Roadha Mihaaru
އޭޖެންޓުން ލައްވާ ބިދޭސީން ގެންނަން މަޖުބޫރެއްނުކުރާނެ

އޭޖެންޓެއް މެދުވެރިކޮށް ބިދޭސީން ގެންނަން ވިޔަފާރިތަކަށް މަޖުބޫރެއް ނުކުރާނަން: ފައްޔާޒް

04 އޮކްޓޯބަރ 2021

ހަމައެކަނި އޭޖެންޓުން މެދުވެރިކޮށް ބިދޭސީން ގެންނަން ވިޔަފާރިތަކަށް މަޖުބޫރު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަމައެކަނި އޭޖެންޓުން މެދުވެރިކޮށް ބިދޭސީން ގެންނަން ވިޔަފާރިތަކަށް މަޖުބޫރު ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީން ގެންނަ އޭޖެންސީތަކުން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ފައްޔާޒު ވިދާޅުވީ ވިޔަފާރިއަކުން ބިދޭސީން ގެންނަން ޖެހޭނީ އޭޖެންސީއެއް މެދުވެރިކޮށްގެން ކަމަށް ގާނޫނުގައި ނުލިޔެވޭނެ ކަމަށެވެ. މިހާރު ވެސް އޭޖެންސީތައް މެދުވެރިކޮށް ބިދޭސީން ގެނެވޭ އިރު އަމިއްލައަށް ބިދޭސީން ގެންނަ ފަރާތްތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭޖެންސީތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ވަޒީފާއާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ހުށަހެޅި އިސްލާހުގެ ދަށުން ހެދި ގަވައިދަށް ސަރުކާރުގެ އިދާރާތަކުން އަމަލު ނުކުރާ ކަމަށް ބުނެފައިވެ އެވެ. ސަރުކާރުން އެކި ބޭނުންތަކަށް ގެންނަ ބިދޭސީން ގެންނަނީ އަމިއްލައަށް ނުވަތަ ބޭރުގެ އޭޖެންސީތައް މެދުވެރިކޮށެވެ. މީގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ގެންނަ ބިދޭސީ ޓީޗަރުންނާއި ހެލްތް މިނިސްޓްރީން ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގައި ވެސް މިފަދަ އަމަލުތައް ފެންނަ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.

"މިހާރު ވެސް މަނާ ކަމެއް ނޫން އެއީ. ބައިވަރު އެމްޕްލޯއިމަންޓް އޭޖެންސީތައް މެދުވެރިކޮށް ބިދޭސީން ގެނެވޭނެ،" އޭނާ ވިދާާޅުވި އެވެ

ވިޔަފާރިތަކުން އަމިއްލައަށް ބިދޭސީން ގެނައުމުގެ ފުރުސަތު އޮތް އިރު ސަރުކާރުގެ އިދާރާތަކުން ބިދޭސީން ގެންނަ ނަމަ އޭޖެންސީތައް މެދުވެރި ވެގެން އެކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބިދޭސީންނާ ގުޅޭ ގަވައިދުތައް އެކުލަވާލުމުގައި އަބަދުވެސް އޭޖެންސީތަކުގެ ހިޔާލާއި މަޝްވަރާ ހޯދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ބިދޭސީ މުވައްޒަފުން ގެންނަ އޭޖެންސީތަކުން ހުށަހަޅާފައިވާ ޕެޓިޝަންގައި އެ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހިމެނި އެވެ. އެގޮތުން ގަވައިދާ ހިލާފަށް ބިދޭސީން ގެނައުމުގެ މައްސަލަ އެމީހުންގެ ބޮލަށް ޖެހުމާއި އުސޫލުތައް އެކުލަވާލާ އިރު އެ މީހުންގެ ހިޔާލު ނުހޯދުން ހިމަނާފައިވެ އެވެ.

މި ކޮމިޓީގައި ފައްޔާޒު ވިދާޅުވީ، މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް ފަސޭހަވާނެ ގޮތަކަށް އުސޫލުތަކެއްގައި ހިފަހައްޓައިގެން ކަންތައް ކުރުމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އޭޖެންސީތަކާ މަޝްވަރާކޮށް އެމީހުން ބޭނުންވި ގިނަ ކަންކަން ހައްލު ކޮށްދީފައިވާ ކަމަށެވެ.

"ބައެއް ކަންތައްތަކަކީ ފަސޭހަކުރުމަށްޓަކައި ނުކޮށްދެވޭ ކަންކަން. އެއީ އަޅުގަނޑުމެން ހިފަހައްޓަން ޖެހޭ އެހެން އުސޫލެއް ހިފެހެއްޓުމަށްޓަކައި. މިސާލަކަށް ކޯޓާއެއް ބޭނުންވަރަަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބިދޭސީންނާ ގުޅޭ ގޮތުން އަލަށް އެކުލަވައިލާ ގަވައިދު މިމަހުގެ 15 ހިސާބުގައި ފައިނަލް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.