Roadha Mihaaru
ޔޫރަޕްގެ 4 ގައުމަކުން ރަޝިޔާގެ ޑިޕްލޮމޭޓުން ބޭރުކުރަނީ

ޔޫރަޕްގެ 4 ގައުމަކުން ރަޝިޔާގެ ޑިޕްލޮމޭޓުން ބޭރުކުރަނީ

30 މާޗް 2022

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ހަތަރު ގައުމެއްގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުންގެ ތެރެއިން ބައެއް ބޭފުޅުން އަނބުރާ ރަޝިޔާ އަށް ފޮނުވައިލުމަށް އެ ގައުމުތަކުން ނިންމައިފި އެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ހަތަރު ގައުމެއްގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުންގެ ތެރެއިން ބައެއް ބޭފުޅުން އަނބުރާ ރަޝިޔާ އަށް ފޮނުވައިލުމަށް އެ ގައުމުތަކުން ނިންމައިފި އެވެ.

ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަޔާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް ވިލާތުގެ އިއްތިހާދުން އަންނަނީ ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެ ގޮތުން ރަޝިޔާގެ ޑިޕްލޮމޭޓުން ބޭރުކުރަން މިފަހަރު ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ހޮލެންޑާއި ބެލްޖިއަމާއި އަޔަލޭންޑާއި ޗެކް ޖުމްހޫރިއްޔާ އެވެ. ހޮލެންޑުން ބުނި ގޮތުގައި އެ ގައުމުގައި ހުންނަ ރަޝިޔާ އެމްބަސީގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ ރަޝިޔާގެ ޖާސޫސީ އިދާރާގެ 17 އޮފިސަރަކު އެ ގައުމުން ބޭރުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ހޮލެންޑުގެ ހާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، އެ 17 އޮފިސަރުން އެ ގައުމުން ބޭރުކުރަން ނިންމީ ހޮލެންޑްގެ ގައުމީ ސަލާމަތާ ބެހޭ އިދާރާތަކާއި ޖާސޫސީ އިދާރާތަކުން ލިބުނު މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްފަ އެވެ. ހޮލެންޑްގެ ސަލާމަތާއި ރައްކާތެރިކަމަށް އެ 17 މީހުންގެ ފަރާތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ފުރުސަތު ބޮޑުކަމުން، ރަހުމަތްތެރި އެހެން ގައުމުތަކާ އެކުގައި މަޝްވަރާ ކުރުމަށް ފަހުގައި އެގޮތަށް ނިންމީ ކަމަށް ވެސް ހޮލެންޑުގެ ހާރިޖިއްޔާ އިން ބުނެ އެވެ.

ރަޝިޔާގެ ހާރިޖިއްޔާއާ ހަވާލާދީ އެ ގައުމުގެ ރަސްމީ ނޫސް އޭޖެންސީ، ޓާސް އިން ބުނި ގޮތުގައި ހޮލެންޑްގައި ތިބި ރަޝިޔާގެ ޑިޕްލޮމޭޓުންގެ ތެރެއިން 17 މީހަކު މިހާރު ވަނީ އަނބުރާ ރަޝިޔާ އަށް ފޮނުވާލައިފަ އެވެ.

ބެލްޖިއަމްގެ ހާރިޖީ ވަޒީރު ސޫފީ ވިލިއަމްޒް ވިދާޅުވި ގޮތުގައި ރަޝިޔާގެ 21 ޑިޕްލޮމެޓަކު އަނބުރާ ގައުމަށް ފޮނުވައިލަން މިހާރު ވަނީ ނިންމައިފަ އެވެ. އެ އެންމެން ވެސް ބެލްޖިއަމުން ބޭރުކުރަން ނިންމީ، ބެލްޖިއަމްގެ ތެރޭގައި ޖާސޫސީ ހަރަކާތްތައް ހިންގުމުގައި އެމީހުން ބައިވެރިވެފައިވާކަން ސާބިތުވާތީ އެވެ.

އަޔަލޭންޑްގެ ހާރިޖީ ވަޒީރު ސީމޯން ކޮފީނީ ވިދާޅުވި ގޮތުގައި އެ ގައުމުގައި ހުންނަ ރަޝިޔާ އެމްބަސީގައި މަސައްކަތްކުރާ އިސް ހަތަރު ޑިޕްލެމޭޓަކު މިހާރު ވާނީ އަނބުރާ ރަޝިޔާ އަށް ފޮނުވާލައިފަ އެވެ. އަޔަލޭންޑްގެ އެ ނިންމުން ބަޔާންކޮށް ރަޝިޔާ ސަފީރަށް ފޮނުވި ލިޔުމުގައި ބުނެފައިވާ ގޮތުގައި، ހަތަރު ޑިޕްލޮމޭޓުން އަނބުރާ ފޮނުވައިލުމަށް ނިންމީ، ޑިޕްލޮމޭޓުންގެ ސުލޫކުތައް ބަހައްޓަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑަށް އެމީހުންގެ އަމަލުތައް ނުފެތޭތީ އެވެ.

ޗެކް ޖުމްހޫރިއްޔާގެ ހާރިޖިއްޔާ އިން ބުނި ގޮތުގައި، އެ ގައުމުގައި ހުންނަ ރަޝިޔާ އެމްބަސީގައި މަސައްކަތްކުރާ މުވައްޒަފަކު އެ ގައުމުގައި ބަހައްޓަން ބޭނުންނުވާކަން ރަޝިޔާ އެމްބަސީ އަށް މިހާރު ވާނީ އަންގައިފަ އެވެ. އެގޮތަށް ނިންމީ ވިލާތުގެ އިއްތިހާދުގެ ގައުމުތަކުން ރަޝިޔާގެ ޖާސޫސުން މަދުކުރުމަށް އެ އިއްތިހާދުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ވެސް ޗެކް ޖުމްހޫރިއްޔާގެ ހާރިޖިއްޔާ އިން ބުނެ އެވެ.