Roadha Mihaaru
48 ގަޑިއިރުގެ 10 ސުވާލު: ބަސް ދަތުރު ކިހިނެއް؟

48 ގަޑިއިރުގެ 10 ސުވާލު: ބަސް ދަތުރު ކިހިނެއް؟

07 ސެޕްޓެމްބަރ 2022

މާލޭގައި 11 އަހަރަށް ފަހު، އަނެއްކާ ވެސް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކޮށް، ހޯމަ ދުވަހު މިނީ ބަސްތަކެއްގެ ދަތުރުތަކުގެ ޓެސްޓް ދަތުރުތައް ފެށީ އެވެ. މިއީ، ތާރީހީ ހިދުމަތެކެވެ. އަދި ޓެކްސީ ނުލިބި، އޭގެ ތަކުލީފާއި ޝަކުވާ އުފުލަމުންދާ އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

މާލޭގައި 11 އަހަރަށް ފަހު، އަނެއްކާ ވެސް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކޮށް، ހޯމަ ދުވަހު މިނީ ބަސްތަކެއްގެ ދަތުރުތަކުގެ ޓެސްޓް ދަތުރުތައް ފެށީ އެވެ. މިއީ، ތާރީހީ ހިދުމަތެކެވެ. އަދި ޓެކްސީ ނުލިބި، އޭގެ ތަކުލީފާއި ޝަކުވާ އުފުލަމުންދާ އެތައް ބަޔަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މާލޭގައި މިނީ ބަސް ހިދުމަތަށް 48 ގަޑިއިރު ވީ އިރު، ތަޖުރިބާ ރަނގަޅެވެ. މިނީ ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނާ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވިދާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތެވެ.

މިއީ، ބަހުގެ ހިދުމަތާ ބެހޭ ގޮތުން، އެމްޓީސީސީގެ ސީއީއޯ އަދި މެނެޖިން ޑިރެކްޓަރު އާދަމް އާޒިމް، ރޭ "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގެ މައިގަނޑު 10 ސުވާލާއި އޭގެ ޖަވާބުތަކެވެ.

1. މިނީ ބަހުގެ ހިދުމަތް ފެށިގެންދިޔަތާ މިހާރު 48 ގަޑިއިރު މިވީ. ކޮބައިތޯ ތަޖުރިބާއަކީ؟ އަދި މި ދެ ދުވަހުގެ ތަޖުރިބާ އިން، މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރެވިދާނެ ކަމަށް މިހާރު ގަބޫލު ކުރެއްވޭތޯ؟

އާޒިމް: ފުރަތަމަ ދުވަހު މިނީ ބަހުގައި ވަރަށް ގިނަ ބަޔަކު ދަތުރުކުރި. ވަރަށް ބޮޑު ތަރުހީބެއް ވެސް ލިބުނު. އާންމުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ރަނގަޅު ކޮމެންޓްތަކެއް. އެއްވެސް މީހަކު، މި ހިދުމަތާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް ކުރިކަން އަޅުގަނޑަށް އެނގިފައެއް ނެތް. ހަމަ އެގޮތަށް މިއަދު ވެސް މި ފެނުނީ. އެހެންވީމަ، އަޅުގަނޑުމެން މި ހިދުމަތް ފަށައިގެން ކުރިއަށް މި ދަނީ ވަރަށް ބޮޑު ޔަގީން ކަމަކާ އެކު.

ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އާޒިމް ބަހެއްގައި ދަތުރު ކުރައްވަނީ -- ފޮޓޯ: އެމްޓީސީސީ

ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން އާޒިމް ބަހެއްގައި ދަތުރު ކުރައްވަނީ -- ފޮޓޯ: އެމްޓީސީސީ

2. ދެވަނަ ދުވަހުގެ ތަޖުރިބާ ފުރަތަމަ ދުވަހަށް ވުރެ ރަނގަޅުތޯ؟

އާޒިމް: މިއަދު ވެސް ހަމަ ވަރަށް ރަނގަޅު. އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ގިނަ ބަސްތައް ހަމަ ފުލްކޮށް ދަތުރުކުރި ތަން. އެކަމަކު އަޅުގަނޑާ ހަމައަކަށް އަދި ތަފާސްހިސާބެއް ނާދޭ ސީދާ ކިހާ މީހުންނެއް ކަމެއް މިއަދު ދަތުރުކުރީ. ފުރަތަމަ ދުވަހު 2،200 މީހުން ދަތުރުކުރީމަ، އޭގެ މާނައަކީ އެއީ ރަނގަޅު އަދަދެކޭ.

