Roadha Mihaaru
ބަސް ޓިކެޓަށް ކޭޝްކާޑުން ފައިސާ ދެއްކޭނެ ގޮތް ހަދައިފި

ބަސް ޓިކެޓަށް ކޭޝް ކާޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

10 ޖެނުއަރީ 2023

ބަސް ދަތުރުތަކުގެ ޓިކެޓްގެ ފައިސާ ކޭޝް ކާޑުން ކެނޑޭނެ ގޮތް އެމްޓީސީސީން ހަމަޖައްސައި މިއަދު ރަސްމީކޮށް އެކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަސް ދަތުރުތަކުގެ ޓިކެޓްގެ ފައިސާ ކޭޝް ކާޑުން ކެނޑޭނެ ގޮތް އެމްޓީސީސީން ހަމަޖައްސައި މިއަދު ރަސްމީކޮށް އެކަން ފަށައިފި އެވެ.

އެހެންވެ، މާލެ ސަރަހައްދުގައި ޕަބްލިކް ޓްރާންސްޕޯޓަށް ބަހުގެ ހިދުމަތް ހޯދާ އެންމެންގެ ޓިކެޓް ފައިސާ ކްރެޑިޓް އަދި ޑެބިޓް މާސްޓާ ކާޑާއި ވިސާ ކާޑުތަކުން މިހާރު ކެނޑޭނެ އެވެ.

އެ ކަން ފެށުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އާރްޓީއެލްގެ ބަސްތަކުން "ކޮންޓެކްޓްލެސް" ކާޑުތައް ބޭނުން ކުރަން ފެށުމުން، މިހާރަށް ވުރެ ފަސޭހައިން ބަހުގެ ދަތުރުތައް ކުރެވޭނެ ކަމަށެވެ.

"އެއްވެސް ބޭފުޅެއްގެ އަތުގައި ކޮންޓެކްޓްލެސް މާސްޓަ ނޫނީ ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑެއް އޮތިއްޔާ، ހަމަ [މެޝިންގައި] ޖައްސާލާފައި ދާންވީ. އަތުގައި ކޭޝް ނެތަސް ކާޑު އޮތިއްޔާ ދަތުރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވިގޮތުގައި، ބަސްތަކުން މިހާރު ތިން ގޮތަކަށް ދަތުރު ކުރެވޭނެ އެވެ. އެއީ ނަގުދު ފައިސާ ބޭނުންކޮށްގެންނާއި އެޕްލިކޭޝަން މެދުވެރިކޮށް ކިއުއާރް ކޯޑު ބޭނުން ކޮށްގެން ދަތުރު ކުރުމާއި ވިސާ އާއި މާސްޓަ ކާޑުން ފައިސާ ދެއްކުމެވެ.

އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ބަސް ދަތުރުތައް ކުރުމުގައި ވެސް ކޮންޓެކްޓްލެސް ކާޑު ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް--ފޮޓޯ:ނިޝާން އަލީ/މިހާރު

އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ބަސް ދަތުރުތައް ކުރުމުގައި ވެސް ކޮންޓެކްޓްލެސް ކާޑު ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް--ފޮޓޯ:ނިޝާން އަލީ/މިހާރު

އާޒިމް ވިދާޅުވީ، އެ ހިދުމަތުގެ އިތުރުން ކުރިމަގުގައި ޕްރިޕެއިޑް ކާޑެއް ވެސް ތައާރަފު ކުރާނެ ކަމަށެވެ. އެއީ އޮންލައިންކޮށް ކާޑު ރީޗާޖު ކޮށްގެން ދަތުރު ކުރެވޭނެ ހިދުމަތެކެވެ. ޕްރިޕެއިޑް ކާޑު ތައާރަފު ކުރުމުން، މިހާރު ގެންގުޅޭ ބަސް ކާޑުތަކާ ހިލާފަށް އެމްޓީސީސީގެ ވަކި ކައުންޓަރުތަކަށް ގޮސް ރީޗާޖު ކުރުމުގެ ބަދަލުގައި ކޮންމެ ތަނެއްގައި ހުރެގެން ވެސް އެކަން ކޮށްލެވޭނެ އެވެ.

އާޒިމް ވިދާޅުވީ، ޕްރިޕެއިޑް ކާޑު ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ތައާރަފު ކުރާނެ ކަމަށެވެ.

"އެމްޓީސީސީން މި ބަލަނީ ދާއިމީ ހައްލުތަކެއް ގެނައުން. ޕްރިޕެއިޑް ކާޑަށް ބަދަލު ކުރުމާ އެކު އެކި ތަންތަނުގައި ރޯޑް ޝޯތައް ބާއްވާފައި މިހާރު ގެންގުޅޭ ކާޑުތައް ވެސް ޕްރިޕެއިޑް ކާޑަށް ބަދަލުކޮށްދޭނަން. އެއާއެކު މުޅި ސިސްޓަމް އެއްކޮށް ހަރުދަނާ ވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން އާރްޓީއެލް ބަހުގެ ހިދުމަތް ފެށުމަށް 36 މިނީ ބަސް ރާއްޖެ ވަނީ ގެނެސްފަ އެވެ. އޭގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. އެއީ 20 މީހުންގެ ޖާގައިގެ، ފުރުޅުލީ ގޮނޑިއަށް ވެސް ހާއްސަ ޖާގަ ހުންނަ ބަސްތަކެކެވެ. މާލޭގައި ދުއްވާ ބަސް ދަތުރުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 7ރ. އެވެ.

އެމްޓީސީސީން އަންނަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫގައި މިނީ ބަހުގެ ހިދުމަތް ދެމުންނެވެ. ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ އާރްޓީއެލް ބަހުގެ ހިދުމަތްދޭ ރަށްރަށުގައި ވެސް ބަސް ދަތުރުތަކުގައި ކޭޝް ކާޑު ބޭނުން ކުރެވޭ ގޮތް ހަދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.