Roadha Mihaaru
ލަންކާގެ ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ

ލަންކާގެ ރައީސް އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ

05 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 5) - ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތައް ވަކިވުމާ ގުޅިގެން ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 5) - ކޯލިޝަނުގައި ހިމެނޭ ބައެއް ޕާޓީތައް ވަކިވުމާ ގުޅިގެން ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގެ މަައި ޕާޓީގެ ގޮތުގައި ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އޮވެ، އެއްދުވަސްވަރެއްގައި ވަރަށް ބާރުގައި ހުންނެވި ގޯޓާބޭގެ ސިޔާސީ ބާރުވެރިކަން ގެއްލިގެން ދިޔައީ ތަކެތީގެ އަގުބޮޑުވެ ރައްޔިތުން މުޒާހަރާ އަށް ނުކުތުމުން، ސިޔާސީ ޕާޓީތަކުން ވެރިކަންކުރާ ކޯލިޝަނާ ފެޔަށް ޖެހުމުންނެވެ.

ކޯލިޝަނުގެ ބައެއް ޕާޓީތައް ސަރުކާރު ދޫކޮށްލި ފަހުން މިއަދު ބޭއްވި ޕާލަމެންޓުގެ ފުރަތަމަ ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ވަނީ ރަސްމީކޮށް އެކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ވެރިކަންކުރާ އެސްއެލްޕީޕީގެ 16 މެންބަރުން ވެސް ވަނީ ކޯލިޝަނުން ވަކިވެ، ވަކިފަރާތަކަށް ނުޖެހޭ މެންބަރުންގެ ގޮތުގައި މަސައްކަތްކުރާނެކަން އިއުލާންކޮށްފަ އެވެ.

ކޯލިޝަނުން ޕާޓީތައް ވަކިވުމާ ގުޅިގެން 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އަޣުލަބިއްޔަތަށް ވުރެ ފަސް ގޮނޑި ސަރުކާރަށް މަދުވެ އެވެ. ނަމަވެސް ރައީސްއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މެންބަރުން މަސައްކަތް ކުރާކަން ސާފެއް ނުވެ އެވެ.

ގޯޓާބޭ އާއި އޭނާގެ ބޭބެ މަހިންދާ ރާޖަޕަކްސާ ބޮޑުވަޒީރުކަން ކުރައްވާ ސަރުކާރުގައި ބައިވެރިވުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. މުޒާހަރާ އަށް އާއްމުން ނުކުތުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތަށް ޕާލަމެންޓުގެ ރުހުން ނުލިބިއްޖެ ނަމަ، އަންނަ ބުރާސްފަތި ދުވަހު، ކުއްލި ނުރައްކަލުގެ މުއްދަތު ހަމަވާނެ އެވެ.

ރައީސް އާއި ބޮޑުވަޒީރު ފިޔަވައި ލަންކާގެ ކެބިނެޓް އާދިއްތަ ދުވަހުގެ ރޭ އިސްތިއުފާ ދިނުމުން ކެބިނެޓަށް އިއްޔެ ހަމަޖެއްސި ހަތަރު މިނިސްޓަރުންގެ ތެރޭން ފައިނޭންސް މިނިސްޓަރު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.