3. މި ދެ ދުވަސް މި ދިޔައީ މިކަން ފެށުމުގެ ކުރިން ވެސް ހީކޮށްފައި އޮތް ގޮތަށްތޯ؟ އުންމީދުކޮށްފައި ނެތް، ކޮން ކަހަލަ މައްސަލަތަކެއްތޯ އަލަށް މި ދިމާވީ؟

އާޒިމް: އަޅުގަނޑުމެން އެސްޓިމޭޓް ކުރީ މިއަށް ވުރެ ވެސް ގިނައިން މީހުން ދަތުރުކުރާނެ ކަމަށް. އަޅުގަނޑުމެންގެ ޓާގެޓަކަށް ވީ ބޮޑެތި މިސްކިތްތަކަށް ދެވޭ ގޮތަށް، ސްކޫލުތަކަށް، ހޮސްޕިޓަލްތަކަށް އަދި މައި އޮފީސްތަކަށް ވެސް ދެވޭ ގޮތަށް ބަސް ރޫޓުތައް ހަމަޖައްސަން. މިހާރު މާލޭގެ 40 ތަނަކަށް ބަސްތައް ހުއްޓޭނެ.

އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައަކީ މަގުގެ އަރިމަތީގައި ބަސް ސްޓޮޕްތަކުގައި ސައިކަލާއި ޕާކުކޮށްފައި އޮންނަ މައްސަލަ. ނުވަތަ ބަހަށް ކައިރިނުކުރެވޭ ގޮތަށް އެ ސްޓޮޕާ ކައިރީގައި ޕާކު ކުރާ މައްސަލަ. އެހެންވެ، ފުލުހުންގެ އެހީތެރިކަމާ އެކު އެކަން ހައްލު ކުރެވޭތޯ އަޅުގަނޑުމެން އެބަ ބަލަން. އަދި ހަމަ އެހެންމެ، އެކަމަށް އާންމުން ހޭލުންތެރި ކުރަން ވެސް އަޅުގަނޑުމެން އެބަ ކެމްޕޭނެއް ފަށަން.

ޕަބްލިކް ޓްރާންސްޕޯޓަކީ ވަރަށް ގިނަ މީހުންނާ ގުޅިފައި އޮތް ހިދުމަތެއް. ކޮންމެ މީހަކު ވެސް ގަބޫލުކުރަންވީ އެ ބަހުގައި ތިބެދާނެކަން އެ މީހެއްގެ ދަރިފުޅު/ މަންމަ/ ބައްޕަ ނުވަތަ ގާތްތިމާގެ މީހަކު ވެސް ނުވަތަ އިމަޖެންސީއެއްގައި ހޮސްޕިޓަލަށް ދާން ޖެހިދާނެ މީހަކު ވެސް. އަމިއްލަ ފަރުދީ ޒިންމާއެއް ކަމަށް ބަލައިގެން ޕާކު ކުރަން ހުންނަ ތަންތަނުގައި ނޫނިއްޔާ ޕާކުނުކުރަންވީ. މި ބަހުގެ ހިދުމަތުން އެތައް ބަޔަކަށް އެތައް ބައިވަރު ފަސޭހައެއް އެބަ ލިބޭ. ޕާކު ކުރާނެ ޖާގަތައް ސަރުކާރުން އެބަ ހަދައިދޭ.

