Roadha Mihaaru
"ބޭކާރު ކުންފުނިތައް" އުފައްދާތީ ފައްޔާޒަށް ފާޑުކިޔުން

"ބޭކާރު ކުންފުނިތައް" އުފައްދާތީ ފައްޔާޒަށް ފާޑުކިޔުން!

05 އެޕްރީލް 2022

އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ކުންފުނިތައް ސަރުކާރުން އުފައްދާ ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެއްވެސް މަސައްކަތެއް ނުކުރާ ބޭކާރު ކުންފުނިތައް ސަރުކާރުން އުފައްދާ ކަމަށް ވިދާޅުވެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ނުސީދާކޮށް ފާޑު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ އޭނާ މިހާތަނަށް ބެލިބެލުމުން އެކި ސަރުކާރުތަކުން އުފައްދާފައިވާ 36 ކުންފުންޏެއް އެބަ ހިންގާ ކަމަށާއި އޭގެ ތެރެއިން ރައްޔިތުންނަށް ހިދުމަތެއް ދޭ ނުވަތަ އެއްޗެއް ވިއްކަން އޮތީ 10 ކުންފުންޏެއް ކަމަށެވެ. ބާކީ އޮތް 26 ކުންފުންޏަކީ ކަމެއް ކުރާ ބައެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

"މި 26 ކުންފުންޏަށް އަޅުގަނޑުމެންގެ ރައްޔިތުން ޓެކްސްޕޭޔަރުން މި ބޯލާ ކަޅު ސައިތައްޓަކުން ވެސް 25 ލާރި ނަމަވެސް ދައްކަމުން އެބަދޭ އެ ކުންފުނިތަކުގެ މުސާރަ އަށް، ކުލި ދައްކަން، އަދި ދެން ތިބި ކަންކަމަށް ވެސް،" އާޒިމް ވިދާޅުވި އެވެ.

ބޭކާރު ގޮތުގައި އުފައްދާފައިވާ 26 ކުންފުނީގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް ބަރާބަރަށް ދައުލަތުން ހަރަދު ކުރާ 10 ކުންފުންޏެއް އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ. އެއީ އުވާލަން ޖެހޭ ކުންފުނިތަކެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

މިއީ ވަކި މީހަކަށް ނުވަތަ ވަކި ސަރުކާރަކަށް އަމާޒުކޮށް ދައްކާ ވާހަކައެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ. އެއަށް ފަހު ވިދާޅުވީ މި ސަރުކާރުން ވެސް "ހިންގާލަން" 12 ކުންފުންޏެއް އުފައްދާފައިވާ ކަމަށެވެ.

"ހިންގާލަން" އަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ބޭނުން ކުރައްވާ ކެމްޕެއިން ސްލޯގަން އެވެ.

އާޒިމް ވިދާޅުވީ ހިންގާލަން 12 ކުންފުންޏެއް އުފެއްދި އިރު އެއީ އެއްވެސް ވަރަކަށް ނުހިނގާ ކުންފުނިތަކެއް ކަމަށާއި ތަފާތު ނަން ކިޔަސް އެއް މަސައްކަތެއް ކުރާ އެތައް ކުންފުންޏެއް އުފައްދާފައި ހުރި ކަމަށެވެ.

ބޯހިޔާވެހިކަމުގެ މައްސަލަ ހައްލު ކުރުމަށް ވެސް ތިން ކުންފުންޏެއް އުފައްދާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މާލެ ރައްޔިތުން އެދެނީ ޑީސެންޓް ލައިފެއް އުޅެވޭނެ ތަނެއް ދައްކައިދެން. އެކަމަށްޓަކައި ވެސް ތިން ކުންފުންޏެއް ހަދައިފި. އެއް ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން. މިއިން ކުންފުންޏަކުން ވާ ކަމެއް އަދި ނެތް. މާލެ ރައްޔިތުންނަށް އެއްވެސް ކަމެއް ނުވޭ. ދެން އޮތީ ހައުސިން ޑިވަލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން،" އާޒިމް ވިދާޅުވި އެވެ.

އެގްރޯ ކުންފުންޏާއި ބިޒްނަަސް ސެންޓާ ކޯޕަރޭޝަން އުފައްދައިގެން ވީ އެއްވެސް ކަމެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެޗްޑީއެފްސީ ނަމުގައި ލޯނު ދޭ ކުންފުންޏެއް އުފައްދައިގެން ހަމައެކަނި ކުރި މަސައްކަތަކީ އުސޫލަކަށް ބަދަލެއް ގެނައުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"ނަމެއްގައި ދައުލަތުން ކުންފުނިތަކެއް ހަދަމުން ދިޔުމަކީ ރައްޔިތުންނަށް ފައިދާއެއް ވާ ކަމެއް ނޫން މިތަނަށް އައިސްފައި މި ވާހަކަ ނުދައްކާ ކަމަށް ވަންޏާ ރައްޔިތުން ހޮވުމުގެ ބޭނުން އޮތް ކަމަށް ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވާހަކަ ކުރިއަށް ދަނިކޮށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ނިޒާމީ މައްސަލައެއް ނަންގަވައި މަޖިލީހުގައި ކެމްޕެއިން ކުރާ މައްސަލަ ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާޒިމްގެ ވާހަކަަ ކުރިއަށް ގެންދަން ފުރުސަތު ދެއްވި އެވެ.

ބޭކާރު ކުންފުނިތައް އުފައްދާ މައްސަލައިގެ އިތުރުން ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގައި އެކަކު މަސައްކަތް ކުރަމުންދާ މައްސަލައެއް ވެސް އާޒިމް ފާހާގަ ކުރެއްވި އެވެ. އަދި ދައުލަތުން އެކި ގޮތް ގޮތަށް މުސާރަ ނަގައި ފައިސާ ހޯދަމުން ދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ މީހެއްގެ ނަން ހާމަ ކުރުމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެދިވަޑައިގަތް ނަމަވެސް އާޒިމް ނަމެއް ވިދާޅެއް ނުވެ އެވެ. އަދި އޭގެ އިތުރު ތަފްސީލެއް ވެސް ނުދެއްވަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އާޒިމް ތާއީދު ކުރައްވަނީ ފައްޔާޒާ ވާދަ ކުރައްވައި، ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށެވެ.

ފަހަކަށް އައިސް މަޖިލީހަށް ހުށަހެޅޭ ކޮންމެ ބިލެއްގެ ބަހުސް ތެރެއިން ވެސް އެމްޑީޕީ ކެމްޕެއިންގެ ވާދަވެރިކަން ފެނެ އެވެ.