Roadha Mihaaru
އޮޅުވާލުމެއް ކަމަށް ވިދާޅުވެ އާޒިމްގެ ރައްދު ފައްޔާޒަށް

އޮޅުވާލުމެއް ކަމަށް ވިދާޅުވެ އާޒިމްގެ "ހަމަލާއެއް" ފައްޔާޒުގެ ސަޕޯޓަރުންނަށް!

11 މެއި 2022

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުން ނުކުމެ އޭނާ އަށް ތާއީދުކުރާ މައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުން ނުކުމެ އޭނާ އަށް ތާއީދުކުރާ މައްސަލައިގައި، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އިންތިހާބުގައި ވާދަ ކުރައްވާ ފައްޔާޒް ވަކި ކުރުމަށް އެމްޑީޕީގެ 33 މެމްބަރުން ސޮއި ކުރައްވައި މަޖިލީހަށް މައްސަލައެއް ހުށަހެޅުމަށް އޭނާ އާ ހަވާލު ކުރެއްވި ކަމަށެވެ. އެ މައްސަލައިގެ ލިޔުން ވެސް އޭނާ މިއަދު އާންމުކުރެއްވި އެވެ.

ފައްޔާޒަށް އެމްޑީޕީ ހިންގާލެވޭނެ ކަމަށް ބުނަމުން އަންނަނީ ވެސް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި މެމްބަރުން ކަމަށާއި އެއީ އެމްޑީޕީގެ އާންމު މެމްބަރުންނަށް ވެވޭ ބޮޑު އޮޅުވާލުމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

"ހިންގާލަން" އަކީ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒް ބޭނުން ކުރާ ކެމްޕެއިން ސްލޯގަން އެވެ.

އޭނާގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ތެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފައްޔާޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.

ނަމަވެސް މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހެޅޭ ވަރަށް ސޮއި ހަމައެއް ނުކުރެވުނެވެ.

ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާ ވަދާ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން އަންނަނީ ފައްޔާޒަށް ނުފޫޒާއި ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންނެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވެސް ތާއީދު ކުރައްވަނީ އިންތި އަށެވެ. ނަމަވެސް އަދި ފާޅުގައި އިންތި އެންޑޯޒެއް ނުކުރައްވަ އެވެ.