14 ޖުލައި 2020
ބިދޭސީންނާ މެދު އަމަލުކުރާ ރަހުމްކުޑަ، ލާއިންސާނީ އަނިޔާތަކަށް ވަރަށް ކެތްކޮށްފި އެވެ: ބޮޑުފިނޮޅުން ފެނުނީ އޭގެ އެއް މިސާލެވެ. ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭ ކަމުގެ ޝަކުވާ އެ މީހުންނާ ހަވާލުވެ ތިބި ދެ ކުންފުންޏާއި މުއައްސަސާތަކުގައި ކެނޑިނޭޅި ދިޔައީ ކުރަމުންނެވެ. އެކަމަކު އެ މީހުންގެ ހާލަތު ފެނުނު ޝަކުވާތައް އަޑު އިވުނު ބަޔަކު މި ގައުމަކު ނެތެވެ. އެންމެ ފަހުން، ބޮޑެތި ކުށަށް އަރައިގަނެގެން ނަމަވެސް އެ މީހުންގެ ވިސްނުމުގައި ހުރީ އިންސާފު ލިބޭނެ މަގެއް ހޯދުމެވެ.
ބިދޭސީންނާ މެދު އަމަލުކުރާ ރަހުމްކުޑަ، ލާއިންސާނީ އަނިޔާތަކަށް ވަރަށް ކެތްކޮށްފި އެވެ: ބޮޑުފިނޮޅުން ފެނުނީ އޭގެ އެއް މިސާލެވެ. ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭ ކަމުގެ ޝަކުވާ އެ މީހުންނާ ހަވާލުވެ ތިބި ދެ ކުންފުންޏާއި މުއައްސަސާތަކުގައި ކެނޑިނޭޅި ދިޔައީ ކުރަމުންނެވެ. އެކަމަކު އެ މީހުންގެ ހާލަތު ފެނުނު ޝަކުވާތައް އަޑު އިވުނު ބަޔަކު މި ގައުމަކު ނެތެވެ. އެންމެ ފަހުން، ބޮޑެތި ކުށަށް އަރައިގަނެގެން ނަމަވެސް އެ މީހުންގެ ވިސްނުމުގައި ހުރީ އިންސާފު ލިބޭނެ މަގެއް ހޯދުމެވެ.
ރާއްޖޭގައި ބިދޭސީންނަށް ޖައްސާ ހާލަތާއި ބޮޑުފިނޮޅުގެ ބިދޭސީންނާ މެދު އެ ޖަރީމާ ހިންގި މީހުން ސާފުކޮށް ފެންނަން އޮތް އިރު ވެސް ކޮޅެއް، މެދެއް އަދި ނުފެނެ އެވެ. ނުފޫޒާއި ބާރުގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އަލީ ރިޒާގެ މަސްލަހަތު ހިމެނޭ މި މައްސަލައިގައި، ބިދޭސީންގެ ހައްގުތައް ލިބިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާގެ ކުންފުނިން މަސައްކަތް ކުރުވައި މުސާރަ ދެމުން އައި ކަމަށް ލިޔެކިޔުމުން ފެންނަން އޮތް ބިދޭސީންނާ ހަވާލުވާން ވެސް ފާޅުގައި ދަނީ އިންކާރު ކުރަމުންނެވެ.
މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ފުލުހުންނާ ކުރިމަތިލާން ތައްުޔާރުވެގެން.
އެންމެ ފަހުން ކުންފުނީގެ ނަން ވެސް އޮޅުވާލުމާއި ގަވާއިދާ ޚިލާފަށް ގެންގުޅެ، މުސާރަ ދެމުން އައި ބިދޭސީން ނޭނގޭ ކަމަށް ހަދައި ރިޒާ ގެންގުޅުއްވަނީ ގާނޫނީ ނިޒާމުގެ ބާގަނޑަކުން ސަލާމަތްވުމުގެ ވިސްނެވުމެވެ. ހިއުމަން ޓްރެފިކިންގެ ބޮޑު ކުށެއް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭއިރު ވެސް އަންނަ ޕްރެޝަރެއް ނެތެވެ. އެކަމަކު އެ ބިދޭސީން މިހާރު އެ ތިބީ ބޮޑުފިނޮޅަށް ދޫކޮށްލައި ހާލުގައި ޖައްސައިފަ އެވެ.
