Roadha Mihaaru
ގޮތަބަޔާ އިސްތިއުފާ ނުދެއްވާ، ވަގުތީ ރައީސަކަށް ރަނިލް

ގޮތަބަޔާ އިސްތިއުފާއެއް ނުދެއްވާ، ވެރިކަމުގެ ބާރުތައް ރަނިލްއަށް ދީފި

13 ޖުލައި 2022

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ނުދެއްވިޔަސް، އޭނާ ވަނީ ރާއްޖޭގައި ހުންނަވައިގެން ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ދޫކޮށްލައްވައިފަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިސްތިއުފާ ނުދެއްވިޔަސް، އޭނާ ވަނީ ރާއްޖޭގައި ހުންނަވައިގެން ވެރިކަމުގެ ބާރުތައް ވަގުތީ ގޮތުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައަށް ދޫކޮށްލައްވައިފަ އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުވުމުން އެންމެ ފަހުން ރައީސް ގޮތަބަޔާ ރޭ މެންދަމު ވަނީ އަސްކަރީ މަތިންދާބޯޓެއްގައި ވަރަށް ސިއްރިއްޔާތުގައި ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ރާއްޖެ ވަޑައިގަތުމުން ލަންކާގައި މުޒާހަރާތައް އިތުރަށް ވަނީ ހޫނުވާން ފަށައިފަ އެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ދެންމެ އިއުލާން ކުރެއްވި ގޮތުގައި ގޮތަބަޔާ ވަނީ އޭނާގެ ވެރިކަމުގެ ބާރުތައް ބޮޑުވަޒީރު ރަނިލްއާ ހަވާލު ކުރެއްވުމުގެ ގޮތުން ވަގުތީ ރައީސަކަށް ރަނިލް އައްޔަން ކޮށްފަ އެވެ. އެކަމަކު ރައީސްގެ މަގާމުން އަދިވެސް ގޮތަބަޔާ އިސްތިއުފާއެއް ނުދެއްވަ އެވެ.

މިއަދު ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޮތަބަޔާ ކުރިން އިއުލާން ކުރެއްވިޔަސް، ބޭރުގެ މީޑިއާތަކުން ބުނާގޮތުން އޭނާ އިސްތިއުފާ ދެއްވާނީ ހިމާޔަތް ހޯއްދަވަން ހަމަޖެހިފައިވާ ގައުމަކަށް ވަޑައިގަތުމަށް ފަހު އެވެ. އަދި ރާއްޖެ ވަޑައިގަތީ ޓްރާންސިޓްގައި މަޑުކުރެެއްވުމަށް ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.

އެކަމަކު ގޮތަބަޔާ ދެން ވަޑައިގަންނަވާނެ ގައުމެއް އަދި ސާފުނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.

ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތްދިން މައްސަލާގައި ދިވެހި ސަރުކާރުން ވަކި އެއްޗެއް އަދިވެސް ނުބުނެ އެވެ.