ބަޔަކު ބަހަށް އަރަނީ: ބޮޑު ތަރުހީބެއް ލިބުނު ---ފޮޓޯ: ނިޝާން އަލީ | މިހާރު

ބަޔަކު ބަހަށް އަރަނީ: ބޮޑު ތަރުހީބެއް ލިބުނު ---ފޮޓޯ: ނިޝާން އަލީ | މިހާރު

4. އާންމުން ބަސްތަކަށް ޖާގަ ދޭތޯ؟

އާޒިމް: ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޕަބްލިކް ޓްރާންސްޕޯޓަށް މަގުމަތިން ޖާގަ ލިބޭނެ. މި ބަސްތަކަކީ ގަޑިން ގަޑިއަށް ދާންޖެހޭ އެއްޗަކަށް ވާތީ، އަޅުގަނޑުގެ އިލްތިމާސް އަކީ މި އަށް ޖާގަ ދެއްވާށޭ. ހަގީގަތުގައި މަޖީދީމަގު ހުސްކުރުމުން އެއީ ޓެކްސީތަކަށް ވެސް، އަދި ޕްރައިވެޓް ކާރުތަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް. އަނެއްކާ ބަސްތައް ދުއްވަން ފެށީމަ، މިސާލަކަށް ފުރަތަމަ ދުވަހު ވެސް 2200 މީހުން އަޅުގަނޑުމެން އުފުލީމަ އޭގެ މާނައަކީ އެއީ ގާތްގަނޑަކަށް 400 ވަރަކަށް ކާރު މަގުމަތިން ސަލާމަތްކޮށްދެވުން. އެތައް ބައިވަރު ސައިކަލް ދަތުރު ސަލާމަތްކޮށްދެވުން. މަގުމަތިން އެއްޗެހި މަދުކޮށްދެވުން އެއީ އެންމެންނަށް ވެސް ފަސޭހަ ވާނެ ކަމެއް.

އަލުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ، މިއީ ޕަބްލިކް ޓްރާންސްޕޯޓް ކަން ގަބޫލު ކުރައްވައިގެން އެއަށް ވަގުތު ބާއްވައިގެން ގެއިން ނުކުންނެވުން.

5. އިތުރަށް މިކަން ރަނގަޅު ކުރަންޏާ އެމްޓީސީސީ އަށް ދެން ކުރެވިދާނެ ކަމަކީ ކޮބައިތޯ؟

އާޒިމް: މިކަން ރަސްމީކޮށް ފަށާއިރު އަޅުގަނޑުމެން ވިސްނީ ތިން ގޮތަކަށް ޓިކެޓް ނެގޭނެ ގޮތަށް ރާވަން. އެކަމަކު ދިމާވި ބައެއް ދަތިތަކާ އެކު، އެ ހުރިހާ ކަމެއް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ނުފެށި ހިނގައިދާނެ. އަޅުގަނޑުމެން ވިސްނީ ބީއެމްއެލް އާއި މާސްޓަ ކާޑާ ގުޅިގެން ކާޑު ތައާރަފުކުރަން. އަޅުގަނޑުމެން ނިންމާފައި އޮތީ ނަގުދު ފައިސާ އެއްގޮތަކަށް ވެސް ބޭނުން ނުކުރަން. އެހެންވެ މިހާރު އަޅުގަނޑުމެންނަށް ވާން އޮތް ގޮތަކީ ކިޔޫއާރު ކޯޑެއް ތައާރަފުކުރުން. ކޮންމެ ބޭފުޅަކަށް ވެސް ބޭންކް ވިސާ ކާޑު ބޭނުންކޮށްގެން އަޅުގަނޑުމެންގެ އެޕް މެދުވެރިކޮށް ކިޔޫއާރު ކޯޑެއް ނެގޭނެ. އެއީ ޓިކެޓް. ވިސާ ކާޑު ނެތް ބޭފުޅުންނަށް އާރުޓީއެލް ހާއްސަ ކާޑެއް ހެދިދާނެ.

އަޅުގަނޑުމެން ދެން ކުރާނެ ކަމަކީ ވީހާ ވެސް އަވަހަށް ބަސް ސްޓޭންޑްތައް ހިޔާ ކުރެވޭތޯ ބެލުން. އެކަން މި ހަފުތާގެ ތެރޭގައި ފެށޭތޯ މިބަލަނީ. އޭރުން ވާރޭ ވެހެންޏާ ވެސް، އަވި ދެންޏާ ވެސް ކޮންމެވެސް ވަރެއްގެ ހިޔާވަހިކަމެއް ލިބޭނެ.

