Roadha Mihaaru
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ހޯމަ ދުވަހު ފަށަނީ

މިނީ ބަހުގެ ޓެސްޓް ދަތުރުތައް ހޯމަ ދުވަހު ފަށަނީ

02 ސެޕްޓެމްބަރ 2022

މިނީ ބަހުގެ ހިދުމަތުގެ ޓެސްޓް ދަތުރުތައް އަންނަ ހޯމަ ދުވަހު މާލޭގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިނީ ބަހުގެ ހިދުމަތުގެ ޓެސްޓް ދަތުރުތައް އަންނަ ހޯމަ ދުވަހު މާލޭގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ޓެސްޓް ދަތުރުތައް ދެ ހަފްތާ އަށް ކުރިއަށްދާނެ ކަމަށާއި އެ މުއްދަތުގެ ތެރޭ ކަސްޓަމަރުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. މާލެތެރޭގެ ދަތުރުތަކުގެ އަގަކީ ހަތް ރުފިޔާ އެވެ.

މިނީ ބަހުގައި ތިން އަހަރުން ދަށުގެ ކުދިންނަށާއި 65 އަހަރުން މަތީގެ މީހުން އައިޑީކާޑު ދެއްކުމުން ބަހުގައި އަބަދު ވެސް ހިލޭ ދަތުރުކުރެވޭނެ އެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ކާޑު އޮންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެ ކާޑު ދެއްކުމުން ބަހުގައި ވެސް ހިލޭ ދަތުރުކުރެވޭނެ އެވެ. އޭގެ އިތުރުން، ސްކޫލް ދަރިވަރުން ޔުނީފޯމުގައި ކުރާ ދަތުރުތަކަކަަށް ވެސް އަގެއް ނުނަގާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 41 ބަސް ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންް ކުރާނީ 18 ބަސް ކަމަށް އެ ކުންފުނިން ބުންޏެވެ.

އަމީނީ މަގު މާފަންނު ޕޮލިސް ސްޓޭޝަން ކުރިމަތީ އަޅާ ޕާކިން ޒޯން

އަމީނީ މަގު މާފަންނު ޕޮލިސް ސްޓޭޝަން ކުރިމަތީ އަޅާ ޕާކިން ޒޯން

މާލޭގެ ބަސްދަތުރުތައް ނުފެށި ލަސްވެގެން ދިޔައީ ބަސް ދަތުރުކުރަން ހަމަޖެހިފައިވާ ރޫޓުތަކުގައި ދިމާވެފައިވާ ޕާކިންގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ. އެގޮތުން، މިހާރު ވަނީ މަޖީދީ މަގުގައި ޕާކުކުރުން މަނާކޮށްފަ އެވެ. އަދި އަމީނީމަގާއި އޯކިޑުގެ ޕާކިން މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ބަހުގެ ހިދުމަތް މާލޭގައި ކުރިއަށް ގެންދަނީ ތިން ރޫޓަކަށް ބަހާލައިންނެވެ. އެގޮތުން، ސޯސަން ރޫޓުގައި އަށް ސަރަހައްދަކަށް ބަސް ހުއްޓާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ދެން ހިމެނޭ އަމީނީ ރޫޓް އަދި އޯކިޑު ރޫޓުގައި 18 ސަރަހައްދަކަށް ބަސް ހުއްޓަން ވަނީ ހަމަޖެހިފަ އެވެ.

މާލޭގެ އެކި ހިސާބުތަކަށް ކޮންމެ 10 މިނެޓަކުން ބަސް ދަަތުރުކުރާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

އާރްޓީއެލް މިނީ ބަސްތަކަކީ 16 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. އަދި އޭގައި ކޮޅަށް 10 މީހުންނަށް ހުރެވޭ ހެން ހޭންޑްލްތަކެއް ވެސް ހުރެ އެވެ. އޭގެ އިތުރުން، އާރްޓީއެލް ބައެއް ބަސްތަކަކީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށް ވެސް ފަސޭހައިން ބޭނުން ކުރެވޭނެ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުންޏެވެ.