Roadha Mihaaru
މެއި މަހުގެ ތެރޭ ރަޝިޔާ އިން ކާމިޔާބު އިއުލާންކުރާނެ

މެއި މަހުގެ ތެރޭ ރަޝިޔާ އިން ކާމިޔާބު އިއުލާންކުރާނެ

03 އެޕްރީލް 2022

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބު ހޯދިއްޖެކަން، އަންނަ މެއި މަހުގެ ތެރޭގައި އިއުލާންކުރުމަށް ރަޝިޔާ ސަރުކާރުން ތައްޔާރުވާން ފަށައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ކާމިޔާބު ހޯދިއްޖެކަން، އަންނަ މެއި މަހުގެ ތެރޭގައި އިއުލާންކުރުމަށް ރަޝިޔާ ސަރުކާރުން ތައްޔާރުވާން ފަށައިފި އެވެ.

ޖާސޫސީ މައުލޫމާތުތަކާ ހަވާލާދީ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ސީއެންއެން އަށް ކިޔައިދިން ގޮތުގައި މެއި މަހުގެ 9 ވަނަ ދުވަހަކީ ރަޝިޔާގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ނަސްރުގެ ދުވަސް ކަމަށްވާތީ، މިހާރު ކުރަމުންދާ ހަނގުރާމަ ކާމިޔާބުވެފައިވާކަން ދުނިޔެއަށް ދައްކަން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ބޭނުންވެ އެވެ.

އެހެންކަމުން، ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން، އެކަމަށް ފޮނުވި ލަޝްކަރު އަނބުރާ ޔޫކްރޭންގެ އިރުމައްޗަށް ގެންގޮސް، އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށްފައިވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ދޮންބާސް ސަރަހައްދު، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންނަން ކޮންމެހެން ވެސް މިހާރު ބޭނުންވެ އެވެ. ދޮންބާސް ސަރަހައްދުގެ ބޮޑު ބައެއް މިހާރު ވެސް އޮތީ ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ކަމަށްވާތީ، ރަޝިޔާ ސިފައިންގެ ބައިވެރިވުމާ އެކު، ދޮންބާސް ސަރަހައްދު އެކުގައި، ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދިއުން ފަސޭހަވާނެ ކަމަށް ރަޝިޔާ އިން ދެކެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހު ރަޝިޔާ ސިފައިން ފެށި ހަނގުރާމަ އަށް މަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ޔޫކްރޭންގެ އެއްވެސް ސަރަހައްދެއް ރަޝިޔާ ސިފައިންގެ ބާރުގެ ދަށަކަށް ނުގެންދެވެ އެވެ. އޭގެ ބަދަލުގައި ބޮޑެތި ގެއްލުންތަކަކާ އެކު ރަޝިޔާ ސިފައިންނަށް މިހާރު މަޖުބޫރުވެފައިވަނީ ހަނގުރާމައިގެ މައިދާނުން ފަހަތަށް ޖެހުމަށެވެ.

މެއި މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހަކީ ގައުމީ ފެންވަރުގައި އެންމެ ކުލަ ގަދަކޮށް އެ ގައުމުގައި ފާހަގަކުރާ ދުވަހެވެ. ދެ ވަނަ ބޮޑުހަނގުރާމައިގައި ނާޒީ ސިފައިން އަމާންދިނުން ފާހަގަކުރުމުގެ ގޮތުން އެ ދުވަހު ބާއްވާ ހާއްސަ ހަރަކާތަކީ، ރިޔާސީ ގަނޑުވަރުގެ ކުރިމަތިން އޮންނަ ރަތް މައިދާނުގައި ބާއްވާ އަސްކަރީ ހިނގާލުމެވެ.

މި ހިނގާލުމުގައި ރަޝިޔާގެ އަސްކަރީ ގާބިލްކަން ދައްކައިލުމުގެ ގޮތުން ގިނަ އަދަދެއްގެ ސިފައިންނާއި، ރަޝިޔާގައި އުފައްދާފައިވާ ޒަމާނީ ހަތިޔާރުތައް ދައްކައިލުން އޮވެ އެވެ.