Roadha Mihaaru
ފޭސް ދޭއްގެ ބަހުގެ މައްސަލަ މި އަހަރު ހައްލުވާނެ

ހުޅުމާލެ ފޭސް ދޭއްގެ ބަހުގެ މައްސަލަ މި އަހަރު ހައްލުވާނެ: އެމްޓީސީސީ

21 ފެބުރުއަރީ 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ބަސް އިތުރު ނުކުރެވިގެން އުޅެނީ އިތުރު ބަހެއް ނެތިގެން ކަމަށް، މާލޭ ސަރަހައްދަށް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދަށް ބަސް އިތުރު ނުކުރެވިގެން އުޅެނީ އިތުރު ބަހެއް ނެތިގެން ކަމަށް، މާލޭ ސަރަހައްދަށް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިއަދު ބުނެފި އެވެ.

ހިޔާ ފްލެޓު ހިމެނޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން އަންނައިރު އެ ސަރަހައްދަށް ބަހުގެ ހިދުމަތް ދޭ ގޮތާ މެދު ކަންބޮޑުވުން އެބައޮތެވެ. ވަކިން ހާއްސަކޮށް ގިނަ އަދަދެއްގެ ސްކޫލު ކުދިން ވެސް އެ ސަރަހައްދުގައި އުޅެމުން އަންނައިރު ފޭސް އެކަކަށް ބަސް ހުއްޓައި އެތަނަށް އެހެން ބަހެއް އަންނަންދެން އެތަނުގައި ތިބެން ޖެހޭ ކަމުގެ ޝަކުވާ ބޮޑެވެ.

އެެހެންވެ، ފޭސް ދެއަކަށް ވަކި ބަހެއް ހަމަޖައްސައި ދޭން އެތަނުގައި އުޅޭ މީހުން އެދެމުން އަންނައިރު އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ ޑިމާންޑާ އެއްވަރަށް މި ވަގުތު ބަސް ނެތް ކަމަށެވެ.

ބަހުގެ ދަތި ކަމަށް ހައްލު ހޯދުމަށް އިތުރު ބަސްތައް ގެނައުމަށް އޯޑަރުކޮށްފައިވާ ކަމަށާއި މި މައްސަލަ މި އަހަރު ހައްލުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުމުގެ ކުރިން [ސެޕްޓެމްބަރުގެ ކުރިން] މާލެ ސަރަހައްދަށް ދިމާވެފައިވާ ބަހުގެ މައްސަލަ އެއްކޮށް ހައްލުވާނެ -- އާޒިމް

ހިޔާ ފްލެޓުގައި މީހުން އުޅެން ފެށުމާ އެކު ބަހުގެ ދަތިކަން ވަރަށް ބޮޑުވި އެވެ. އެހެންވެ އެންމެ ބާރު ބޮޑުވާ ވަގުތުތަކުގައި ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް މިހާރު ވެސް އެމްޓީސީސީން ދެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހިސާބުގައި އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު މަސް ދުވަސް ފަހުން، އެ ތަނަށް ބަހުގެ ހިދުމަތް ފެށީ ވެސް އަންހެނަކު އޭނާގެ ދަރިފުޅު ކޮނޑަށް އަރުވައިގެން ހިނގާފައިދާ ވީޑިއޯއެއް އާންމުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.