Roadha Mihaaru
މަހުލޫފުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

މަހުލޫފުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

06 މާޗް 2022

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރެވޭނެ ހެކި ނެތް ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ދައުލަތުން ކުރީ، މަހުލޫފް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު، ޕީޕީއެމްގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމުގެ މުގާބިލްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު (ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ) ނެންގެވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ މަހްލޫފަށް 33،000 ޑޮލަރު ލިބުނުކަން ސާބިތު ކުރެވެން އޮތަސް، އެ ފައިސާއަކީ އެސްއީޒެޑް ބިލަށް ވޯޓު ދިނުމުން ރިޝްވަތުގެ ގޮތުގައި ދިން ފައިސާއެއްކަން ސާބިތުކޮށްދެވޭނެ ކަމަށް ނުފެންނަ ކަމަށެވެ.

އެހެންވެ ޝަރީއަތުގެ މަރުހަލާ ކުރިއަށް ގެންގޮސް ހެކިބަސް ނެގިޔަސް އެ ދައުވާ ސާބިތު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި ދައުވާ ބާތިލްކުރި ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ.

އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ މިންވަރުގެ ހެއްކެއް ނެތް ކަމަށް ނިންމުމުގައި އެންމެ ބޮޑަށް ގާޒީ ފާހަގަކުރެއްވީ އެއީ ރިޝްވަތުގެ ފައިސާކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނާ ގުޅޭ މައްސަލަ އެވެ. އޭނާ އަކީ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކުރާ މީހަކަށް ވާތީ އޭނާގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް މަހްލޫފްގެ ފަރާތުން ބުނެފައިވެ އެވެ.

ރިޝްވަތުގެ މައްސަލާގައި މަހުލޫފް މީގެ ކުރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު ފަހުން ސަސްޕެންޝަން އުވާލި ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރުމުން އޭނާ މަގާމުން ވަކިކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ. ނަމަވެސް އޭގެ ފަހުން ދައުލަތުން ވަނީ އެ ނިންމުން ވެސް ބަދަލު ކޮށްފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުގައި ހުންނަވަނިކޮށް ދައުވާކުރި ފުރަތަމަ މައްސަލަ އެވެ.