Roadha Mihaaru
"ޓޫރިޒަމްގެ 111 ޕްރޮޖެކްޓެއް އޮތީ ހުއްޓިފައި"

ޓޫރިޒަމްގެ 111 ޕްރޮޖެކްޓެއް އޮތީ ހުއްޓިފައި: މައުސޫމް

20 ޖެނުއަރީ 2022

ޓޫރިޒަމަށް ދޫކޮށްފައިވާ 111 ޕްރޮޖެކްޓެއްގެ މަސައްކަތް އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓޫރިޒަމަށް ދޫކޮށްފައިވާ 111 ޕްރޮޖެކްޓެއްގެ މަސައްކަތް އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ގއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެ އަތޮޅުގެ ކަނޑުހުޅުދޫއަށް ޒިޔާރަތް ކުރައްވައި މައުސޫމް ވިދާޅުވީ ޕްރޮޖެކްޓުތައް ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިކަން ހައްލު ކުރުމަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ގިނަ ތަންތަނުން ޕްރޮޖެކްޓުތައް ނުނިންމާ ހުރީ ކޯޓުގައި މައްސަލަތައް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް ރަށްތައް ދޫކުރާނީ ތިން އަހަރު ތެރޭ ހަދާ ނިންމަން ޖެހޭ ގޮތައް ކަމަށާއި އެއްބަސްވުމުގެ ދަށުން އަލުން އެ ޕްރޮޖެކްޓެއް އަތުލުމުން ކޯޓަށް ނުދެވޭނެ ގޮތް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރެފައި ވަކިކޮށްފިއްޔާ ބުނެފާނެ އަަހަރުމެންނަށް ޕްރޮޖެކްޓް ނުނިމުނީ މޮހޮރު ނުލިބިގެންނޭ. އެހެން ކިޔާފައި ކޯޓަށް ހިނގައިދާނެ. ދެން ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރު ދޭން ޖެހިދާނެ. މިކަންތައް ހިނގާތީ އަޅުގަނޑުމެން މި ކުރިކަމަކީ ދެން ކޯޓަކަށް ނުދެވޭ ގޮތަށް. ހުރިހާ ރަށެއް އެއްކޮށް މި ހަދާލަނީ ތިން އަހަރުގެ އެއްބަސްވުމެއް. އެ މުއްދަތުގައި ނުހުޅުވިއްޖެއްޔާ އޮޓަމެޓިކުން ބާތިލުވާނެ،" މައުސޫމް ވިދާޅުވި އެވެ.

އާއްމުކޮށް ރިސޯޓެއް ހަދައި ނިމޭނީ 2.5 އަހަރުންކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ އެ މުއްދަތުގައި ޕްރޮޖެކްޓް ނުފަށައިފިނަމަ އެ ޕްރޮޖެކްޓެއް އަތުލާނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މި ޕްރޮޖެކްޓުތަކުގެ އަޕްޑޭޓް ފެންނަ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުވަދު އަތޮޅަކީ އާބާދީ ބޮޑު އަތޮޅަކަށްވާއިރު ރިސޯޓުތައް މަދުވުމުގެ ސަބަބުން ކަނޑުހުޅުދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އަތޮޅުގެ ގެމަނަފުއްޓާ އެ ރަށާ ދެމެދު އޮންނަ ރަށްތައް ވީހާވެސް އަވަހަަށް ބިޑަށް ހުޅުވާލުމަށް ވަނީ އެދިފަ އެވެ.

ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް އެކި ރަށްތަކުގައި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންވަނީ ހޯމް ސްޓޭ ޓޫރިޒަމް ފަށައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އަންނަނީ ހޯމް ސްޓޭ ފެށުމަށް ރައްތަކުގައި ކުރެވިދާނެ ކަންކަން ބަލައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރަމުންނެވެ.