10 އޯގަސްޓް 2022
އާންމު ރައްޔިތުން މުޒާހަރާކޮށް މަގާމުން ދުރުކޮށްފައިވާ، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ސިންގަޕޫރުން ތައިލޭންޑަށް ބަދަލުވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް، ސްރީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އާންމު ރައްޔިތުން މުޒާހަރާކޮށް މަގާމުން ދުރުކޮށްފައިވާ، ސްރީ ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ ރާޖަޕަކްސަ ސިންގަޕޫރުން ތައިލޭންޑަށް ބަދަލުވެވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް، ސްރީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ގޯޓާބޭގެ މިހާރުގެ ހާލަތާ ބެހޭ މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ އެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ގޯޓާބޭ ތައިލޭންޑަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ. އަދި ތައިލޭންޑަށް މި ވަޑައިގަންނަވަނީ ވަގުތީ ގޮތުން ކުރު މުއްދަތަކަށް އެ ގައުމުގައި ހުންނެވުމަށް ކަމަށް ވެސް އެ މަސްދަރުތަކުން ބުނެ އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް އާންމުން ފެށި މުޒާހަރާތަކާ ގުޅިގެން، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން، ބޮޑުވަޒީރު ރަނިލްއާ ހަވާލުކުރެއްވުމަށް ފަހު، ގޯޓާބޭ، ޖުލައި 13 ވަނަ ދުވަހު ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި ޖުލައި 14 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެން އެގައުމުގައި ހުންނަވައި މަގާމުން އިސްތިއުފާ ދެއްވިކަން، އީމެއިލެއްގެ ޒަރީއާއިން ލަންކާގެ ޕާލަމެންޓަށް އެންގެވި އެވެ.
ލަންކާގެ ކުރީގެ ރައީސް ގޯޓާބޭ (ވ) އަދި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަ. --ފޮޓޯ:އޭއެފްޕީ
ސިންގަޕޫރުގައި މަހަކަށް ވުރެ ކުޑަ ދުވަސްކޮޅަކު ދުވަހު ހުންނެވުމަށް ފަހު، ގޯޓާބޭ ތައިލޭންޑަށް ވަޑައިގަތުމާ ބެހޭ ގޮތުން، ލަންކާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ތައިލޭންޑް ސަރުކާރުގެ ތަރުޖަމާނު ރަޓްޗަޑާ ތަނަޑިރެކް ވިދާޅުވީ "ނޯ ކޮމެންޓް" ކަމަށެވެ.
ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ފަހު، ގޯޓާބޭ މިހާތަނަށް އާންމުންގެ ތެރެއަކުން ނުފެނެ އެވެ. އޭނާ ސިންގަޕޫރުގައި ހުންނަވާތާ މަހެއްހާ ދުވަސް ވާއިރު، އެގައުމުން ބުނެފައިވަނީ ގޯޓާބޭ އަށް ސިޔާސީ ހިމާޔަތް ވެސް އަދި ޚާއްސަ ރައްކާތެރިކަމެއް ވެސް ސިންގަޕޫރު ސަރުކާރުން މިހާތަނަށް ހަމަޖައްސައިނުދޭ ކަމަށެވެ.
ގޯޓާބޭއަކީ ލަންކާގެ އަސްކަރިއްޔާގައި ޖެނެރައްގެ ރޭންކްގައި ހުންނެވުމަށް ރިޓަޔާ ކުރެއްވި އަސްކަރީ ތަޖުރިބާކާރެކެވެ. ސްރީ ލަންކާގައި އެތައް އަހަރަކަށް ދެމިގެން ދިޔަ ދާޚިލީ ހަނގުރާމައިގައި ތަމަޅަ ހަނގުރާމަވެރިން ބަލިކޮށް، ލަންކާ އަށް ސުލްހަ ހޯދައިދިނީ، ގޯޓާބޭގެ ދިފާއީ ވަޒީރުކަމުގަ އެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ. --ފޮޓޯ:އޭއެފްޕީ
ގޯޓާބޭ ރައީސްގެ މަގާމުގައި އަދި އޭނާގެ ބޭބެ މަހިންދަ ރާޖަޕަކްސަ ލަންކާގެ ބޮޑުވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، ރާޖަޕަކްސަ އާއިލާގެ ގިނަ ބަޔަކަށް ސަރުކާރުގެ އިސް މަގާމުތައް ދިނުމުގެ ސަބަބުން، ކޮރަޕްޝަންގެ މައްސަލަތައް އޮތީ ފުނިޖެހިފަ އެވެ. އާންމު ރައްޔިތުން މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކެއް ފެށީ، ކޮރަޕްޝަންގެ ސަބަބުން ގައުމު ބަނގުރޫޓުވެ، އަސާސީ ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު އެތެރެނުކުރެވި ރައްޔިތުން ހާލުގައި ޖެހުމުންނެވެ.
ގޯޓާބޭ އެނބު ގައުމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަކެއް ވެސް މިފަހަކުން ވަނީ މީޑިއާގައި ތިލަވެފަ އެވެ. އެ ވާހަކަތަކާ ގުޅިގެން ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ކައިރި ކުރިމަގެއްގައި ގޯޓާބޭ އެނބުރި ގައުމަށް ވަޑައިގަތުމުގެ ވިސްނުން ދޫކޮށްލަންވަންޖެހޭ ކަމަށެވެ.
"މިއީ އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވަންވީ ވަގުތު ކަމަކަށް އަހަރެން ނުދެކެން. އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނެތް،" މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވޯލް ސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި ރަނިލް ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
ގޯޓާބޭ އެނބުރި ލަންކާ އަށް ވަޑައިގަންނަވާނެ
ލަންކާގެ ރައީސްކަމަށް ތިން ބޭފުޅެއްގެ ނަން
އައިއެމްއެފުން ލިބުނީ ވަރަށް އީޖާބީ ޖަވާބެއް: ލަންކާ
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
ހުރިހާ ޕާޓީތަކުގެ ސަރުކާރަކާ މެދު މަސްހުނި ހިޔާލުތަކެއް
ލަންކާ ރައްޔިތުން ރަނިލް ވެސް ބޭނުމެއް ނޫން
ގޮތަބަޔާ އިސްތިއުފާ ނުދެއްވާ، ވަގުތީ ރައީސަކަށް ރަނިލް