މި މައްސަލަ ހައްލު ނުވެ އުޅެނިކޮށް ހުޅުމާލޭގައި، ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅާ ބިދޭސީންނަށް އެ މަސައްކަތް ކުރުވާ އައިލެންޑް އެކްސްޕާޓުން މުސާރަ ނުދޭ މައްސަލައިގައި އެ ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކާއި އާއްމުންނަށް ވެސް އިއްޔެ ގެއްލުންތަކެއް ލިބުނެވެ.
ބިދޭސީންގެ މުޒާހަރާތަކަކީ މިހާރު މި ހިނގާ ލެވެލްގައި ކުރިން ހިނގާ ކަންކަމެއް ނޫނެވެ. އެ މީހުން މަސައްކަތްކުރާ ސައިޓުތަކުގައި ނުރުހުން ފާޅުކޮށް ނިންމާލަނީ އެވެ. އެކަމަކު މި ފަހުން ކުރާ މުޒާހަރާތަކުގައި އަނިޔާވެރި އަމަލުތަކަށް އަރައިގަންނަމުންދާ ގޮތަށް ބަލާއިރު، މިއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ހާލަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިދޭސީންގެ ފަރާތުން ވެސް މިކަންކަން ފެނިދާނެ ކަމުގެ ކަންބޮޑުވުން ފުލުހުންނަށް އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
"މިހާރަކަށް އައިސް ރޭވުންތެރިކަމާ އެކު އެއް ދުވަސް ކުރިން، އަންގައި އެ މުޒާހަރާތައް ކުރިއަށްދާ ތަން މި ފެންނަނީ،" ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ބަޝީރު ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީންތަކެއް އެބަތިބި އަންޑޮކިއުމެންޓެޑް. މީގެ ތެރެއިން ދިމާވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ މި މީހުން [މުޒާހަރާ ކުރާ މީހުން] ދައްކާ މަންޒަރުތަކުން އިތުރު ސައިޓުތަކަކުން އެ މީހުންނާ ގުޅި މިކަން ހިނގައި އަޅުގަނޑުމެންނަށް ކޮންޓްރޯލްކުރަން ދަތިވެގެން ދިއުން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި އޮތް ނުރައްކަލަކީ."
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އިއްޔެ ފުލުހުންނާއި އިމިގްރޭޝަންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް
މީގެ ފަހަތުގައި، ސިޔާސީ މަގްސަދުތަކެއް ހުރި ކަމުގެ ތުހުމަތު ސަރުކާރުން ކުރެ އެވެ. މި ވެސް ކަންބޮޑުވުން އޮތް ކަމެކެވެ. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ، އެތައް ހާސް ބިދޭސީންނަކާ މެދު މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުންނަށް ގާނޫނީ ނިޒާމުގެ ތެރެއިން އެޅޭނެ ފިޔަވަޅެއް ނެތުމުވެ. އަދި ބިދޭސީންގެ ހައްގުތައް ހޯދައި ދެވޭނެ ގޮތެއް ވެސް ނެތުމެވެ.
ރަށެއްގައި ހިންގި ނަރުދަމާ އެޅުމުގެ މަޝްރޫއަކަށް، އެ ރަށެއްގެ އާބާދީއަށް ވުރެން އިތުރަށް ބިދޭސީން ގެނެސްފައި އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އެއް މެމްބަރަކު ވިދާޅުވި ގޮތުން ނަމަ އޮކްޓޯބަރު-ނޮވެމްބަރު 2018ގައި އެކަނި ވެސް އިމިގްރޭޝަނުން ކޯޓާ ދީގެން 6،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. އެއީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކަމާ ގުޅޭ މުއައްސަސާތަކުގެ ވެސް ބައިވެރިވުން އޮވެ ހިންގޮ ބޮޑު ޖަރީމާތަކެވެ.
