Roadha Mihaaru
ޑީސަލް ލިބުން ދަތިވާތީ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޑީސަލް ލިބުން ދަތިވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

06 އެޕްރީލް 2022

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ޑީސަލް ފޯރުކޮށްދިނުމުގައި ތަފާތު ކުރުން ގެންގުޅެ އަދި ޑީސަލް ލިބުން ދަތިވާ ކަމަށް ބުނެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ އަަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިދިިކޮޅު ޕީޕީއެމްގެ ކައުންސިލް މެމްބަރު ހުސައިންގެ ކުއްލި މައްސަލައިގައިވާ ގޮތުން، ރާއްޖެ އަށް ބޭނުންވާ ވަރަށް އެފްއެސްއެމަށް ޑީސަލް އެތެރެއެއް ނުކުރެވެ އެވެ. ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ އަމިއްލަ މީސްމީހުންނާއި މަސްވެރި އުޅަނދުތަކަށް އޭގެ ސަބަބުން ޑީސަލް ނުލިބި، މަހަށް ނުފުރިފައި ތިބި ކަމަށް ހުސައިން ވިދާޅުވި އެވެ.

ތެލުގެ ވިޔަފާރީގައި އުޅޭ އަމިއްލަ ކުންފުނިތަކަށް ޑީސަލް ފޯރުކޮށްދިނުމުގައި އެފްއެސްއެމުން ތަފާތު ކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ވިޔަފާރިވެރިން ކުރަމުންދާ ކަމަށާއި އެ ކުންފުނީގެ ވެރިންނާ ގުޅުން އޮންނަ ކުންފުނިތަކަށް އެކަނި ތެޔޮ ލިބޭ ގޮތަށް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި އެ ކުއްލި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރެކެވެ. ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އެ މައްސަލަ ފާހެއް ނުވި އެވެ.

މިދިޔަ ހަފުތާގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި ދެ މައްސަލަ ވެސް ބަލައިގަތުމަށް މަޖިލީހުން ފާސްކުރި އެވެ. އޭރު އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުކުރަމުން ދިޔަ ކަންބޮޑުވުމަކީ އިދިކޮޅުން ހުށަހަޅާ މުހިންމު މައްސަލަތައް ވިޔަސް ސަރުކާރަށް ފާޑު ކިޔުން އަމާޒުވާތީ ނުބަލައި ބޭރު ކޮށްލުމެވެ.