13 ޖުލައި 2020
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް މިއަދު މިނިސްޓަރު ހާޒިރުކުރި ވަގުތު ބިދޭސީންނާ ގުޅުންހުރި ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަމުން އަންނާތީ އެކަމާ ގުޅޭ ގޮތުން ތަޅުމުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިނިސްޓަރަށް ދެއްވި އެވެ. މިއީ މިއަދުގެ އެޖެންޑާގެ ބޭރުން ހިނގި ކަމެކެވެ. އާއްމު އުސޫލުގެ ދަށުން މިނިސްޓަރަކު ތަޅުމަށް ހާޒިރުވާ ނަމަ ކުރިއާލާ ނޯޓިސް ދޭންޖެހެ އެވެ.
ބިދޭސީންގެ މައްސަލާގައި މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑު ބޯޓެއްގައި ފޮނުވާނުލެވޭނެ ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ 3،800 އެއްހާ ބިދޭސީން މި އަހަރު ރާއްޖޭން ފޮނުވާލާފައިވާއިރު އެކަމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގަދަކަމުން އެ ބިދޭސީން ފޮނުވާލަން އުޅޭ ނަމަ އެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ގަސްތެއް ނުކުރަން އަދިއެއް އެ މީހުންގެ ނުރުހުމުގައި ފޮނުވާކަށް. އެ ފުރުސަތު އެބަ އޮތް. އަޅުގަނޑާ ދިމާލަށް ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުނި ކަމުގައި ވީނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން މިކަމުގައި އަޅުގަނޑު ލަދުވެތިވަން އެމީހުންނާ ދޭތެރޭގައި ދިވެހިރާއްޖޭގައި ކަންތައްތައް ވެފައި އޮތްގޮތުން. އަޅުގަނޑު ބޭނުން ތާރީހުގައި ލިޔެވިގެން ދާން މިކަމުގައި ރާއްޖޭން ކަންކަން ކުރީ އިންސާފު ވެރިކަމާއެކުގައި ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވި، ނަމަވެސް ދެވޭނެ ގޮތެއް ނެތް އެތައް ބަޔަކު ވެސް ބިދޭސީންގެ ތެރޭގައި އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލަ އަކީ އެ މީހުންނާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލަ އަކީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ "ހަޑިމުޑުދާރު" އަމަލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިންސާނުންތަކެއް ވިއްކައިގެން ދިވެހިރާއްޖޭގައި ކޮށްފައި އޮތް މިހާ ހަޑިމުޑުދާރު ކަމެއް އަޅުގަނޑަކަށް ހަމަގައިމު ވެސް އަޅުގަނޑުގެ މި އުމުރުގައި ފެނިފައެއް ނެތް. އެމްއެމްޕީއާރުސީގެ މައްސަލަ އަކީ މުޑުދާރުކަމެއް ނޫން މި މައްސަލައާ އަޅާބަލާއިރު. މީގައި އެތައް ބައިވަރު އިންސާނުންތަކެއް އަނިޔާވެރިކަމާއެކު އެ މީހުންގެ ނާޖާއިޒު ފައިދާ ހޯދާފައި އަދި މުޅި ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް އޭގެ ނުރައްކާތަކާއި އަދި ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ނުރައްކާ އަދި ދިވެހިރާއްޖޭގެ އިޖުތިމާއީ ފޭރާމަށް ވެސް އޭގެ ނުރައްކާތަކެއް ކުރިމަތި ކުރުވާފައިވާ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަށް ހައްލު ހޯދަން މަސައްކަތް ކުރައްވާއިރު އެކަމަށް ނުފޫޒު ފޯރުވޭނެ މީހަކު ނުހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަމުގައި އަޅުގަނޑު ޖެހިލުންވާނެ ކަމެއް ވެސް ނޯންނާނެ. އަޅުގަނޑު މިމަގާމުގައި ހަވާލުވެ ހުރިހާ ދުވަހަކު އަޅުގަނޑަށް ފެންނަ ގޮތަށް މިކަން އަޅުގަނޑު ކުރިއަށް ގެންދާނަން. މިކަމަކީ ވަރަށް ހައްސާސް މައްސަލައެއް. މިއީ ފަސޭހަކޮށް ކުރެވޭނެ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރަން މަސައްކަތް ފެއްޓެވުމުން އެ މަންޒަރު ސިފަވީ "ބިރުވެރި ހޮހަޅަ" އެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދާނެ ދިމާލެއް، ދެން ވާނެ ގޮތެއް އެއްވެސް އެއްޗެއް ނޭނގޭ ކަހަލަ މިދެންނެވި އަނދިރި ކަންތައްގަނޑެއްގެ ތެރެއަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމާ ބެހޭ މުޅި ގަވައިދު މިހަފްތާގެ ތެރޭގައި "އޯވަހޯލް" ކުރާނެ ކަމަށެވެ. އާ ގަވައިދު ހެދިއިރު ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތަކަށް ދަތިނުވާނެ ގޮތަށް ވިސްނާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑު މިމަސައްކަތް ކުރަނީ ގަވައިދުގެ ތެރެއިން މިނިސްޓަރަށް ވެސް އަދި މިކަން ހިންގަން ތިބޭ ވުޒާރާގައި ތިބޭ މީހުންނަށް ވެސް އޮންނަ ޑިސްކަރޭޝާން ވީހާ ވެސް ވަރަކަށް ކުޑަ ކުރުން. ނަމަވެސް މިކަމަކީ ސީދާ އޮޓޮމޭޓް ކުރެވޭނެ ކަމެއް ނޫން. އަބަދުވެސް ކޮންމެވެސް ވަރެއްގެ ޑިސްކަރޭޝަންއެއް އޮންނާނެ،"
އާގަވައިދާއެކު ބިދޭސީންގެ ކަންތަކުގައި އަމަލު ކުރަންޖެހޭ ގޮތްތައް ވަރަށް ސާފު ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަގުސަދަކީ ބިދޭސީން ފޮނުވާލުން ނޫން ކަމަށާއި ބޭނުމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުން ކަމަށެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ 95 ޕަސެންޓް މީހުންނަކީ ބަންގްލަދޭޝްގެ މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބެންދެން ބަންގްލަދޭޝް އިން އާދައިގެ މަސައްކަތްތަކަށް މީހުން ރާއްޖެ ގެނައުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން ވަނީ ހުއްޓުވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ފަހުން އެ ގައުމުން ރާއްޖެއަށް ގެނެސްފައިވާނީ ފަނަރަ ހާހެއްހާ މީހުން ކަމަށެވެ. އެއީ ސެޕްޓެމްބަރުގެ ކުރިން ރާއްޖެ އަންނަން އެދިފައި ތިބި މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެއް އަހަރު ދުވަހަށް އެކަން ހުއްޓުވީ. އަޅުގަނޑު މި މަގާމުގައި ހުރިއްޔާމު އެ މޮޑިޓޯރިއަމް ހަމަ ކުރިއަށް ގެންދާނަން. މި މަސައްކަތް ނިމި ސާފު ވަންދެން،" މިނިސްޓަރު ވިދާޅުވި އެވެ.
ރަސްމީ ލިޔެކިޔުމެއް ނެތް ލައްކައެއްހާ ބިދޭސީން ރާއްޖޭގައި އުޅޭ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން ބައެއް މީހުން ގެނެސްފައިވަނީ ޑިޕޮސިޓް ފައިސާ ވެސް ބަހައްޓައިގެން ކުންފުންޏެއްގެ ނަމުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައެއް ބިދޭސީން ޓޫރިސްޓު ވިސާގައި ވެސް ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.
"ޓޫރިސްޓު ވިސާގައި އޭގެ ތެރޭގައި އެބަ ހިމެނޭ އެނގިގެން އަންނަ ބިދޭސީން ވެސް. އަދި ތިމަންނަ މިއަންނަނީ ވަޒީފާއަށް ކަމަށް ތަންކޮޅެއް ތައުލީމީ ގޮތުން އެހާ އެވެއާ ނޫން ބައެއް ބޭފުޅުންނަށް އެހެން ދިމާވެފައި އެބަ ހުރޭ. އެމީހުން ހީކުރަކީ އެ މީހުންނަށް ހަމަ ރަނގަޅު ވަޒީފާއެއް ކަމަށް ޓޫރިސްޓް ވިސާ ޖަހާލީމައި އެއީ ރަނގަޅު ވިސާ ޖަހާފައި ކަމަށް،"
މިނިސްޓަރު ވިދާޅުވީ މި މައްސަލާގެ މޫތައް މުޅި ރާއްޖެ އަށް ފެތުރިފައިވާއިރު މިކަމުގައި ހުރަސް އަޅާނެ ގިނަ ބަޔަކު އުޅޭނެ ކަމަށެވެ. އެފަދަ މީހުން އެ މަސައްކަތަށް ހުރަސް އަޅަމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތެވެ.
ބަންގްލަދޭޝް މަސައްކަތްތެރިން ނުލިބި ވިޔަފާރި ހުއްޓިދާނެ
ރާއްޖޭގައި 281،000 ބިދޭސީން އުޅޭ: ފައްޔާޒު
ބިދޭސީންނަށް މުސާރަ ނުދޭނަމަ ބައި ލައްކައިން ޖޫރިމަނާ
ބަންގްލަދޭޝް ލޭބަރުންގެ އަދަދު ހަތަރު މަސްތެރޭ ހަމަވާނެ
ވޯކްޕާމިޓަށް ފައިސާ ދައްކަނީ 36 ޕަސެންޓް މީހުން
"ބަންގްލަދޭޝް ލޭބަރުންނަށް ހުއްދަދިނީ ގާނޫނާ ހިލާފަށް"
ބަންގުލަދޭޝްގެ މަސައްކަތްތެރިން ގަވާއިދަށް ފެތެން ދެކޮޅު
ބިދޭސީންގެ ނުސީދާ ވިޔަފާރި ހުއްޓުވާ ބިލު ފާސްކޮށްފި
އޭޖެންޓުން ލައްވާ ބިދޭސީން ގެންނަން މަޖުބޫރެއްނުކުރާނެ
މުހިއްމީ ރިސޯޓް ކުއްޔެއްނޫން، ޖުމްލަ ފައިދާ: ފައްޔާޒް