމުން، ސަފާރީ ދުއްވާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާތީ، މިއަދު އަގުތައް ކުޑަކޮށްދީފި އެވެ.

ސިޓީ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، ސަފާރީތަކުން ނަގާ ފީ މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމުމަށް ހެނދުނު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ތަފާތު ދެ އަގެއް ނަގަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސަފާރީތަކަށް ކަނޑައެޅި އަގުތައް:

- 100 ފޫޓަށް ވުރެ ކުޑަ ސަފާރީތަކުން ދުވާލަކަށް 150 ޑޮލަރު (2،313ރ.)

- 100 ފޫޓަށް ވުރެ ދިގު ސަފާރީތަކުން ދުވާލަކަށް 200 ޑޮލަރު (3،084ރ.)

އެ އަގުތަކަށް ފީ ދައްކަން ޖެހޭނީ މި މަހު 21 އިން ފެށިގެން ކަމަށް ކައުންސިލުން ބުންޏެވެ.

އަގުތައް މުރާޖައާ ކުރީ، ފުވައްމުލަކުގައި ސަފާރީތަކުން ނަގާ ފީ ބޮޑުކުރުމާ ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ އެސޯސިއޭޝަނުން ސިފަކުރި ގޮތުގައި، ހަމައެކަނި ސަފާރީތަކުން ބޮޑު ފީ ނަގަން ނިންމުމަކީ ތަފާތުކުރުމެވެ.

ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ 50 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރަން، ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައި ނިންމާފައި ވާތީ، މި މަހުން ފެށިގެން އެ ނިންމުމަށް އަމަލުކުރަން ފެށީ އެވެ.

ފުވައްމުލަކު ކައުންސިލުން ބުނީ ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތާއީދާ އެކު އެވެ.

ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އާންމު ގޮތެއްގައި ދުވާލަކު އެ ރަށުގެ ބަނދަރަށް ހައެއްކަ ސަފާރީ ވަދެ އެވެ. ބައެއް ދުވަސްތަކުގައި ބަނދަރުގެ ޖާގަ ފުރުމުން، ރަށާ ކައިރީގައި ކަނޑުމަތީގައި ވެސް ގިނަ ސަފާރީތައް އޮވެ އެވެ.