Roadha Mihaaru
"ސަރުކާރަށް ފާޑުކިޔަސް ފައްޔާޒް ފިޔަވަޅެއް ނާޅުއްވާނެ"

ސަރުކާރަށް ފާޑުކިޔަސް ފައްޔާޒު ފިޔަވަޅު ނާޅާނެ ކަމުގެ ޔަގީންކަން އެބައޮތް: އާޒިމް

27 އެޕްރީލް 2023

އެމްޑީޕީ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުންނަށް ފިޔަވަޅު ނާޅުއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުގެ މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެ މެންބަރުންނަށް ފިޔަވަޅު ނާޅުއްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގު ބޮޑުވަމުންދާތީ އެކަން ކޮންޓްރޯލް ކުރަން ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކާރުން ކުރާ އިސްރާފުތަކާއި ކޮރަޕްޝަންތައް އިތުރުވަމުންދާ ވާހަކަ މަޖިލީހުގައި ދައްކަވާ ކޮންމެ ފަހަރަކު، އެއީ ސަރުކާރަށް ޖެއްސުން ކުރަން ދައްކާ ވާހަކައެއް ކަމަށް ތުހުމަތު ކުރާ ކަމަށެވެ.

އެ ވާހަކަތައް ދައްކަވާތީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕާއި ޕާޓީގެ ފަރާތުން ފިޔަވަޅު އެޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަޝީދާ އެކު ތިއްބެވި މެމްބަރުން ވިޕާ ޚިލާފަށް ވޯޓު ދެއްވައި ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދަށް އަމަލުނުކުރާ މައްސަލާގައި ފިޔަވަޅު އަޅަން ޕާޓީގެ ސެކްރެޓޭރިއަޓަށް ވަނީ ފޮނުވައިފަ އެވެ. އޭގެތެރޭގައި ބައެއް ކޮމިޓީތަކުގެ މުގައްރިރު ކަމުން ވަކިކުރުމާ އެކު ފިޔަވަޅު އެޅުން ހިމެނެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ނަޝީދާ އެކު ތިއްބެވި މެމްބަރުންނަށް ފިޔަވަޅު އަޅުއްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ނުވާނެކަން ފައްޔާޒަށް އެނގިވަޑައިގަންނަވަ އެވެ. އެ މެންބަރުންނަށް ފިޔަވަޅު އަޅައި މުގައްރިރު ކަމުން ވަކިކޮށް ކޮމިޓީތައް ބަދަލުކުރުން ފަދަ ފިޔަވަޅުތައް ނާޅާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިވަގުތު ވެސް ޝުކުރު އަދާކުރަން، ޗެއާޕާސަން ހިކުމަތްތެރިކަމުން އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅެއް ނާޅަނީ. ޗެއާޕާސަން ފަޔާޒް އެބަ ގަބޫލު ކުރައްވާ އަޅުގަނޑުމެން އެއްކޮށް ތިބެގެން ނޫނީ ދެން އޮންނަ އިންތިހާބެއް މޮޅު ނުވާނެ ކަން،" އާޒިމް ވިދާޅުވި އެވެ.

ޗެއާޕާސަން ފަޔާޒް އެބަ ގަބޫލު ކުރައްވާ އަޅުގަނޑުމެން އެއްކޮށް ތިބެގެން ނޫނީ ދެން އޮންނަ އިންތިހާބެއް މޮޅު ނުވާނެ ކަން -- އާޒިމް

އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދަން ބޭނުންވާ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވާ އިރު އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވަން ޖެހިވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މުޅި ޕާޓީ އެކުގައި ކުރިޔަށް ދެވެން އޮތީ އެ މައްސަލާގައި މެންބަރުން ދައްކަވާ ވާހަކަތައް އަޑު އަހައި ގަބޫލު ކުރައްވައިގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ނަޝީދު ފެކްޝަންގެ މެންބަރުން އަންނަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ތެރޭގައި އޮތް ސަރުކާރާ އިދިކޮޅު ފަރާތެއް ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ފިކުރެއްގެ ދިރުންގެ ވަކި ޕާލިމެންޓަރީ ގްރޫޕެއް ހިންގައި މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ގަރާރުތަކާއި މައްސަލަތައް އެ މެންބަރުން ހުށަހަޅުއްވަ އެވެ. އަދި އިދިކޮޅު ފަރާތްތަކާ ގުޅިގެން އެ މެންބަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެމްޑީޕީން ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ ރިޔާސީ ކެނޑިޑޭޓާ ދެކޮޅަށް އެ ޕާޓީގެ މެންބަރުން މަސައްކަތް ކުރުމަކީ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ކަމެކެވެ. ނަޝީދު ފެކްޝަންގެ މެންބަރުން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ވާދަވެރި ކެންޑިޑޭޓުންނާއެކު ކޯލިޝަން ހެދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

އެހެން ނަމަވެސް އެއިން އެއްވެސް މެންބަރަކާ މެދު ޕާޓީން ފިޔަވަޅެއް ނާޅަ އެވެ.