6. ބަސް ސްޓޮޕްތައް މަދުތޯ؟ ނުވަތަ ގިނަތޯ؟ ރޫޓްތައް ރަނގަޅުތޯ؟ ބަސްތައް މަދުތޯ ނުވަތަ ގިނަތޯ؟

އާޒިމް: ރޫޓް ރަނގަޅު ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ. އަޅުގަނޑުމެން އަމާޒުކުރީ 10 މިނެޓަށް ވުރެ ދުރަށް ހިނގަން ނުޖެހޭ ވަރަށް. މިހާރު ބަސް ސްޓޮޕްތައް އެ ހުރީ އެއް ސްޓޮޕުން އަނެއް ސްޓޮޕަށް ފަސް މިނެޓުން ހިނގާލައިފައި ދެވޭ ވަރަށް.

މި ވަގުތަށް ބަލާއިރު ބަސްތައް ވެސް މަދެއް ނޫން. އަޅުގަނޑުމެންގެ ބަސްތަކުގެ ބެކަޕް ވެސް ހުންނާނެ. އަނެއްކޮޅުން އަޅުގަނޑުމެން މި އުޅެނީ އިލެކްޓްރިކް ކުދި ބަސްތަކެއް ވެސް ވަރަށް އަވަހަށް ގެނެވޭތޯ.

ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަހަށް އަރުވަނީ -- ފޮޓޯ: އެމްޓީސީސީ

ނުކުޅެދުންތެރިކަން ހުންނަ މީހަކު ބަހަށް އަރުވަނީ -- ފޮޓޯ: އެމްޓީސީސީ

7. މާލެ ކަހަލަ ތޮއްޖެހި، މަގުތައް ހަނި ރަށަކަށް މި ބަސްތައް ބޮޑު ކަމަށް ބައެއް މީހުން އެބަ ބުނޭ؟ ކީކޭތޯ ވިދާޅުވާނީ؟

އާޒިމް: މި ބަސްތަކަކީ އާދައިގެ މެދު ޕިކަޕެއް ވަރުގެ އެއްޗެހި. ސައިޒުން ބަލާއިރު ހަމަ އެއްވަރުގެ އެއްޗެއް. މާލެ އަކީ ވަރަށް ބައިވަރު މީހުން އުޅޭ ރަށެއް. ވަރަށް ގިނަ މީހުން އުފުލަން އެބަޖެހޭ. ބަސް ކުޑަވާ ވަރަކަށް ޔަގީނުން ވެސް ފުރޭނެ. ދަތުރުތައް ގިނަ ކުރަން ޖެހޭނެ. އޭރުން ވެސް ޓްރެފިކަށް ހަމަ ބާރުބޮޑުވާނީ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މި ބަސްތައް ބޮޑެއް ނޫން.

8. މި ދެ ދުވަހުގެ ދަތުރުތަކަށް ބަލާއިރު، އެންމެ ގިނަ މީހުން ބަސް ދަތުރު ކުރީ ކޮންކޮން ބޭނުމަކުތޯ ކޮބައިތޯ އާންމުކޮށް ދަތުރުކުރި އުމުރުފުރާއަކީ؟

އާޒިމް: އެ ޑޭޓާ އަދި ނެގިފައެއް ނެތް. އެކަމަކު އަޅުގަނޑުމެން އެބަ ބަލަން ކޮންކޮން އުމުރުފުރާއެއްތޯ، އާންމުކޮށް ކޮންކޮން ބޭނުމަކުތޯ ދަތުރުކުރަނީ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގޭނެ ތިސުވާލުގެ ޖަވާބު. އެކަމަކު، އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ކަމަކީ، އުމުރުން ދުވަސްވީ ވަރަށް ގިނަ މީހުން ދަތުރުކުރާކަން. ވަރަށް ގިނަ މީހުން އެތައް ދުވަހަކު ގެއިން ނުނުކުމެ ތިބި މީސްމީހުން މި ދެ ދުވަހު ބަހުގައި އެކި ތަންތަނަށް ހިނގައްޖެ. ވަރަށް ގިނަ ދަރިވަރުން ސްކޫލަށް ވެސް ދިޔަ. އެތައް ބަޔަކު އޮފީހަށް ވެސް ދިޔަ.

