Roadha Mihaaru
ރާއްޖޭގައި 281،000 ބިދޭސީން އުޅޭ: ފައްޔާޒު

ރާއްޖޭގައި 281،000 ބިދޭސީން އުޅޭ، ލައްކައަކަށް ވުރެ ގިނައީ ބަންގްލަދޭޝްގެ މީހުން: ފައްޔާޒު

13 ސެޕްޓެމްބަރ 2021

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 281،000 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 100،000 އަށް ވުރެ ގިނައީ ބަންގްލަދޭޝްގެ މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 281،000 އަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 100،000 އަށް ވުރެ ގިނައީ ބަންގްލަދޭޝްގެ މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖޭގައި ބިދޭސީން ދިރިއުޅޭ އަދަދާ ގުޅޭ ގޮތުން މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް އެއްކުރި މައުލޫމާތުތަކަށް ބަލާއިރު 281،000 ބިދޭސީން އެބަތިބި ކަމަށާއި އޭގެ ތެރެއިން 63،754 ބަންގްލަދޭޝް މީހުން އުޅޭ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ އަދި ރަނގަޅަށް ސާފު ނުވާ ހިސާބުތައް ހިމަނައިގެން ބަންގްލަދޭޝް މީހުންގެ އަދަދު 100،000 އަށް ވުރެ ގިނަ ވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، އެކްސްޕެޓް ސިސްޓަމްގެ ތެރެއިން މައުލޫމާތު ރަނގަޅަށް ސާފު ކުރެވޭނެ ގޮތް އަދިވެސް ފަހިވެފައި ނުވާތީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ކަށަވަރު ނުކުރެވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ނަމަވެސް މިހާރު އޮތް ލިސްޓުގައި 70،000 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"އިމިގްރޭޝަނުން ފުރާއިރު ލިންކު ނުވެ އޮންނާތީ އަދިވެސް ސާފު ނުވޭ. ރެކޯޑު އަތުން ބަލަހައްޓާތީ، ބޯޑާ ހުރަސްކޮށް ދާ މީހާ އަޕްޑޭޓު ނުވާތީ، ރެކޯޑުތައް ހުންނަނީ ރަނގަޅަކަށް ނޫން. މި ގެންނަންމުންދާ ބަދަލުތަކާއެކީ އެކަން ސާފުވަމުން މިދަނީ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ފައްޔާޒް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރީ-ރެގިއުލޭޓް ކުރުމަށް ސަރުކާރުން ހުޅުވައިލުމުން 43،000 ބިދޭސީން ރަޖިސްޓަރީ ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 8،938 މީހުން އަމިއްލަ އަށް އެދިގެން ފުރުވައިލި ކަމަށާއި 15،000 މީހުން އަމިއްލަ އަށް ފުރައިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ އަހަރާއި މި އަހަރު 3،000 މީހުން ފުރާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކޮންމެ މީހަކާ ފޭސްޓު ފޭސް ކުރަން ޖެހޭ މަސައްކަތަކަށް ވާތީ ގަލޮޅުދަނޑުގައި އެކަން ކުރަމުން އައި. ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތް މެދު ކަނޑާލަން ޖެހުނީ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އަދި މި ސަރުކާރުން ބިދޭސީން ގެނައުމުގެ ހުއްދަ ދޫކޮށްފައިވާ ވަރު ތަފާސްހިސާބުގެ އަލީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިދާޅުވެ ދެއްވައިފަ އެވެ.

އެގޮތުން ފައްޔާޒު ވިދާޅުވިގޮތުގައި 2013 އިން 2018 އާ ހަމައަށް ވަނީ ބަންގްލަދޭޝްގެ މީހުން ގެންނަން 115،800 ޕާމިޓް ދޫކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން 2019 އިން 2021 އާ ހަމައަށް ދޫކުރީ 11،113 ޕާމިޓް ކަމަށް ވިދާޅުވި އެވެ.

އިންޑިއާގެ މީހުން ގެންނަން 2013 އިން ފެށިގެން 2018 އާ ހަމައަށް 43،100 ޕާމިޓް ދޫކޮށްފައިވާ ކަމަށާއި 2019 އިން ފެށިގެން 2021 އާ ހަމަޔަށް 23،000 ޕާމިޓް ދޫކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.