Roadha Mihaaru
މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،624 ލޭބަރުން!

ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،624 ލޭބަރުން: އިހުސާން

18 ޑިސެމްބަރ 2023

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރު ކަމަށް ބުންޏަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރު ކަމަށް ބުންޏަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް އިން ލޭބަރުން ރާއްޖެ ގެނައުން މަނާކޮށްފައި އޮންނަތާ ހަތަރު އަހަރު ފަހުން މިއަދުން ފެށިގެން އަލުން ހުއްދަ ދޭން ސަރުކާރުން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

މިދިޔަ ސަރުކާރުގައި ބިދޭސީންގެ ކަންކަން ބެލެހެއްޓި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ކޮންމެ ގައުމަކުން ލޭބަރުން ގެނެވޭނެ އަދަދު ގާނޫނުގައި ކަނޑައަޅައި ބަންގްލަދޭޝްގެ ކޯޓާ ހަމަވެފައި ވަނިކޮށް އެ ގައުމުން މީހުން ގެންނަން ނިންމުން ގާނޫނާ ކަނޑައެޅިގެން ހިލާފް ކަމަށް ވިދާޅުވެފަ އެވެ.

އެ ބޭފުޅުން އުޅުއްވަނީ އެކްސްޕެޓް ސިސްޓަމްގައި އިން އެކްޓިވް ވޯކް ޕާމިޓްގެ އަދަދު ނަގައިގެން އެއީ ބޯޑާ ކޮންޓްރޯލްގައި ހުރި މީހުންގެ އަދަދު ކަމަށް އޮޅިގެން، އެކަމަށް ހީކޮށްގެން. އެ ދެ އަދަދު ދިމާނުވާނެ. އެއީ މުޅިން ދެ އެއްޗެއް: މިނިސްޓަ އިހްސާން

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއްގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. މިގޮތަށް ކަނޑައެޅި އިރު ރާއްޖޭގައި ތިބި ބަންގްލާދޭޝް މީހުންގެ އަދަދު މިއަށްވުރެ އިތުރުވާތީ، ބަންގްލާދޭޝް މީހުން ގެނައުން އޮތީ މަނާވެފަ އެވެ.

އެކަމަކު މި ސަރުކާރުގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުވެފައިވާ ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު ތިބީ ބަންގްލަދޭޝްގެ 90،620 މީހުން ކަމަށެވެ.

އިހުސާން ވިދާޅުވީ ފައްޔާޒް ވިދާޅުވާ އަދަދަކީ ރާއްޖޭގައި މިވަގުތު އެކްޓިވްކޮށް ހުރި ބަންގްލަދޭޝްގެ ވޯކް ޕާމިޓްގެ އަދަދު ކަމަށާއި އެ އަދަދު ގާނޫނުގައި ބުނާ އަދަދަށް ވުރެ އިތުރު ނުވާ ކަމަށެވެ.

"އެ ބޭފުޅުން އުޅުއްވަނީ އެކްސްޕެޓް ސިސްޓަމްގައި އިން އެކްޓިވް ވޯކް ޕާމިޓްގެ އަދަދު ނަގައިގެން އެއީ ބޯޑާ ކޮންޓްރޯލްގައި ހުރި މީހުންގެ އަދަދު ކަމަށް އޮޅިގެން، އެކަމަށް ހީކޮށްގެން. އެ ދެ އަދަދު ދިމާނުވާނެ. އެއީ މުޅިން ދެ އެއްޗެއް،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، ބިދޭސީއަކު ރާއްޖެއިން ވަގަށް ފިލައިގެން ދިޔަ ނަމަވެސް ނުވަތަ ގެއްލުނަސް ވޯކް ޕާމިޓް ކެންސަލް ނުކުރާހާ ހިނދަކު ސިސްޓަމުން ފެންނާނީ އެކްޓިވްކޮށް ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދުތައް ބަލާފައިވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމުން، ރާއްޖެއިން ބޭރުވެފައިވާ މީހުން ބަލައިގެން ކަމުގައި އޭނާ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން އާންމުކޮށްފައިވާ ބިދޭސީ މަސައްކަތްތެރިންގެ އަދަދުތައް އެނގެން ހުރި އިކޮނޮމިކް މިނިސްޓްރީގެ އެންމެފަހުގެ ރިޕޯޓުތަކުގައި ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

"[ރިޕޯޓުގައި ވެސް] ސާފުކޮށް ބުނެފައި އިން އެއީ އެކްޓިވްކޮށް ދޫކޮށްފައިވާ ވޯކް ޕާމިޓްގެ އަދަދޭ. އޭގައި ނުބުނާނެ އެއީ ތިބި މީހުންގެ އަދަދެކޭ،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އެ ރިޕޯޓުތަކުގެ ލިންކުތައް އިއްޔެ ވަނީ ސޯޝަލް މީޑިއާ އިން ޑިލީޓް ކޮށްފަ އެވެ.