މާލޭގައި ބަސް ދުއްވަނީ: އެމްޓީސީސީން އެދެނީ ޖާގަ ދިނުމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާލޭގައި ބަސް ދުއްވަނީ: އެމްޓީސީސީން އެދެނީ ޖާގަ ދިނުމަށް -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

9. މަގުތައް އޮންނަ ގޮތުން ގަޑިއަށް ދިއުން އެއީ ބަސް ޑްރައިވަރުންނަށް ކިހާ ބޮޑު ޕްރެޝަރެއްތޯ؟

އާޒިމް: ބަސް ދަތުރުތައް ފެށުމުގެ ކުރިން އަޅުގަނޑުމެން ބެލިން ގަޑިތަކަށް ބަސްތަކަށް ދެވޭތޯ. ބަސް ދުއްވަން ފެށީމަ އަޅުގަނޑުމެންނަށް މިހާރު ފާހަގަ ވާނެ ކަން ނޭނގެ މަގުމަތިން އުޅަނދުފަހަރު މަދުކަން. މިސާލަކަށް އަޅުގަނޑު އޮފީހުގައި ހުރެފައި އަންހެނުން ބަލާ ދާކަށް މިހާރަކު ނުޖެހޭނެ. އިއްޔެ އެކަންޏަށް ބެލިޔަސް، މަގުމަތިން މަދުވާން ޖެހޭނެ 1000 ސައިކަލް. ހަތަރު ސަތޭކަ ކާރު.

އަޅުގަނޑުމެންގެ ވެސް އަދި ސަރުކާރުގެ ވެސް އެންމެ ފުރަތަމަ ބޭނުމަކީ މި ހިދުމަތުގެ އިތުބާރު އުފެއްދުން. ގަޑި އަށް ބަސް ސްޓޮޕަށް ދިއުން އެއީ ބޭނުންވާ ކަމަކީ. އެކަން ކޮށްދިނުމަށް ފުލުހުންނާއި ސަރުކާރުގެ އެކި މުއައްސަސާތައް ވަރަށް ބޮޑަށް އެބަ އެހީތެރިވޭ.

10. މި ހިދުމަތް މިއީ އާޒިމްގެ ކެރިއާގައި ކިހާ މުހިންމު ހިދުމަތެއްތޯ؟

އާޒިމް: އަޅުގަނޑުގެ ކެރިއާގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެސްޓީއޯގައި އުޅުނު އިރު މުޅި ރާއްޖޭގައި ފާމަސީ އެޅުމުގެ މަޝްރޫއު ހިންގަން އަޅުގަނޑާ ހަވާލުކުރި. އެކަން ކުރެވިއްޖެ. މި ސަރުކާރުން އަޅުގަނޑާ ހަވާލުކުރީ ރާއްޖެ ޓްރާންސްޕޯޓް ލިންކް. އެ މަޝްރޫއު އަޅުގަނޑުމެންނާ ހަވާލުކުރީ ޖުލައިގައި. މިހާރު ރާއްޖޭގައި އެ ނިޒާމު ގާއިމްކޮށްފައިވާ ހުރިހާ ރަށެއްގައި ބޭނުން ކުރާ ބަސްތައް މި ހުރީ ބަދަލުކޮށްދެވިފައި މުޅިން އާ ބަސްތަކަކަށް. އެނގިވަޑައިގަންނަވާނެ، ގްރޭޓާ މާލެ ދަތުރުފަތުރުގެ ނިޒާމު އޮތީ ބޮއްސުން ލައިފައި. އެކަމަށް މިހާރު އެއޮތީ ދާއިމީ ހައްލެއް އައިސްފައި. ފެރީގެ ނިޒާމަކުން އެންމެ އުތުރުގެ ތިން އަތޮޅު އެއޮތީ ގުޅާލެވިފައި. މި ނިޒާމް މުޅި ރާއްޖެ އަށް ފަތުރާލެވުމުން، ހަގީގަތުގައި އެއީ ވަރަށް ފަސޭހަ ވާނެ މުހިންމު ނިޒާމަކަށް ވާނެ.

ދެން މި އައީ މާލޭގެ ބަހުގެ ހިދުމަތް. މިއީ އަޅުގަނޑުގެ ކެރިއާގައި ކުރެވުނު އެންމެ މުހިންމު އެއް ކަންތައް. އެއްވެސް މީހަކަށް ބަރޯސާ ނުވެ، ހާއްސަކޮށް ދުވަސްވީ މީހުންނަށް ހިލޭ ދަތުރު ކުރުން އެއީ މިހާރު ކުރެވޭނެ ކަމެއް. ސްކޫލު ކުދިންނަށް ހިލޭ ސްކޫލަށް މިހާރު ދެވޭނެ.