Roadha Mihaaru
ބަންގްލަދޭޝްގެ 3،300 އަށްވުރެ ގިނަ މީހުން ގައުމަށް

ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3،300 އަށް ވުރެ ގިނަ މީހުން ވަނީ ފޮނުވާލާފައި

06 ޖުލައި 2020

ޑޮކިއުމެންޓެއް ނެތި، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްގެ 3،300 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޑޮކިއުމެންޓެއް ނެތި، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްގެ 3،300 އަށް ވުރެ ގިނަ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން އަންނަ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން 3،369 މީހުން ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި މިއަދު ވެސް 200 މީހުން ފޮނުވައިލި އެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 100 މީހުން ހިމެނެ އެވެ. އެހެންވެ، ގާނޫނާ އެއްގޮތަށް އުޅެމުން ދިޔަސް އަމިއްލަ އަށް ބޭނުންވެގެން ގައުމަށް ދިޔަ މީހުންނާ އެކު، މި މުއްދަތުގެ ތެރޭގައި ރާއްޖެ އިން ބަންގްލަދޭޝް އަށް ފޮނުވައިލި މީހުންގެ އަދަދު އެ އަށް ވުރެ އިތުރުވާނެ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 2،468 މީހުން ޕޮޒިޓިވްވިއިރު އޭގެ ތެރޭގައި 1،278 ބަންގްލަދޭޝް މީހުން ހިމެނެ އެވެ.

ކޮވިޑް ބަލީގައި 11 މީހަކު މަރުވެފައިވާއިރު ބަންގްލަދޭޝްގެ ފަސް ފިރިހެނަކު ހިމެނެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ސަރުކާރުން ވަނީ ގަވައިދުގެ ތެރެއަށް ވަނުމަށް އެ ބިދޭސީންނަށް ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި 40،000 ބިދޭސީން ރަޖިސްޓްރީވި އެވެ.