Roadha Mihaaru
ރާއްޖޭގެ ވެކްސިން ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން

ރާއްޖޭގެ ވެކްސިން ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެ

19 އެޕްރީލް 2021

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެކްސިން ޖެހޭނެ ގޮތް ހަދަން އުޅޭކަން އިއުލާން ކުރުމާ އެކު ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ރާއްޖޭގެ ޓޫރިޒަމަށް ލިބިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެކްސިން ޖެހޭނެ ގޮތް ހަދަން އުޅޭކަން އިއުލާން ކުރުމާ އެކު ދުނިޔޭގެ ވަރަށް ބޮޑު ސަމާލުކަމެއް ރާއްޖޭގެ ޓޫރިޒަމަށް ލިބިއްޖެ އެވެ.

ރާއްޖޭން އިއުލާން ކުރި "ވިޒިޓް، ވެކްސިނޭޝަން، ވެކޭޝަން" (3ވީ) ޕްރޮގްރާމަކީ ދުނިޔޭގައި ވެސް ޓޫރިސްޓުންނަށް ހާއްސަކޮށްގެން އިއުލާން ކުރި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމް ރާއްޖެއިން އިއުލާން ކުރިކަން ދުނިޔޭގެ ސަމާލު ކަމަށް އައީ މިދިޔަ ބުދަ ދުވަހު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސީއެންބީސީ އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުއާ ގުޅިގެންނެވެ.

މި އިންޓަވިއުއާ އެކު ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަ އަންނަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީ އަށް އަރަމުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ސީއެންއެން އާއި ވިޔަފާރި މަޖައްލާ ފޯބްސް އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސްތައް ހިމެނެ އެވެ.

ހުރިހާ މީޑިއާތަކުން ވެސް ފާހަގަކޮށްފައިވާ ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގެ ގައުމަކުން ކޮވިޑް-19އާ ގުޅިގެން އިއުލާން ކުރި އެންމެ ތަފާތު ޕްރޮގްރާމެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ދާނެ ކަމަށް ވެސް އެ މީޑިއާތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ހަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ޕްރޮގްރާމް އަވަހަށް ފަށާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. އަދި މިއީ މި ވަގުތު ގިނަ ބަޔަކު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

ރާއްޖޭގެ 3ވީ ޕްރޮގްރާމަށް ތައުރީފުކޮށް މީހަކު ކުރި ޓްވީޓެއް--

ދުނިޔޭގެ ގިނަ ގައުމުތަކުން ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ތައާރަފު ކުރަން ނިންމާފައި ވަނީ "ވެކްސިން ޕާސްޕޯޓު" އެވެ. މި ޕާސްޕޯޓަކީ ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައިވާ މީހުންނަށް ޕީސީއާރު ޓެސްޓާއި ކަރަންޓީނާ ނުލައި ދަތުރު ކުރުމުގެ ހުއްދަ ދޭ އެއްޗެކެވެ. ރާއްޖެއިން މިހާރު ވަނީ މި ފުރުސަތު ވެސް ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން އިއުލާން ކުރި ލުއިތަކުގެ ތެރޭގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒު ފުރިހަަމަކޮށް ދެ ހަފުތާ ވެފައިވާ މީހުން ޕީސީއާރު ޓެސްޓުގެ ނަތީޖާއެއް ގެންނާކަށް ނުޖެހޭނެ އެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ވެކްސިން ދޭ ޕްރޮގްރާމެއް ފަށަން ނިންމާފައި ވީނަމަވެސް މި ޕްރޮގްރާމް ފަށާނީ ކޮންއިރަކު ކަމެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ. މިނިސްޓަރު މައުސޫމް ވިދާޅުވިގޮތުގައި މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުންނަށް ވެކްސިން ދޭން ފަށާނީ ރާއްޖޭގެ ހުރިހާ އެންމެނަށް ވެކްސިން ދީ ނިމުމުންނެވެ.

އޭނާ ވިދާޅުވިގޮތުގައި ރާއްޖެ އަށް މި ވަގުތު ވެކްސިން ލިބުމުގައި ދަތިކަމެއް ނެތެވެ. އެގޮތުން، އިންޑިއާއިން ދޭން ބުނި ވެކްސިން މިހާރު ލިބިފައިވާއިރު ޗައިނާގެ ވެކްސިނާއި ޑަބްލިއުއެޗްއޯގެ ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ފައިޒާ ވެކްސިން ވެސް ރާއްޖެ އަށް ވަނީ ލިބިފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާރު ރާއްޖޭގެ އާބާދީ އަށް ވެކްސިންގެ ދެ ޑޯޒު ޖެހޭވަރަށް ވެކްސިން އެބަހުއްޓެވެ. އަދި ސަރުކާރުން ވަނީ އިތުރު ހަތް ލައްކަ ޑޯޒު ހޯދުމަށް އެކްސްޓްރާ ޒެނެކާ ކުންފުންޏާ އެކު ވެސް އެއްބަސްވެފަ އެވެ އެހެންކަމުން ރާއްޖޭގައި ތިބި ދިވެހިންނާއި ބިދޭސީންނަށް ވެކްސިން ދިނުމަށްފަހު ވެސް ވެކްސިން ބާކީ ވާނެ އެވެ. މި ވެކްސިން 3ވީ ޕްރޮގްރާމުގައި ބޭނުން ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓުންނަށް ވެކްސިން ދޭނީ ހިލޭ ކަމެއް ނުވަތަ ފައިސާ ދައްކާ ގޮތަށް ކަމެއް އަދި އިއުލާން ކޮށްފައި ނުވެ އެވެ.