Roadha Mihaaru
ރިތިކް މިފަހަރު ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއާ އެކު

ރިތިކް މިފަހަރު ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއާ އެކު

11 ޖެނުއަރީ 2022

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ފިލްމަކުން ނުފެންނަތާ ދެ އަހަރުވީ ފަހުން މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އާ ފިލްމު "ވިކްރަމް ވޭދާ" ގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ފިލްމަކުން ނުފެންނަތާ ދެ އަހަރުވީ ފަހުން މި އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ އާ ފިލްމު "ވިކްރަމް ވޭދާ" ގައި އޭނާ ފެންނާނެ ގޮތް ދައްކާލައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ޔޫއޭއީގައި ކުރިއަށް ގެންދިޔަ މި ފިލްމުގެ ޝޫޓިންގައި ރިތިކްގެ ގިނަ މަންޒަރުތަކެއް ނަގައި ނިންމުމަށް ފަހު، އޭނާ ފިލްމުގައި ފެންނާނެ ގޮތް ދައްކައިލީ ހޯމަ ދުވަހު ފާހަގަކުރި އޭނާގެ 48 ވަނަ އުފަން ދުވަހާ ވެސް އެކީގަ އެވެ.

އާންމުކޮށްފައިވާ ރިތިކްގެ ފަސްޓް ލުކް ފޮޓޯތަކުގައި އޭނާ ފެންނަނީ ވަރުގަދަ ހަށިގަނޑަކާއި ތުނބުޅިއަކާ އެކީގަ އެވެ. އަދި މި ލުކުން އާކޮށް ދެނީ 2012 ގެ "އަގްނީޕަތު" ގައި ރިތިކް ފެނިގެން ދިޔަ ގޮތެވެ. "ވިކްރަމް ވޭދާ" ގައި ރިތިކް ފެންނާނީ ވޭދާ ކިޔާ ގޭންސްޓާރެއްގެ ރޯލުންނެވެ.

މިއީ ގޭންގްސްޓާރަކާއި ފުލުހަކާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ފިލްމެކެވެ. "ވިކްރަމް ވޭދާ" ގައިި ފުލުސް ކެރެކްޓާގެ ރޯލު ކުޅެނީ ސައިފް އަލީ ޚާނެވެ. އޭނާ ވެސް މިހާރު ވަނީ ލަކްނޯގައި މިދިޔަ މަހުގެ ފަހުކޮޅު މި ފިލްމުގެ ދެވަނަ ޝޫޓިން ޝެޑިއުލް ނިންމާލައިފަ އެވެ.

"ވިކްރަމް ވޭދާ" އަކީ ހަމަ އެ ނަމުގައި ގެނެސްދިން ތަމަޅަ އެކްޝަން ތުރިލާ އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. މި ދެ ފިލްމުގެ ޑައިރެކްޓަރުންނަކީ ވެސް ޕުޝްކާރް-ގަޔަތުރީ އެވެ. ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނު އިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މާދުވަނެވެ.

"ވިކްރަމް ވޭދާ" ގެ ޑައިރެކްޓަރުންނާ އެކު ސައިފް.

"ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމު، ރިތިކާއި ސައިފް އެކީގައި ފެންނާނެ އިރު މިއީ މި ދެ ތަރިން އެކީގައި ފެންނާނެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2002 ގެ "ނަ ތުމް ޖާނީ ނަ ހަމް" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ވިކްރަމް ވޭދާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ސެޕްޓެމްބަރު 30 ގަ އެވެ. މީގެ ބަތަލާ އަކީ ސައިފްގެ ނެޓްފްލިކްސްގެ ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ރޯލެއް ކުޅުނު ރާދިޕް އަޕްތޭ އެވެ.

ރިތިކްގެ އެންމެ ފަހުގެ ފިލްމަކީ 2019 ގައި ހިންދީ ސިނަމާގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ވޯ" އެވެ.