ޒަމާނުއްސުރެން ނިޒާމުގެ ތެރެއިން މިގޮތަށް ގެނެސްފައި ތިބި އެކަމަކު މިހާރު ސައްހަ ލިޔެކިޔުމެއް ނެތް މީހުންގެ އަދަދު، ރަސްމީ ތަފާސްހިސާބުތަކުގައިވާ ގޮތުން ނަމަ 60،000 އަށް އަރަ އެވެ. މީގެ ތެރޭގައި އަހަރުތަކެއް ވަންދެން މުސާރަ ނުލިބި ހަމައެކަނި ބަނޑުފުރޭވަރަށް ކާއެތިކޮޅެއް ކޮންމެ ދުވަހަކު ލިބޭ މީހުން ވެސް އެބަ ތިއްބެވެ. މީގެ ތެރެއިން ގިނަ ބައެއްގެ ހާސްކަން ބޮޑުވެފައި ވަނީ، ކޮވިޑް-19ގެ މާލީ ދަތިކަމާ އެކު އެ މީހުން އާމްދަނީ ހޯދަމުން އައި ގޮތްތަކަށް ވެސް ހުރަސްތަކެއް މެދުވެރިވުމުންނެވެ. މަސައްކަތް ކުރުވާ ފަރާތުން މުސާރަ ނުދިނަސް ކޮންމެވެސް ގޮތްތަކަކުން ފައިސާ ހޯދާ ބިދޭސީން ގިނަ އެވެ.
ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ހަމަނުޖެހުން ހިންގުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި - ފޮޓޯ: ނިޝާން އަލީ /މިހާރު
ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުނިގޮތުގައި، މި ފަހުން ބެލިއިރު، ބިދޭސީންގެ ތެރޭގައި 6-7 މަސް ވަންދެން މުސާރަ ނުދީ ތިބި ގިނަ ބަޔަކު އެބަ ތިއްބެވެ. އެހާ ދުވަސް ވަންދެން މުސާރަ ނުދިނުމުން ޝަކުވާތަކެއް ހުންނާނެ ކަން އެތަނުން ވެސް ފާހަގަކުރެ އެވެ. އެކަމަކު މިކަމުގައި އިދާރީ ފިޔަވަޅެއް އެޅުން ފިޔަވައި ގާނޫނީ ގޮތުން އެތަނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި މުސާރަ ނުދިނުމުގެ މައްސަލަތައް ކުރިއަށް ގެންދަން ގާނޫނީ ގޮތުން ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެގޮތަށް އެކަން ކުރަން ފަށައިފި ނަމަ މުސާރަ ނުދޭ އެންމެން ދައުލަތުން ބަލަހައްޓަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކޮމިޓީގައި ވިދާޅުވި އެވެ.
މުސާރަ ނުދީގެން، ހިއުމަން ޓްރެފިކިންގެ ވިކްޓިމެއްގެ ގޮތުގައި ރަޖިސްޓްރީވާން ގިނަ ބިދޭސީން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ގިނަ ބަޔަކު ރަޖިސްޓްރީވެއްޖެ ނަމަ ވެސް ގާނޫނުގައިވާ ގޮތަށް ޝެލްޓާތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަމެއް ވެސް ސަރުކާރުގައި ނެތެވެ. ހުޅުމާލޭގައި ހުންނަ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުގެ ޖާގައަކީ 40 އެވެ.
