Roadha Mihaaru
ބަންގްލަދޭޝްގެ އިތުރު 200 މީހަކު ފޮނުވާލައިފި

ބަންގްލަދޭޝްގެ އިތުރު 200 މީހަކު ގައުމަށް ފޮނުވާލައިފި

26 މެއި 2020

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ގައުމަށް ފޮނުވާލައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ގައުމަށް ފޮނުވާލައިފި އެވެ.

އެ މީހުން ފޮނުވާލީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޚާއްސަ މަތިންދާބޯޓެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ސައްހަ އެއްވެސް ލިޔެކިޔުމެއް ނެތް އިތުރު 111 މީހަކު މިއަދު ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެގޮތުން، މިހާތަނަށް އެންމެ ގިނައިން ފޮނުވާލާފައި ވަނީ ބަންގްލަދޭޝް އާއި އިންޑިއާގެ މީހުންނެވެ. ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު، ކޮވިޑް-19 ޖެހިފައިވާ ގިނަ ބަޔަކު އެ ތަންތަނުން ވަނީ ފެނިފަ އެވެ.

މީގެ ކުރިން ވެސް ބަންގްލަދޭޝްގެ 1،000 އަށް ވުރެ ގިނަ މީހުން ގައުމަށް ފޮނުވާލާފައި ވެ އެވެ. އެ މީހުން ފޮނުވާލާފައި ވަނީ އެ ގައުމުގައި ތިބި ދިވެހިން ގޮވައިގެން އައި އަސްކަރީ މަތިންދާބޯޓުތަކުގަ އާއި އެހީ ހިފައިގެން އައި ބޯޓުތަކުގަ އެވެ.

ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު ފޮނުވައިލުން

ރާއްޖޭގައި ތިބި މިފަދަ މީހުން ފޮނުވައިލުމުގައި ސަރުކާރުން އިސްކަންދީފައި ވަނީ ސައްހަ ލިޔެކިޔުން ނެތް މީހުންނަށެވެ. އެގޮތުން މިހާރު ވެސް އެފަދަ 50،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އުޅޭ ކަމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ މީހުން ގައުމަށް ފޮނުވުމުގެ އިތުރަށް މާލޭގައި ތޮއްޖެހިގެން ބިދޭސީން އުޅޭތަންތަން ހުސްކޮށް، ބިދޭސީންނަށް ހުޅުމާލެ، ތިލަފުށި އަދި ގުޅީފަޅުން ވަގުތީ ހިޔާ ވެސް ހަމަޖައްސައިދީފައި ވެ އެވެ.

ރާއްޖެ އިން މިހާތަނަށް 1395 މީހަކަށް ކޮވީޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 706 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި 142 މީހުންނަކީ އިންޑިއާ މީހުންނެވެ.