Roadha Mihaaru
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ

ލަންކާ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަނީ

08 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 8) - ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ސަމަޖީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 8) - ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ސަމަޖީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) އިން ނިންމައިފި އެވެ.

އެސްޖޭބީގެ ފަރާތުން ޕާލަމެންޓުގައި ހިމެނޭ ދެ މެންބަރަކު ބުނީ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސަ ވިދާޅުވީ އާއްމުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމުގައި ސަރުކާރު ފެއިލްވެއްޖެ ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް ޕާލަމެންޓަށް ވައްދާނެ ކަމަށެވެ. އޭނާ ވަނީ ލަންކާގެ އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލައި ބާރުތައް، ވެރިކަން ހިންގާ ފަރާތާއި ގާނޫނު ހަދާފަރާތާ އަދި ޝަރުއީ ދާއިރާއާ ހިއްސާކުރުމަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ ގޯޓާބޭ ރާޖަޕަކްސާ ރައީސްގެ މަގާމުގައި ހުރެގެން ވަގުތީ ސަރުކާރެއްގައި ވެސް އޭނާގެ ޕާޓީން ބައިވެރިނުވާނެ ކަމަށެވެ. ގޯޓާބޭ އިމްޕީޗްކުރުމަށް ވެސް އެސްޖޭބީން ތައްޔާރުވަމުންދާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އިގްތިސާދީ މައްސަލަތައް ހައްލު ކުރުމަށް އެސްޖޭބީގެ ފަރާތުން ސަޖިތު ވަނީ ހުށަހެޅުންތަކެއް ވެސް ހުށަހަޅުއްވައިފަ އެވެ.

ލަންކާގެ އިގްތިސާދީ މައްސަލަތައް ބޮޑުވެ އާއްމުން ނުކުމެ މުޒާހަރާ ކުރަން ފެށުމުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކެބިނެޓުގެ ހުރިހާ މިނިސްޓަރުން ވަނީ އިސްތިއުފާ ދީފަ އެވެ. ނަމަވެސް ރައީސް ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވައިފައެއް ނުވެ އެވެ. ގޯޓާބޭ ވިދާޅުވެފައި ވަނީ ކޮންމެ ގޮތެއް ހަދައިފައި ވެސް އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.