ބިދޭސީންގެ މައްސަލައޭ ބުނާއިރަށް މި ސަރުކާރުގެ ވެރިން ވެސް ފަށަނީ ކުރީ ސަރުކާރުތަކުގެ އިހުމާލު ދައްކާށެވެ. އެ ޖާގަ ވެސް އެބަ އޮތެވެ. މިއީ، އެއް ދުވަހަކުން ރާއްޖެއަށް ކުރިމަތިވި ހާލަތެއް ނޫނެވެ. އެކަމަކު މައްސަލަ އަށް ހައްލު ހޯދުމުގެ ބަދަލުގައި މި ބަހަނާތަކުގައި ތާށިވެގެން ތިބެ ފުއްދާލެވޭކަށް ވެސް ނެތެވެ.
އެއަށްވުރެން ހާލަތު ގޯހެވެ؛ ބިދޭސީންގެ ވެސް ކެތްތެރިކަން ކޮޅުންލައި ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ބޮޑުވެފަ އެވެ.
އެކަމަކު ބިދޭސީންނާ ގުޅޭ ހުރިހާ މުއައްސަސާތަކެއް ކޮމިޓީއަށް ގެންގޮސް ދެއްކި ވާހަކަތަކުގައި ވެސް މާ ބޮޑު ހައްލެއް ހޯދިދާނެ ކަމަކަށް ނުބެލެވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކަމާ ބެހޭ އިދާރާތަކުގެ ބޭފުޅުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް
އެކަން ފާހަގަކުރައްވަމުން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ބިދޭސީންގެ މައްސަަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދަން ޖެހިފައި އޮތުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ. ކޮމިޓީ އަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ހާޒިރުކޮށްގެން ދެއްކި ވާހަކަތަކުން ވެސް މައްސަލައިގެ ހައްލެއް ފެންނަން އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ހުރިހާ ބޭފުޅުންގެ ވެސް ތި ހުރީ އަޅުގަނޑުމެންގެ ވެސް ހުރި ކަންބޮޑުވުން. އެހެންވީމާ އަޅުގަނޑު މި ހިތަށް އަރަނީ މުޅި ސިސްޓަމް މިއޮތީ ޕެރެލައިޒްވެފައި ހެއްޔޭ؟ މިކަމަށް ހައްލެއް ފެންނާނެ ގޮތެއް ނެތީތޯއޯ. މިކަމަށް ހައްލު ހޯދޭނެ މަގެއް ދައްކައެއް ނުދެކެވޭ ތި ބޭފުޅުންނަކަށެއް،" އޭނާ ވިދާޅުވި އެވެ.
އެ ކޮމިޓީގައި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އިތުރުން އިމިގްރޭޝަނުން ވެސް ބައިވެރިވި އެވެ.
ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުން ނަމަ، މުސާރަ ނުދެވޭ މައްސަލަތަކުގައި އެ މިނިސްޓްރީ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތެވެ. މިސާލެއްގެ ގޮތުން ނެންގެވީ ބޮޑުފިނޮޅުގެ މައްސަލަ އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން 200 އަށް ވުރެން ގިނަ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވަމުން ދިއުމާ އެކު އުފެދުނު ހަމަނުޖެހުންތައް ހުއްޓުވަން ރިޒް ކުންފުނިން މިދިޔަ ޖޫން މަހު އިކޮނޮމިކް މިނިސްޓްރީގައި އެދުނެވެ. އެކަމަކު މުސާރަ ނުދިން މައްސަލައަކީ އެ މިނިސްޓްރީ އަށް ހައްލު ހޯދޭނެ ކަމަކަށް ވުރެން އެމްޕްލޯއިމަންޓް ޓްރައިބިއުނަލާއި ކޯޓުތައް ފަދަ ތަންތަނުން ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ބައިވަރު ރައްޔިތުންތަކެއް ހިތްހަމަނުޖެހުނަސް މިކަމުގައި އަޅުގަނޑުމެންނަކަށެއް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ. ސަރުކާރުގެ ހައިސިއްޔަތުން އަޅުގަނޑުމެންނަކަށެއް ވިޔަފާރިތަކުގެ ވަތްގަނޑަކަށް އަތްކޮއްޕައިގެން ނޫނީ އެކައުންޓްތައް ފްރީޒްކޮށްގެން މުސާރަ ދީ ނޫނީ ވިޔަފާރިއަކުން ފައިސާ ދައްކަން އޮތް އެހެން ވިޔަފާރިއަކުން ފައިސާ ދިނުމަކީ ކޮށް އުޅޭ ކަންކަމެއް ނޫން. --ފައްޔާޒް
ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ވެސް އެޅޭނީ ޖޫރިމަނާކުރުމާއި ބްލެކް ލިސްޓް ކުރުން ފަދަ ފިޔަވަޅެއް ކަން ފާހަގަކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި "ވަރަށް ހަޑި މުޑުދާރުކޮށް ހިންގަމުންދިޔަ ކަމެއް" ހުއްޓުވަން މި ސަރުކާރުން ފަށާފައި ވަނިކޮށް މިހާރު ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ. ކޮވިޑް-19ގެ ދަތިކަމާ އެކު ބިދޭސީންނެކޭ އެއްގޮތަށް ދިވެހިންނަށް ވެސް މުސާރަ ނުދެވޭ ކުންފުނިތަކެއް ހުއްޓައި މައްސަލަ ހޫނުކޮށްލީ ސިޔާސީ މަންފާއަކަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
"ދެން މިކަން ހައްލުކުރަން ކީއްތޯ ކުރާނީ؟ މިއީ މިކަން ހައްލުކުރަން ހަގީގަތުގައި ވެސް ދަތި ވަގުތެއް. ފައިސާ ލިބިގެން ހައްލުކުރެވޭނީ،" ފައްޔާޒް ވިދާޅުވި އެވެ.
އެކަމަކު ކަމާ ގުޅޭ އިދާރާތައް ގުޅިގެން މިހާރު ވަނީ ބިދޭސީންގެ މުސާރައިގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ފަށައިފަ އެވެ. މުސާރަ ނުދޭ ކުންފުނިތައް ގެނެސްގެން ވާހަކަދައްކަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެއް ހައްލަކަށް ކޮމިޓީގައި ކަމާ ބެހޭ އިދާރާތަކުން ހުށަހެޅީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ފުރުވާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މިކަން، މިހާރު ވެސް ފަށާފައިވާ އިރު މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެނބުރި ގައުމަށް ފޮނުވަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ދެން އޮތީ އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމެވެ. މިކަމުގައި ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.
ޖުމްލަ ހައްލުތަކެއްގެ ވާހަކަ ދެއްކި ނަމަވެސް ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ހައްލުކުރާނެ ގޮތެއް މުއައްސަސާތަކުގެ ވިސްނުމުގައި އަދި ނެތް ކަން ކޮމިޓީގައި ދެއްކި ވާހަކަތަކުން ސާފެވެ. އަދި އެ ޖަރީމާ ހިންގި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި، ދޫވެ މި މައްސަލަތައް ނިމިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.
ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
ކުއްޔަށް އުޅޭ ބިދޭސީންނަށް ވިސާ ދޭން ސަރުކާރު ދެކޮޅު
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!
ބިދޭސީންގެ މުސާރަ މައްސަލަ ހައްލުކުރާނެ ގޮތެއް ހޯދަނީ
ރިހޭ ފައިމައްޗަށް ފޮއި: ދެން ހަދާނީ ކިހިނެއް؟
މި ކަނޑައެޅީ ނިސްބަތުން ތަނަވަސް ވޭޖެއް: ސަރުކާރު
ރާއްޖޭގައި 281،000 ބިދޭސީން އުޅޭ: ފައްޔާޒު
ރިޒުގެ މައްޗަށް ޓްރައިބިއުނަލުން އަމުރެއް ނެރެނުދިން!
ބިދޭސީންގެ ހައްގު ރާއްޖެ އިން ލިބިދޭނެ: ފައްޔާޒު