Roadha Mihaaru
"އިންޑިއާ އައުޓްއާ ހެދި އިތުރު އެހީތައް ނުލިބިދާނެ"

"އިންޑިއާ އައުޓް" ގެ ސަބަބުން އިތުރު އެހީތައް ނުލިބިދާނެ: ފައްޔާޒު

14 ފެބުރުއަރީ 2022

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ދިވެހިންނަށް ލިބޭ އެހީތައް ހުއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެ ގައުމާއެކު އޮންނަ ގާތް ގުޅުމުން ލިބޭ އިތުރު އެހީތައް ނުލިބިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީ އަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ދިވެހިންނަށް ލިބޭ އެހީތައް ހުއްޓިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމަކު އެ ގައުމާއެކު އޮންނަ ގާތް ގުޅުމުން ލިބޭ އިތުރު އެހީތައް ނުލިބިދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތުން ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ވިދާޅުވެ، އެކަން ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގައުމީ ސަލާމަތާ ބެހޭ (241) ކޮމިޓީ އަށް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގަ އެވެ.

ފައްޔާޒު ވިދާޅުވީ، "އިންޑިއާ އައުޓް" ކެމްޕެއިނަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ. އަދި މިއީ ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުކުރުމަށް ބަޔަކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، ކޮންމެ ސަރުކާރެއް އޮތަސް އިންޑިއާގެ ގުޅުން އިތުރަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ އަވަށްޓެރިންނާއެކު، މި އޮންނަ ގުޅުން ގޯސްވެއްޖެއްޔާ އިސްތިގްލާލަށް އަސަރު ކުރުމަކީ ގާތް ކަމެއް. އިންޑިއާ ކަނޑަކީ ދުނިޔޭގައި މުހިއްމު ތަނެއްގައި އޮތް ތަނެއް. އަބަދުވެސް ދުރުގައި އޮންނަ ގައުމުތަކުން ފާރަލާ ތަނެއް. މި ކަންތަކަށް އެ މީހުން ވަދެ މީގެން އިންޑިއާ ކަނޑުގެ މަސްލަހަތަށް ބުރުއެރުމަކީ ވަރަށް ގާތް ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިގްތިސޯދީ ގޮތުން ރާއްޖެ އާއި އިންޑިއާއާއެކު ވަރަށް ބޮޑު ގުޅުމެއް އެބައޮތް ކަމަށެވެ. އެ ގައުމުން އެކްސްޕޯޓް ނުކުރެވޭ އެތައް ސާމާނަކަށް ރާއްޖެ އަށް ހާއްސަ ކޯޓާ ދީފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ބޮޑު ބައެއް ބަރޯސާވާ ސާމާނު ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގައުމުގައި އަދި ނެތް އެ ތަކެތި އުފެއްދުމުގެ ގާބިލުކަމެއް. އެބަ މަސައްކަތް ކުރަން އެކި ކަހަލަ ކަންކަން މަގުފަހި ކުރަން. އެކަމަކު ބޭނުންވާ ވަރަށް އެކަން ކުރަން ކިހާ ދުވަހެއް ވާނެއޭ ބުނަން ނޭނގޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ފަހަރަކު ވެސް ރާއްޖެ އަށް ތިން އަހަރަށް ބޭނުންވާ ސާމާނު ހުންނަނީ ގެެރެންޓީވެފައި ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ސާމާނު ގެނައުމަށް އިންޑިއާ އިން ހާއްސަ ކޯޓާއެއް ވެސް ދީފައިވާކަން ފާހަގަކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި، އިންޑިއާ ނޫން އެހެން ގައުމުތަކުން ވެސް އެ ސާމާނު ގެނެވިދާނެ އެވެ. އެކަމަކު އެއީ ބޮޑެތި ހަރަދުތައް ހިނގާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މީގެން ކަމަކަށް ބުރު އަރާނެ ކަމެއް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ. ސިޔާސީ ބޭނުމެއްގައި ވަގުތީކޮށް ކަމެއް ކުރުމުގެ ބަދަލުގައި ވަރަށް ނުރައްކާ ކަމެއް. ސިޔާސީ ކަމެއް ވިޔަސް ވަކި ހިސާބަކުން މި ކަން އަތުން ދޫވެގެން މި ދަނީ،" ކަންބޮޑުވުން ހިއްސާ ކުރައްވަމުން ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިހާރު ވެސް އެކަމުގެ ނުރަނގަޅު އަސަރު އެބަ ކުރެ އެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ސަރުކާރު އިސްނަގައިގެން ކުރާ ކަމަކަށް ނުވާއިރު، އެ ގައުމުންދޭ އެހީތެރިކަން ހުއްޓިދާނެ ކަމަށް ގަބޫލުކުރައްވަންތޯ، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން، މިއަދުގެ ބައްދަލުވުމުގައި ސުވާލު ކުރެއްވުމުން ފައްޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަން ނުހުއްޓުނު ނަމަވެސް ގާތް އެކުވެރި ގައުމަކަށް ވާތީ ލިބޭ އެހީތެރިކަން ނުލިބިދާނެ ކަމަށެވެ.

=ން ފައްޔާޒު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީތެރިކަން ނުހުއްޓުނު ނަމަވެސް ގާތް އެކުވެރި ގައުމަކަށްވާތީ ލިބޭ އެހީތެރިކަން ނުލިބިދާނެ ކަމަށެވެ.

"ގުޅުމަށް އަސަރު ކުރާތީ އިތުރަށް ލިބޭ އެހީ ނުލިބިދާނެ. އެއީ ގުޅުމަށް އަސަރުކުރާ ކަމެއް ވަންޏާ އެ ގުޅުމުގެ ސަބަބުން ލިބޭ އެއްޗެހި ނުލިބިދާނެއޭ،" އިތުރަށް ތަފްސީލުކޮށްދެއްވާ ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕެއިނުން ހުޅުވައިލަނީ ބޭނުން ނެތް ނުރައްކަލަކަށް ކަމަށެވެ.

މިނިސްޓަރު ފައްޔާޒު، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރިން ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް އެ ކޮމިޓީގައި ބައިވެރިވެވަޑައިގަތެވެ. އެ ބޭފުޅުން ވެސް ވަނީ މި ކެމްޕެއިނާ މެދު އޮތް ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވައިފަ އެވެ.

އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ހިންގާ ހަރަކާތް ފުޅާކުރީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖަލުން މިނިވަންވެ، އެގޮތަށް އެންގުމުންނެވެ. އޭގެ ފަހުން ރަށްރަށުގައި ވެސް "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރި އެވެ. އޭގެ ނަތީޖާއަކީ ބައެއް ރަށްރަށުގައި އިންޑިއާގެ ޓީޗަރުންނާ ފޮށޭ މައްސަލަތައް ބޮޑުވެ، އެ މީހުން ބިރުވެރިކަމެއްގައި ތިބެން ޖެހުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނެފައި ވެ އެވެ.