Roadha Mihaaru
ލަންކާ ޕާލަމެންޓް އުވާލަން މަޝްވަރާކޮށްފި

ލަންކާ ޕާލަމެންޓް އުވާލަން މަޝްވަރާކޮށްފި

19 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން، ޕާލަމެންޓުގެ އަޣުލަބިއްޔަ އޮތް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ޕާލަމެންޓް އުވާލަން އެއްބަސްވެފައި ކަމަށް ޕާޓީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 19) - ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ ކެންޑިޑޭޓް ގޯޓާބޭ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން، ޕާލަމެންޓުގެ އަޣުލަބިއްޔަ އޮތް ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ޕާލަމެންޓަރީ ގްރޫޕުން ވަނީ ޕާލަމެންޓް އުވާލަން އެއްބަސްވެފައި ކަމަށް ޕާޓީން ބުނެފި އެވެ.

ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމަށް ފަހު މިނިސްޓަރު އަބޭވަރްދަނާ ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް ޕާޓީން އިހްތިރާމް ކުރާނެ ކަމަށެވެ.

"ޕާޓީއެއްގެ ގޮތުގައި، ރައްޔިތުންގެ ނިންމުމަށް އަޅުގަނޑުމެން އިހްތިރާމް ކުރަން. ގާނޫނު އަސާސީގެ 19 ވަނަ އިސްލާހާ އެއްގޮތްވާ ގޮތުގެ މަތިން ވީހާވެސް އަވަހަކަށް ޕާލަމެންޓް އިންތިޚާބު ބޭއްވުމަށް ސަރުކާރުން ވެސް އެއްބާރުލުން ދޭންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ރަންޖަން ރަމަނަޔަކަ ވިދާޅުވީ ޕާލަމެންޓް އުވާލުމަށް މެންބަރުން ނިންމެވި ނަމަވެސް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެސްއެލްޕީޕީގެ ލީޑަރު މަހިންދާ ރާޖަޕަކްސާ އާއި ރައީސް ގޯޓާބޭ ރާޖަޕަކްސާއާ މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމެންޓް އުވާލެވޭނީ ހިނގަމުންދާ ފަސް އަހަރުގެ ދައުރުން ހަތަރު އަހަރާއި ބައި ފާއިތުވުމަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެންވެ އެންމެ އަވަހަށް ވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަހު އެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާލަމެންޓް އުވާލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެގޮތަށް ފާސް ކުރުމުންނެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އާ ރައީސަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޕާލަމެންޓުގެ ދައުރު ނިމެންދެން ބޮޑު ވަޒީރުކަމުގެ މަގާމުގައި ރަނިލް އަށް ދެމިހުންނެވޭނެ އެވެ. ނަމަވެސް ގޯޓާބޭ ވިދާޅުވެފައި ވަނީ ވެރިކަން ލިބިއްޖެ ނަމަ ބޮޑު ވަޒީރަކަށް ހަމަޖައްސާނީ ބޭބޭފުޅު އަދި ކުރީގެ ރައީސް ރާޖަޕަކްސާ ކަމަށެވެ. އެކަން ކުރެވޭނީ އެސްއެލްޕީޕީ އަށް އަޣުލަބިއްޔަތު ހޯދިގެންނެވެ.